ޕެރަ ބެޑްމިންޓަން މުބާރާތަށް ރާއްޖޭގެ ޓީމް ތައިލެންޑަށް
ޕެރަ ބެޑްމިންޓަން މުބާރާތަށް ރާއްޖޭގެ ޓީމް ތައިލެންޑަށް

ތައިލެންޑްގައި މި މަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ޕެރަ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޕެރަލިމްޕިކް ބެޑްމިންޓަން ޓީމު މިއަދު ފުރައިފި އެވެ.

މި މަހުގެ 9-14 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި 37 ގައުމަކުން 347 ކުޅުންތެރިން ބައިވެރި ވެފައި ވެއެވެ. ރާއްޖޭން މުބާރާތުގައި ވާދަ ކުރަނީ ހަތަރު ކުޅުންތެރިންނެވެ. އެއީ 'ސްޓޭންޑިން ލެގް' ކެޓެގަރީގެ ފިރިހެން ދެ ކުޅުންތެރިންނާއި 'ޝޯޓް ހެއިޓް' ކެޓެގަރީގެ ދެ އަންހެން ކުޅުންތެރިންނެވެ.

ރާއްޖޭގެ އެތުލީޓުންނަކީ އަބްދުލް ލަތީފް މުހައްމަދު، އަހުމަދު ފަޔާޒު، ހައްވާ އީޝަލް ރިޔާޒު އަދި އައިޝަތު ނަޒާހާ އެވެ. ހަތަރު އެތުލީޓުން ވެސް ސިންގަލްގެ އިތުރުން ޑަބަލްސް އިވެންޓުގައި ވާދަ ކުރާނެ އެވެ. ޓީމުގެ ކޯޗަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ނެޝަނަލް ޑިވެލޮޕްމެންޓް އޮފިސަރުގެ މަގާމް ވެސް ފުރުއްވަމުން ގެންދަވާ އަހުމަދު އިޔާދެވެ.

މިއީ ނަޒާހާ ގައުމީ ޓީމާއެކު ބޭރުގެ ގައުމެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ދެން ތިބި ތިން ބައިވެރިން ވެސް ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލު ކޮށް ކުޅިވަރުގެ މިބޮޑު އާއިލާ އަށް އުފާވެރިކަން ގެނެސް ދީފަ އެވެ.

އެގޮތުން އީޝަލް ވަނީ 2021 ގައި އޭޝިއާގެ ޔޫތު ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ޕެރަ ބެޑްމިންޓަން މުބާރާތެއްގައި ރާއްޖެ އަށް ފުރަތަމަ މޮޅު ހޯދައިދީފަ އެވެ. އޭގެ ކުރިން ޔޫއޭއީގައި ބޭއްވި ފަޒާ ދުބާއީ ބެޑްމިންޓަން ޗެމްޕިއަންޝިޕް ގައި ވެސް އީޝަލް ކުޅުނެވެ. ފ. ނިލަންދޫގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ލަތީފް އާއި ށ. ފީވަކަށް އުފަން ފަޔާޒް ވަނީ ފަޒާ ދުބާއީ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ދެ މުބާރާތެއްގައި ވާދަކޮށް، ގަދަ 16 އަށް ވެސް ދަތުރު ކޮށްފަ އެވެ.

އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ ޕެރެލިމްޕިކްސް ގޭމްސް އަށް ކޮލިފައި ވުމަކީ ރާއްޖޭގެ އަމާޒެކެވެ. މިއީ ގޭމްސް އަށް ކޮލިފައި ވުމަށް ލިބޭ ޕޮއިންޓު ގުނާ މުބާރާތެކެވެ.