"ސަސުރާލް ސިމަރް ކާ"ގެ ލީޑް ރޯލު ކުޅުނު ދެ އެކްޓަރުން ކައިވެނިކުރަނީ
"ސަސުރާލް ސިމަރް ކާ"ގެ ލީޑް ރޯލު ކުޅުނު ދެ އެކްޓަރުން ކައިވެނިކުރަނީ

އިންޑިއާގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް ކަމަށްވާ "ސަސުރާލް ސިމަރް ކާ" ގެ ދެ ތަރިން ކަމަށްވާ ދީޕިކާ އާއި ޝުއައިބު ކައިވެނިކުރަން އުޅޭ ކަމަށް ބުނެފި އެވެ.

"ސަސުރާލް ސިމަރް ކާ"ގެ ލީޑް ރޯލު ކުޅުނު ދެ އެކްޓަރުން ކައިވެނިކުރަނީ
"ސަސުރާލް ސިމަރް ކާ"ގެ ލީޑް ރޯލު ކުޅުނު ދެ އެކްޓަރުން ކައިވެނިކުރަނީ

ދީޕިކާ ކައްކަރް އަކީ އެ ޑްރާމާގައި ސިމަރްގެ ރޯލު އަދާކުރާ ބަތަލާ އެކެވެ. އަދި ސިލްސިލާ ފެށިގެން ދެތިން އަހަރެއް ވަންދެން ފިރިހެން ލީޑް ރޯލު ކުޅުނީ ޝުއައިބް އިބްރާހީމެވެ.

ދީޕިކާ އާއި ޝުއައިބު ހަގީގަތުގައި ވެސް ރައްޓެހިވެގެން އުޅޭ ކަމަށް ޑްރާމާ ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި އަޑު ފެތުރުނެވެ. އެ ދެ މީހުން ވެސް ބުނަމުންދިޔައީ އެއީ ދޮގެއް ކަމަށެވެ. ރައްޓެހިވެގެން އުޅޭކަމަށް އެއްބަސްވީ މިދިޔަ އަހަރު އެވެ. އޭރުވެސް ރައްޓެހިވެގެން އުޅޭތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ދީޕިކާ ބުނި ގޮތުގައި "ސަސުރާލް ސިމަރްކާ" ފެށުނީއްސުރެ އޭނާ އާއި ޝުއައިބު އަކީ ގާތް ދެ އެކުވެރިންނެވެ. ނަމަވެސް ދެ މީހުންގެ މެދުގައި އެކުވެރިކަމަށް ވުރެ ގާތް ގުޅުމެއް އޮތްކަން ޔަގީންކުރެވުނީ 2013 ގައި ޝުއައިބު އެ ސިލްސިލާއިން ވަކިވުމުން ކަމަށް ބުންޏެވެ. އޭގެ ފަހުން ދެ މީހުން ސީރިއަސްކޮށް ރައްޓެހިވީ ކަމަށް ދީޕިކާ ބުނެ އެވެ. ޑްރާމާއިން ދީޕިކާ ވެސް މިހާރު ވަނީ ވަކިވެފަ އެވެ.

ދީޕިކާ އާއި ޝުއައިބު އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ ކައިވެނިކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށެވެ.

އެމީހުން ބޭނުންވަނީ ފިނި މޫސުމުގައި ކައިވެނި ކުރަން ކަމަށާއި ޝުއައިބު އަކީ މުސްލިމަކަށްވާތީ ދީޕިކާ ވެސް ބޭނުންވަނީ މުސްލިމުން ކުރާ ގޮތަށް ކައިވެނިކުރަން ކަމަށް ވެސް ޝުއައިބު ބުނެފައިވެ އެވެ.

ދީޕިކާ ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފަ އެވެ. އެއީ ޓީވީ އިންޑަސްޓްރީއަށް ވަނުމުގެ ވެސް ކުރިން އޭނާ ކުރި ކައިވެންޏެކެވެ. ނަމަވެސް ކައިވެންޏަށް ތިން އަހަރު ފުރުނު ފަހުން 2015ގެ ޖެނުއަރީ މަހު ދީޕިކާ ވަނީ އޭނާގެ ފިރިމީހާ ކައިރިން ވަރިވެފަ އެވެ. ދީޕިކާ ވަރިވީ ޝުއައިބުއާ ހެދި ކަމަށް ބުނެ އޭރުވެސް ގިނަ ބަޔަކު ތަފާތު ވާހަކަތައް ދެއްކި އެވެ. ނަމަވެސް ދީޕިކާ އެ ވާހަކަތައް ދޮގުކުރެ އެވެ. އޭނާ ބުނީ ޝުއައިބުއާ ލޯބީގެ ގޮތުން ގުޅުނީ ވަރިވި ފަހުން ކަމަށެވެ.

ކައިވެނި ރޫޅުމުގެ ސަބަބުން ދިމާވި ހިތްދަތިކަމާއި ދީޕިކާގެ ބައްޕަ ބަލިވެގެން އުޅުނު ދުވަސްވަރު ވެސް އެ އާއިލާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ޝުއައިބު ކަން ދީޕިކާ ފާހަގަކުރި އެވެ.