ކޭޕާކް މައްސަލަ ތަހުގީގުކުރާތީ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓައިފި
ކޭޕާކް މައްސަލަ ތަހުގީގުކުރާތީ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓައިފި

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލައި، ފްލެޓް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންއާ މައްސަލަޖެހި އޭނާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކޮށް މައްސަލަ ފުލުހުން ހުށަހަޅާފައި ވަނިކޮށެވެ. އަދި މަޝްރޫއު ހަވާލުކުރި އާބަންކޯ އިން ވެސް ވަނީ ތުހުމަތުތައް ތަހުގީގުކޮށްދޭން އެދި ޕޮލިހަށް ހުށަހަޅައިފަ އެވެ.

ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ އެދުމަށް ކޯޓުން އަމުރު ނެރެ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން "މިހާރު" އަށް ވަނީ ޔަގީންވެފަ އެވެ.

ކުންފުނީގައި މަންޑޭ ހިއްސާވަނީ ފަސް ޕަސެންޓެވެ. އަނެއް 95 ޕަސެންޓު ހިއްސާވަނީ ޗައިނާ މީހެއް ކަމަށްވާ ޝިއުން ޖިން އެވެ. އޭނާ އަކީ ކޭ-ޕާކް މަޝްރޫއުގެ ކޮންޓްރެކްޓަރު ވެސް މެ އެވެ.

ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާ އެކު އޮތް އެއްބަސްވުން މިދިޔަ ހަފްތާގައި އުވާލާފައިވާ ކަމަށް ހަންބޯ ޓެކް ކޮރެއާ އިން ވަނީ ބުނެފަ އެވެ.

ކޭ-ޕާކް ނިންމައި، ކަސްޓަމަރުންނަށް ތަން ހަވާލުކުރުމަށް މިހާތަނަށް އެކި ފަހަރު އެކި ތާރީހުތައް ދީފައިވެ އެވެ.

ހަންބޯގެ ރާއްޖޭ ކުންފުނީގެ މައި ހިއްސާދާރު އަދި ކޮންޓްރެކްޓަރު ޖިން، މަންޑޭގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުގައި، އޭނާއަށް ނޭނގި މަންޑޭ ވަނީ އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވެސް ވިއްކައި ފައިސާ ނަގައި އެ ބޭނުންކޮށްފަ އެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ޖިން ވަނީ ތުހުމަތުކޮށްފަ އެވެ.