06 މެއި 2023 - 12:09

އަންކާރާ (މެއި 6) - މި މަހުގެ 14 ގައި ތުރުކީގައި ބާއްވާ ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާނަށް ނާކާމިޔާބު ވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އެ ގައުމުގެ ވެރިކަމުގައި 20 އަހަރު ހޭދަ ކުރެއްވި އުރުދުޣާން ކުރިމަތިލާ އެންމެ އުނދަގޫ އިންތިހާބަކީ މި ފަހަރުގެ އިންތިހާބެވެ. އުރުދުޣާނާ ދެކޮޅަށް ވާދަކުރަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ސީއެޗްޕީގެ ކަމަލް ކިލިޑަރޮގްލޫ އެވެ.
މިދިޔަ މަހު ނެގި ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި ކިލިޑަރޮގްލޫ، އުރުދުޣާންގެ މައްޗަށް ކުރި ހޯއްދަވަނީ 47 ޕަސެންޓުންނެވެ. އުރުދުޣާނަށް ލިބިވަޑައިގަންނަވަނީ 44 ޕަސެންޓެވެ. މި މަހުގެ އެއްވަނަ ދުވަހު އާންމުކުރި އެހެން ޕޯލަކުން ދައްކާ ގޮތުގައި ވަރަށް ބޮޑު ތަފާތަކުން އުރުދުޣާންގެ މައްޗަށް ކިލިޑަރޮގްލޫ ކުރި ހޯއްދަވަ އެވެ. އެ ޕޯލްގައި 47 ޕަސެންޓް ކިލިޑަރޮގްލޫ ހޯއްދަވަ އެވެ. އުރުދުޣާން ލިބިވަޑައިގަންނަވަނީ 42 ޕަސެންޓް ވޯޓެވެ.
އެކަމަކު އެއީ އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރުގެ އަދަުތަކެއް ނޫނެވެ. އިންތިހާބު ކާމިޔާބު ކުރެވޭނީ 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓް ލިބޭ ކެންޑިޑޭޓެކެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓަށް ވުރެ އިތުރަށް ނުލިބިއްޖެ ނަމަ އެންމެ ގިނައިން ވޯޓް ހޯއްދެވި ދެ ކެނޑިޑޭޓްގެ މެދުގައި ދެވަނަ ބުރެއް ބާއްވާނެ އެވެ. ޖުމުލަ ހަތަރު ކެންޑިޑޭޓަކު އިންތިހާބުގައި ވާދަ ކުރެ އެވެ.
އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އުރުދުޣާނާއި ކިލިޑަރޮގްލޫ އާ ދެމެދުގަ އެވެ. ހިޔާލު ހޯދުމުގެ ވޯޓްތަކުގައި ކިލިޑަރޮގްލޫ ކުރީގައި އުޅުއްވި ނަމަވެސް ޕާޓީގެ މަގުބޫލު ކަމުގައި، އުރުދުޣާންގެ އޭކާ ޕާޓީ އޮތީ މާ ކުރީގަ އެވެ. އެހެންވެ އުރުދުޣާނަށް އޮތް ފުރުސަތު ކުޑަ ކަމަށް ބުނަން ސިޔާސީ ތަޖުރިބާކާރުނަށް ދައްޗެވެ.
ތުރުކީގެ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ކުރިއަށް ގެންދަނީ އެއް ދުވަހު އެވެ. ރައީސްކަމުގެ ރޭހުގައި އުރުދުޣާނަށް ނާކާމިޔާބު ވެދާނެ ކަމަށް ބެލެވުނަސް މަޖިލިސް އިންތިހާބުގައި ގިނަ ގޮނޑިތަކެއް ނަގާނީ އޭކާ ޕާޓީން ކަމަށް ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކަ އެވެ.
އުރުދުއާނަށް ނާކާމިޔާބު ވެދާނެ ކަމަށް ބެލެވިފައި ވަނީ ތުރުކީގެ ފައިސާ، ލީރާގެ އަގު ދަށަށް ދިއުމާއި ތަކެތީގެ އަގު އުފުލުމުންނެވެ. މި އަހަރުގެ ފެބްރުއަރީ މަހު ތުރުކީ އަށް އައި ބިންހެލުމުގެ ސަބަބުން އުނދަގޫ ހާލަތަކަށް ތުރުކީ ވެއްޓިފައި ވުމަކީ ވެސް އުރުދުޣާންގެ ތާއީދު ދަށަށް ދިޔަ ސަބަބެކެވެ.