06 މެއި 2023 - 12:13

ކެލިފޯނިއޯ (މެއި 6) - ބޭންކްތަކުގައި ފައިސާ ބެހެއްޓުން ރައްކާތެރި ނޫން ކަމަށް، އެމެރިކާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ގަބޫލުކުރާ ކަމަށް ހިޔާލު ހޯދުމުގެ ދިރާސާ އަކުން ދައްކައިފި އެވެ.
ޕްރޮފެޝަނަލް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ، ގޭލްއަޕްގެ ހިޔާލު ހޯދުމުގެ ދިރާސާ އިން ދައްކަނީ، ބޭންކްތަކުގައި ފައިސާ ބެހެއްޓުން ރައްކާތެރި ނޫން ކަމަށް 48 ޕަސެންޓް މީހުން ގަބޫލު ކުރާ ކަމަށެވެ.
އެމެރިކާގެ ބޭންކްތަކާ މެދު އާންމުންގެ އިތުބާރު ކުޑަވީ، އެ ގައުމުގެ ބޮޑު ތިން ބޭންކެއް ބަނގުރޫޓް ވުމުގެ ބިރު ކުރިމަތިވުމުންނެވެ.
ސިލިކަން ވެލީ ބޭންކާއި ސިގްނޭޗާ ބޭންކް ބަނގުރޫޓްވުމުގެ ބިރު ކުރިން އޮތީ ކުރިމަތި ވެފަ އެވެ. މި ހަފުތާގެ ކުރީ ކޮޅު އެހެން ބޭންކެއް ކަމަށްވާ ފަސްޓް ރިޕަބްލިކް ބޭންކް ބަނގުރޫޓް ވުމުގެ ބިރު ވަނީ ހީވެފަ އެވެ.
ދިރާސާގައި ބައިވެރިވި 19 ޕަސެންޓް މީހުން ތިބީ ބޭންކްގައި ވާ އެމީހުންގެ ފައިސާ އާ މެދު ވަރަށް ކަންބޮޑު ވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި ދިރާސާ އާއި 2008 ވަނަ އަހަރު އާންމު ކުރި ދިރާސާ އާ ގާތްގަނޑަކަށް ހަމަހަމަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި 2008 ގައި ލެހްމަން ބްރަދާސް ބޭންކް ބަނގުރޫޓް ވުމުން ކުރި ދިރާސާގައި ވެސް ބޭންކްތަކަށް އާންމު ކުރާ އިތުބާރު ދަށްވި އެވެ.