07 މެއި 2023 - 07:01

އެމެރިކާގެ އެކްޓްރެސް އެމްބާ ހާޑް، ހޮލީވުޑް ދޫކޮށް ސްޕެއިނަށް ހިޖުރަކޮށްފި އެވެ.

ގިނަބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އެކްޓަރު ޖޯނީ ޑެޕާ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު އެމްބާއަށް ގެވެށި އަނިޔާ ލިބުނުކަމަށް ތުހުމަތުކޮށް ޑެޕްއާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބު ވުމުން އެމްބާގެ ކުރިމަގާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.
ޑެޕްއާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން އެމްބާގެ ކެރިއައަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. ނަމަވެސް، މައްސަލަ ސާބިތު ނުވާކަމަށް ކޯޓު ނިންމުމާ އެކު، މިހާރު ފެންނަނީ ޑެޕްގެ ކެރިއާ އަނބުރާ ކޮޅަށް ޖަހަން އުޅޭ މަންޒަރެވެ.
މައްސަލަ ނާކާމިޔާބުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އެމްބާ، އޭނާގެ ދަރިފުޅާ އެކު ސްޕެއިނަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމްބާ އަކީ ސްޕެނިޝް ބަސް ދަންނަ މީހަކަށް ވުމުން، އެ ތަނުގައި އޭނާގެ ދަރިފުޅާ އެކު އުޅެނީ ވަރަށް އުފަލުން ކަމަށް، އެމްބާގެ ރައްޓެއްސަކާ ހަވާލާދީ ނޫހަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެކަމަކު، އެމްބާ ހޮލީވުޑް ދޫކޮށްލީ އެއްކޮށް ކަމެއް އަދި ޔަގީނެއް ނޫނެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި، ރަނގަޅު ވަގުތު ޖެހުމުން، ރަނގަޅު ޕްރޮޖެކްޓަކަށް އެނބުރި އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެމްބާ ކެލިފޯނިއާގައި ދިރިއުޅުނު ގެ، 1.1 މިލިއަން ޑޮލަރަށް ވިއްކާލުމަށް ފަހު ސްޕެއިނުން ތަނެއް ކުއްޔަށް ހިފި ކަމަށް ވެސް އަޑު އެރި އެވެ. އެކަމަކު، މިހާރު ވަނީ ސްޕެއިންގެ މެޑްރިޑް ސިޓީން ގެއެއް ގަނެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.