މާލޭގައި "ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން" ހަރަކާތްތެރިވާން ފަށަނީ
މާލޭގައި "ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން" ހަރަކާތްތެރިވާން ފަށަނީ

މިމަހުގެ 15 އިން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތައް ބެލެހެއްޓުމަށް ކައުންސިލުގެ 80 މުވައްޒަފުން، ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުންނަކީ ކައުންސިލުގެ މިދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަމެއް ކަމަށާއި މި މަޝްރޫއުގެ މަގްސަދަކީ މާލޭގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުން ކަމަށެވެ.

"މާލެއަކީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ނުކުމެ އަބަދުވެސް މަގުމަތި ބަލަހައްޓާ ޓްފެރިކްގެ ކަންކަން ވިޔަސް ޕާކިން ވިޔަސް ކުނީގެ މައްސަލަ ވިޔަސް އަދި ނުގަވާއިދުން ޕޭވްމެންޓް މަތީގައި ބަހައްޓާފައި ހުންނަ ތަކެތީގެ މައްސަލަ ވިޔަސް ރައްކާތެރި ނޫން ގޮތަކަށް އިމާރާތެއްގެ މަސައްކަތް ކުރުން ކަމަށްވިޔަސް މަގުމައްޗަށް ހުންނަ ހުރިހާ މައްސަލައެއް ބަލާނެ ޓީމެއް. މިހެން ބެލެހެއްޓީމަ މަގުމަތީގެ މައްސަލަތައް ހައްލުކުރުމަށް އެބަ އެޅޭ މުހިންމު ފިޔަވަޅެއް،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގިނަ ފަހަތު މަގުމަތީގެ ކަންކަން ބަލާނެ މީހަކު ނެތުމުން، ކަމެއް ދިމާވިޔަސް ރިޕޯޓްކުރަން ޖެހެނީ އާންމު ފަރާތްތަކަށް ކަމަށެވެ. އެކަމަކު ކައުންސިލުގެ މުވައްޒަފުން މަސައްކަތަށް ނިކުމެ މޮނިޓާކުރާ ނަމަ، މައްސަލަތައް މަދުކުރަން އެހީއަކަށްވާނެ ކަމަށެވެ.

އެހެންވެ، 80 މީހުންގެ ޓީމެއް މަސައްކަތަށް ނިކުންނަން ތައްޔާރުވެފައިވާއިރު އެމީހުން އެ މަސައްކަތުގައި އުޅޭނީ ހާއްސަ ޔުނިފޯމެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

އެމީހުން މަގުމަތީގައި ހަރަކާތްތެރިވާނީ ދެ ޝިފްޓަކަށެވެ. އެއީ ރޭގަނޑު 12 އިން 8 އަށް ފިޔަވައި ހުރިހާ ވަގުތެއްގައި ވެސް އެމީހުން މަސައްކަތުގައި އުޅޭނެ ކަމަށް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އެ މުވައްޒަފުން އެންމެ ފުރަތަމަ މަސައްކަތްކުރާނީ މީހުންގެ އެއްބާރުލުމާ އެކު މައްސަލަތައް ހައްލުކުރާށެވެ. އެކަމަކު ވަކި މަރުހަލާތަކަށް ފަހު ވެސް މައްސަލަ ހައްލުނުކޮށްފި ނަމަ، ފިޔަވަޅު އަޅައި، ޖޫރިމަނާކުރާނެ ކަމަށް ވިދާޅުވި އެވެ.