05 މެއި 2023 - 20:54

ހިޔާ ފްލެޓެއްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން އެއިން ކޮންމެ ފްލެޓެއްގެ 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައްކަން އާބަންކޯ އިން އަންގައިފި އެވެ.
އާބަންކޯ އިން ބުނީ ހިޔާގެ ޓަވަރެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެތަން ހޯދައިގެން ބެލި އިރު އިންޓީރިއާ ހެދުމުގެ މަސައްކަތްކޮށްފައި ހުރީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
އެތަނުން ބުނީ ދެ އެޕާޓްމަންޓްގެ މެދު ފާރު ތަޅާލުމަށް ފަހު އެތަން ހުރީ ހަތަރު ކޮޓަރީގެ އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށެވެ. އެހެންވެ ދެ ފްލެޓްގެ ވެރިން ވެސް ޖޫރިމަނާކުރީ އެވެ.
އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމުގެ އިތުރުން އެޕާޓްމަންޓް ކުރިން ހުރި ގޮތަށް 10 ދުވަސްތެރޭ ބަދަލުކުރަން ވެސް ވަނީ އަންގައިފަ އެވެ.
އެނގިފައިވާ ގޮތުގައި ދެ ފްލެޓް އެއްކޮށްލި މައްސަލައިގައި ޖޫރިމަނާކުރި އެއް ފްލެޓަކީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި "ހިޔާ ޔޫނިއަން" ގައި އިސްކޮށް އުޅޭ މީހެއްގެ ތަނެކެވެ.