05 މެއި 2023 - 16:26

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ފެންބޮޑުވެ ހިތަދު އާއި ފޭދޫގެ ބައެއް ގެތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. ހިތަދޫގެ 16 ގެއަކަށް ފެން ވަދެފައިވާ އިރު 7 ގެއެއްގެ ދަނޑު ބިންތަކަށް ވަނީ ގެއްލުން ވެފަ އެވެ. ފޭދޫގެ 8 ގެއަސް އެކިވަރުގެ ގެއްލުންވި ކަމަށް ޑިޒާސްޓާއިން ބުންޏެވެ.
"މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތަކަށް ގޮސްފައިނުވޭ،" ޑިޒާސްޓާ މެނޭޖްމަންޓުން ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝިނާޒު ވިދާޅުވީ، ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި މީހުން ދިރިއުޅޭ ގޭގެއަށް އެމްއެންޑީއެފްގެ ސަދަން ކޮމާންޑާއި ސިޓީ ކައުންސިލާ ގުޅިގެން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
"ފެންބޮޑު ވެފައިވާ ސަރަހައްދުތަކުގައި ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުން. އަދި ގޭގެ އަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދަން،" އޭނާ ވިދާޅުވި އެވެ.