05 މެއި 2023 - 15:33

ބްރައިޓަން (މެއި 5) - މެޗުގެ އެންމެ ފަހު ސިކުންތުގައި ބްރައިޓަން ހޯދި ޕެނަލްޓީ ކާމިޔާބު ކޮށްގެން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޔުނައިޓެޑް ތިންވަނައަށް އެރިޔަ ނުދީ ހުއްޓުވައިފި އެވެ.

ބްރައިޓަން ބަލިކޮށްގެން ޔުނައިޓެޑަށް އަމިއްލަ ބާރުގައި ތިންވަނައަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް މެޗުން ބަލިވުނުން އަމިއްލަ ބާރުގައި ތިންވަނައިގައި އޮތީ ދެ ޕޮއިންޓް އިތުރަށް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ.
ނިއުކާސަލް ޔުނައިޓެޑް ތިންވަނައިގައި އޮތީ 33 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނައިގައި އޮތީ 33 މެޗުން ހޯދި 63 ޕޮއިންޓާ އެކު އެވެ. ފަސްވަނައިގައި އޮތީ 34 މެޗު ކުޅެގެން 59 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ. އަދި ހަވަނައިގައި އޮތީ ބްރައިޓަން އެވެ. ބްރައިޓަން ވަނީ 32 މެޗުން 55 ޕޮއިންޓް ހޯދައިފަ އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފޮނުވާލައިފައި ވާއިރު ބްރައިޓަންގެ ކީޕަރު ޖޭސަން ސްޓީލް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ. އެއާ ހިލާފަށް ދެވަނަ ހާފުގައި ބޮޑަށް ކުރިއަށް ޖެހިގެން ހާފް އެއްކޮށް ޑޮމިނޭޓް ކުރީ ބްރައިޓަން އެވެ. އެންމެ ފަހުވަގުތާ ހަމައަށް ވެސް ކޮޅަށް ގޯލެއް ވަނަ ނުދޭން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ބްރައިޓަން ޕެނަލްޓީ ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ފަސް މިނިޓު ވެސް ނިމެނިކޮށެވެ. ޕެނަލްޓީ ލިބުނީ އެޓީމުން ނެގި ކޯނަރެއް ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަތުގައި ޖެހުމުންނެވެ. ރެފްރީ ބްރައިޓަން އަށް ޕެނަލްޓީ ދިނީ ވީއޭއާރު ރިވިއު އަކަށް ފަހު އެވެ. މި ޕެނަލްޓީ ޖެހީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ އެވެ.
ޔުނައިޓެޑުން މި ސީޒަންގައި ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި ވެސް ބައްދަލުކުރީ ބްރައިޓަންއާ ދެކޮޅަށެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު އެ މެޗު ބްރައިޓަން ކާމިޔާބު ކުރީ 2-1 އިންނެވެ. ޔުނައިޓެޑުން އެ މެޗުގައި ސުން ކަނޑުވާލީ މެކް އަލިސްޓާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ މެޗުގައި ބްރައިޓަން އަށް އިރުޝާދު ދިނީ ކުރިން އެ ޓީމުގެ ކޯޗުކަމުގައި ހުރި ގްރަހަމް ޕޮޓާ އެވެ.
ޔުނައިޓެޑް ވަނީ މިދިޔަ ހަފްތާ ޕެނަލްޓީ ޖަހައިގެން ބްރައިޓަން ބަލިކޮށް އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ މެޗު ޕެނަލްޓީ އަށް ދިޔައީ އިތުރު ވަގުތުގެ 30 މިނިޓުގެ ކުޅުން ހަމަވި އިރު ވެސް ދެޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުމުންނެވެ. މިއީ ޕޮޓާ އަށް ފަހު އެޓީމާ ހަވާލުވި ކޯޗު ރޮބާޓޯ ޑި ޒެބްރީގެ އިރުޝާދުގެ ދަށުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.
"ދެ މެޗުގައި ވެސް [ރޭގެ މެޗާއި އެފްއޭކަޕް ސެމީ ފައިނަލް މެޗު] އަހަރެންނަށް ހީވަނީ ބްރައިޓަން ކުޅުނީ ޔުނައިޓެޑަށް ވުރެ މޮޅަށް. ކުރީ މެޗުގެ ނަތީޖާ ނުނެރެވުނުކަން،" ލީގުގައި ރޭ ޔުނައިޓެޑް ބަލި ކުރުމަށް ފަހު ކޯޗު ޑި ޒެބްރީ ބުންޏެވެ.
"އަހަރެމެން ސެމީ ފައިނަލް މެޗުން މޮޅުވުން ވެސް ހައްގު. އެކަމަކު ޕެނަލްޓީ ޖަހައިގެން ބަލިވީ. މި މެޗުގައި މޮޅުވީ ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން. އަހަރެމެން ކުޅުނީ ވަރަށް މޮޅަށް މެޗު ޑޮމިނޭޓް ކޮށްގެން. މިއީ ކުޅުންތެރިން ހޯދި ހައްގު މޮޅެއް."
ޑި ޒެބްރީ ބުނީ ލީގުގައި ބްރައިޓަން އަށް ބާކީ އޮތް ހަ މެޗު ވެސް މުހިއްމު ކަމަށާއި، ކުރިއަށް އޮތް އެވަޓަން މެޗު ކާމިޔާބު ނުކުރެވިއްޖެ ނަމަ އެއީ ޔުނައިޓެޑް އަތުން ހޯދި ތިން ޕޮއިންޓް ގެއްލުން ފަދަ ކަމެއް ކަމުގަ އެވެ.