މަރުހަބާގެ ވައްޓަފާޅި ބާވެއްޖެތަ؟
މަރުހަބާގެ ވައްޓަފާޅި ބާވެއްޖެތަ؟

ސިޔާސީ ވެރިން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަންޏާ ރަށްރަށުން ވަރަށް ބޮޑަށް ތައްޔާރުވެ އެވެ. އެ ބޭފުޅަކަށް ތާއީދާއި އިތުބާރު އޮތް ކަން ހާމަކޮށްދޭ ލިޔުންތަކާއި ދިދަ ފަދަ ތަކެތިން ރަށު ތެރެ ޒީނަތްތެރިކުރެ އެވެ. ގިޑިގެ އާއި އުނދޯލިގެ ހަދަ އެވެ. ޒަމާންވީ މި އާދަކާދައިގައި ހުރިހާ ރަށަކުން ވެސް މެހްމާނަށް މަރުހަބާ ކިޔަނީ އެއްގޮތަކަށެވެ؛ ސްކޫލުގެ ޔުނިފޯމްގައި ދިދަ ހިފައިގެން ކުޑަކުދިންތަކެއް ނުކުމެ ތިބޭނެ އެވެ؛ އެ ބޭފުޅަކު މީހުންނާ ސަލާމްކުރައްވައި ނިމުނީމާ ދެން އޮންނާނީ ނެށުމެކެވެ.

މަރުހަބާގެ ވައްޓަފާޅި ބާވެއްޖެތަ؟
މަރުހަބާގެ ވައްޓަފާޅި ބާވެއްޖެތަ؟

މިއީ މި ފަހުގެ އަހަރުތަކުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ ސަގާފަތެކެވެ. ބަދަލެއް ބޭނުންވޭ ހެއްޔެވެ؟

މަރުހަބާގެ ވައްޓަފާޅި ބާވެއްޖެތަ؟
މަރުހަބާގެ ވައްޓަފާޅި ބާވެއްޖެތަ؟

ދިވެހި ތާރީޚު ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ވެރިން ރަށްރަށަށް ވަޑައިގަތީމާ މަރުހަބާ ދެންނެވުމުގެ ގޮތުން މިއުޒިކާއި ލަވައިގެ ހުށަހެޅުންތައް ބޭއްވުމަކީ "އަބަދުވެސް" އޮންނަ ސަގާފަތެކެވެ. އެކަން ފެށުނީ ސީދާ ކޮން އިރަކުކަން ބުނެދޭން ނޭނގުނަސް، ތާރީޚުގެ ވަކި ހިސާބަކުން "ރޮނގެއް ދަމާލަންޏާ، އެއީ މުހައްމަދު އަމީންގެ ވެރިކަން" ކަމަށް އެއް ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގައި މި ޖީލު ދުށް އެ އާދަކާދަ އަށް ބަދަލެއް ނައިސް އަދިވެސް ފެންނަނީ އެ މަންޒަރެވެ. ސަރުކާރުގެ އިސް ވެރިން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންފި ނަމަ މަރުހަބާގެ ނެށުމެއް ހުށަހަޅައިނުދޭ ރަށެއް މަދުވާނެ އެވެ. ގިނައިން އެކަން ކުރަނީ އަންހެންކުދިން ނުވަތަ އަންހެނުންނެވެ. ބައެއް ފަހަރު ރޯއަވީގައި ތިބެގެންނެވެ. ރައީސާއި އެ މަނިކުފާނާ އެކު ވަޑައިގަންނަވާ ވަފްދުގެ ބޭފުޅުން ފިނިހިއްޕެވުމަކަށް އިންސާފުކުރައްވާ އިރު މުނިފޫހިފިލުވައިދޭނީ އެ ހުށަހެޅުމުންނެވެ.

ދަފިނެގުން ކަހަލަ ހަރަކާތްތަކަށް އިސްކަންދޭ ރަށްރަށުން ފިރިިހެނުންގެ ބައިވެރިވުން ފެނުނަސް، އާއްމުގޮތެއްގައި މެހްމާނުން މުނިފޫހިފިލުވައިދޭނީ އަންހެނުންނާއި އަންހެންކުދިންނެވެ. މިއީ އާއްމުންގެ ބައެއް މީހުންނަށް ބަލައިގަންނަން އުނދަގޫ ކަމެކެވެ.

"ވަރަށް ގިނަ ފަހަރު އަންހެންކުދިން މި ބޭނުންކުރަނީ. (ވެރިންގެ) މުނިފޫހިފިލުވައިދޭން، އެ މީހުންގެ ކުރިމަތީގައި އަންހެންކުދިން ޑިސްޕްލޭ ކުރަނީ. ވަރަށް އުނދަގޫ ބަލަން،" ފާތުމަތު ނިޒާމް ޚިޔާލުފާޅުކުރި އެވެ."

"ހީވަނީ ގަނޑުވަރު ޒަމާން ހެން. ނޫނީ ކޮންމެވެސް ކަހަލަ ކޯއްޓޭއެއްގައި (އަންހެނުން) ޑިސްޕްލޭކޮށްފައި ތިބޭހެން. ދެން މިހާރު އެ ގޮތް ހުއްޓަން ވެއްޖެއެއްނު؟"

ފާތުމަތު ބުނީ މަރުހަބާ ކިޔުމުގެ ކަންކަމުގައި ބައިވެރިވާން ބޭނުން ނުވިޔަސް، ސްކޫލާއި ކައުންސިލްގެ ބާރުއެޅުމާ ހެދި ބައެއް ކުދިން ނުވަތަ އަންހެނުންނަށް އެކަން މަޖުބޫރުވެގެންދާ ކަމަށާއި އެއީ ވެސް މައްސަލައެއް ކަމަށެވެ.

މައުމޫންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ޖެއްސި އެންމެ ބޮޑު އެއް މައްސަލައަކީ އެ މަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާ އިރު މަރުހަބާ ދަންނަވަން ކުޑަކުދިން ނެރެ އަވީގައި ކޮޅަށް ބޭތިއްބުމެވެ. އެކަމަކު މައުމޫނަށް ފަހު، އެމްޑީޕީގެ ވެރިކަމުގައި، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ހަމަ އެ މަންޒަރު ފެނުނެވެ. އޭގެ ފަހުން ވެސް އަދި މިހާރު ވެސް، ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވުމުގެ އާދަކާދައިގައި، ދަރިވަރުން ބައިވެރިކުރުން އޮތީ ހަމަ އެ ގޮތުގަ އެވެ.

"މައިންބަފައިން މަރުހަބާ ކިޔަން ނުވަތަ ރައީސާ ބައްދަލުކޮށްލަން ދަންޏާ، ކަންކަން އެނގޭ ވަރު ކުދިން ގޮވައިގެން ގޮސް އެ ކުދިންގެ ރައީސް ދައްކާލަންވީ. ސަބަބަކީ، ބައެއް ފަހަރު ކުދިން ވަރަށް އުފާވޭ ރައީސް ފެނުނީމަ،" ފާތުމަތު ބުންޏެވެ.

"އެކަމަކު ދިދަ ދީފައި ކުދިން މަގަށް ނެރުމަކީ އެހާ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ. ޔުނިފޯމް ލައްވާފައި ނެރުނީމަ ޕާސަނަލް ޓަޗެއް ވެސް ނެތް ދޯ؟ މި ހުރިހާ ކަމެއްގައި ވެސް އަހަންނަށް ކަމުނުދާ ކަމަކީ ޑިސްޕްލޭކުރުމުގެ ބައި."

މުޅިން ވެސް އެއް ލަވަތަކަކަށް ދާދި އެއްގޮތް ހަރަކާތްތަކެއް ގެންނަ މަންޒަރު ފެންނަ މި ނެށުންތައް މި ޒަމާނާ ނުގުޅޭ ކަމަށް ވެސް އެއް ބަޔަކު ދެކެ އެވެ.

އެކަމަކު އަނެއްބައި މީހުންނަށް މި އާދަކާދައިގައި އެއްވެސް މައްސަލައެއް ނެތެވެ.

މުހައްމަދު އިބްރާހިމް ދެކޭގޮތުގައި ސަގާފަތާއި އާދަކާދައިގެ ކަންކަން ދިވެހިންގެ އަތުން ބިވަމުންދާ ޒަމާނެއްގައި މި ގޮތަށް މަރުހަބާ ކިޔުން ކުރިއަށް ގެންދިޔުން މުހިއްމު ވެސް ވެ އެވެ.

"މިއީ ރަށަށް ދާ މެހްމާނުންނަށް މެހްމާންދާރީ އަދާކުރުމަކީ ލިބޭ ޝަރަފެއްކަން ހާމަކޮށްދޭ ބައްދަލުވެލުމެއް. މީގައި އެއްވެސް ގޯހެއް ނެތް. މިއީ ދިވެހިންގެ މަރުހަބާކިޔުން އޮންނަ ގޮތް،" މުހައްމަދު ބުންޏެވެ.

"މިއީ ރަށްރަށުގެ މީހުން ވެރިންނަށް ޝުކުރު އަދާކުރުން. އެންމެ ކުރިންސުރެ ވެސް މި ކަން އޮންނަނީ މި ގޮތަށް."

މަރުހަބާ ކިޔުމުގެ އާދަކާދަ ބަދަލުކުރަން ޖެހޭތޯ، އެއީ ބަހުސެކެވެ. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ ވެރިން ކުރައްވާ ދަތުރުފުޅުތަކުން ފެންނަންވީ މަންޒަރުތަކާއި ފެނިގެން ނުވާނެ މަންޒަރުތައް އަދި ހިނގަންވީ ކަންކަމާއި ހިނގައިގެން ނުވާނެ ކަންކަމާ މެދު ފިކުރު ހިންގަންވީ ތަހުޒީބު ވިސްނުމަކުންނެވެ.