04 މެއި 2023 - 22:40

ދާދި ފަހުން ކުރިމަތިވި، ސްކޭމަރުންގެ މައްސަލަތަކަށް ހައްލެއް ގެންނަން ބީއެމްއެލުން އެޅި ފިޔަވަޅުތަކަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ތައުރީފު ކުރައްވައިފި އެވެ.

ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސްގެ "އެކްސްޕީއަރެންސް މޯލްޑިވްސް" ގެ ތިން ވަނަ ކެމްޕެއިން ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، ސްކޭމަރުންގެ އަމަލުތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށް އޮންލައިން ބޭންކިން އާއި ބީއެމްއެލް މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމުގައި މުހިއްމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ، މި އުނދަގޫ ހާލަތުގައި ވެސް ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެފަދަ ފިޔަވަޅުތަކެއް އެޅުމަކީ ބީއެމްއެލުން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ.
ފައިސަން ވަނީ، ބޭންކުން އެޅި ފިޔަވަޅުތަކުގެ އިތުރުން، ސްކޭމަރުންގެ އޮޅުވާލުންތަކުން ކަސްޓަމަރުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެދިވަޑައިގެންފަ އެވެ.
ބީއެމްއެލުން ދާދި ފަހުން ވަނީ ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވާލައިފި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގައި ބީއެމްއެލްގެ ދިގު ތާރީހެއް އެބައޮތް. ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އަންނަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް ބޭނުންވާ މުހިއްމު ހިދުމަތްތަކެއް ދެމުން. އެ ކުންފުނި އެހާ ފުރިހަމަ އަށް ހިންގާތީ އެކަމާ އުފާކުރަން،" ފައިސަލް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ބީއެމްއެލްގެ ދިގު ތާރީހުގައި ރާއްޖޭގެ ބޭންކިން ހިދުމަތަށް މުހިއްމު އަދި ބޭނުންތެރި ބަދަލުތަކެއް ގެެނެސްފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ބީއެމްއެލުން އަލަށް ފެށި "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ އެހީގައި އެމެރިކަން އެކްސްޕްރެސްއާ އެކު ކުރާ މަސައްކަތުގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ.
އެ ކެމްޕެއިނާ އެކު ބީއެމްއެލްގެ ކަސްޓަމާ ބޭސް އިތުރުވެ، ކުންފުނި އިތުރަށް ފުޅާވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.