04 މެއި 2023 - 14:50

ވިލާ ކޮލެޖުގައި ހިންގާ ޓޭލާސް ޔުނިވާސިޓީގެ ފަސް ކޯހަކަށް ވިލާ ފައުންޑޭޝަނުން ދޭ ސްކޮލަޝިޕްގެ ފުރުސަތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އެއީ ކޯހުގެ ޓިއުޝަން ފީގެ 50 ޕަސެންޓު ކަވަރު ކުރާނެ ސްކޮލާޝިޕެކެވެ. ސްކޮލާޝިޕުން ޖުމްލަ 30 ދަރިވަރަކަށް ފުރުސަތު ލިބޭނެ އެވެ.
ބެޗެލާ އޮފް ކަލިނަރީ މެނޭޖްމަންޓް ޕްރޮގްރާމް: 10 ފުރުސަތު
ބެޗެލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ ޕްރޮގްރާމް: ފަސް ފުރުސަތު
ބެޗެލާ އޮފް މާސް ކޮމިއުނިކޭޝަން ޕްރޮގްރާމް: ފަސް ފުރުސަތު
މާސްޓާސް އޮފް ކޮމިއުނިކޭޝަންސް ޕްރޮގްރާމް: ފަސް ފުރުސަތު
މާސްޓާސް އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް ޕްރޮގްރާމް: ފަސް ފުރުސަތު
ވިލާ ފައުންޑޭޝަނުން ދޭ ސްކޮލާޝިޕްގެ ފުރުސަތުތައް އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފައުންޑޭޝަނުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވީ އެއީ ވިލާ ކޮލާޖާ ދެމެދު އޮތް ޕާޓްނާޝިޕްގެ ދަށުން ދޭ ފުރުސަތުތަކެއް ކަމަށެވެ. އެ ކޯސްތަކަކީ ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތަކެއް ކަމަށާއި އެއީ ގިނަ އަދަދެއްގެ ދިވެހިން އެ ޔުނިވާސިޓީން ކިޔެވުމަށް ހުށަހަޅާ ކޯސްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެ ފަދަ ފުރުސަތެއް ދަރިވަރުންނަށް ހުޅުވާލަނީ ކޯހަށް ދާ ހަރަދުން ލުޔެއް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވިލާ ފައުންޑޭޝަނަކީ މީހުން ބިނާ ކުރުމަށް މަސައްކަތް ކުރާ ބައެއް. ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީން މީހުން ބިނާ ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން. މި ސްކޮލާޝިޕުގެ ފުރުސަތަކީ ޓޫރިޒަމް ދާއިރާ އިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފަހި ފުރުސަތެއް،" ހަމީދު ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު އަލީ ނަޖީބު ވިދާޅުވީ ސްކޮލާޝިޕަށް އެދި ހުށަހެޅޭނީ ވިލާ ސްކޮލާޝިޕަށް ކަނޑައަޅާފައިވާ ކޯސްތަކުގެ ތެރެއިން ކޯހެއް ލިބުނު ކަމުގެ ލިޔުން ލިބޭ ދިވެހި ދަރިވަރުންނަށް ކަމަށެވެ. އެއީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުން ކިޔަވާ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގައި ދުނިޔޭގެ އެންމެ ރަނގަޅު ޓޫރިޒަމް އިންޑަސްޓްރީ އޮތް އިރު އެ ދާއިރާ އިން އެންމެ ރަނގަޅު ހިދުމަތް ދޭނެ މީހުން ތަމްރީނު ކުރުމަށް ފުރުސަތު ފަހި ކޮށްދިނުން. މި ސްކޮލާޝިޕްގެ ފުރުސަތު މި ހުޅުވާލަނީ މި ދާއިރާއަށް މުހިންމު ތަމްރީނުތަކެއް ލިބޭނެ ކޯސްތަކަކުން. ސްކޮލާޝިޕުން މާލީ ބޮޑު ލުޔެއް ދަރިވަރުންނަށް ލިބޭނެ،" ނަޖީބު ވިދާޅުވި އެވެ.
ސްކޮލާޝިޕް ދިނުމުގައި ބަލާނީ އެކަޑެމިކް މެރިޓަށެވެ. ވިލާ ކޮލްޖްގެ ބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު މި މަހުގެ 13 ގެ ނިޔަލަށް ހުށަހެޅޭނެ އެވެ.
ސްކޮލާޝިޕް ދޭ ޕްރޮގްރާމްތަކަށް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެޕްލައި ކުރެވޭނެ އެވެ.