އެސްފީނާ
އެސްފީނާ

"އުޑުން ތަރިތައް އޮތީމޭ ހިތުން ގުނަގުނާ، ހިތަށްއަރަނީ ތަކޭ ފަރި ވަނާ. މަޑުން ފިރުކޭ ވިލާތައް ވެދަންދެން ފަނާ، ބަލަން އޮވެގެން މަ ކިއީމޭ ސަނާ.." ގެ އަޑު، މަޑުމަޑުން މާޙައުލަށް ފެތުރެމުންދިޔައެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅާއި، ޖެހެމުންދިޔަ ނަލަ ރޯޅިއާއި، އޫސަމުސާގެ އަޑުން އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. އަލިފާންގަނޑުގައި ފިހެވެމުންދިޔަ މަހާއި ކުކުޅުބިރިޔާނީގެ ވަހުން ޖާފަތަށް ދިރުންގެންދިނެވެ. ސާދަވިލޭރޭގެ ހަނދާއި، ގުނާ އަދަދު ނުކުރެވޭ ކުލަބޮކިތަކުން ގޮނޑުދޮށަށް އުޖާލާކަން ގެނެސްދިނެވެ. ހުރިހާ ގޮތަކުން ވެސް އެ ރޭ ޚާއްޞައެވެ. އުފާވެރިއެވެ. އަލަތު އަނބިމީހާ ނާދިޔާގެ އަތުގައި ހިފަހައްޓައިލައިގެން އަހަރެން ހުރީ، ހަނދާންވާ ގޮތުގައި ކާނިގަހެއް ކައިރީގައެވެ. އެއީ، ރަތްރީނދޫ މަލެއް އަޅާ ގަހެކެވެ. ރަށުގެ އެ ގޮނޑުދޮށަކީ އަހަރުމެން އެންމެ ފުރަތަމަ ބައްދަލުވި ތަނެވެ. އެންމެ ފުރަތަމަ ރުޅިވި ތަނެވެ. އަލުން ބައްދަލުވި ތަން ވެސް މެއެވެ. މާލޭގައި ދިރިއުޅުނު ނަމަވެސް، ރަށަށް އައީ، އެ ތަނުގައި ކައިވެނި ޕާޓީ ބޭއްވުމަށްޓަކައެވެ. ދަޢުވަތުދިނީ ޢާއިލާގެ މީހުންނާއި ގާތް އެކުވެރިންނަށް އެކަންޏެވެ. ހުރިހާ ކަމެއް ދިޔައީ އަހަރުމެން ބޭނުންވި ގޮތަށެވެ. އަމާންކަމާއި އޮމާންކަމާ އެކުގައެވެ. ކައިވެނިކުރަން އަހަރުމެން ނިންމީ، އެކަކަށްއަނެކަކު ރަނގަޅަށް ދަސްވީމައެވެ. ނާދިޔާ މުޅި ހަޔާތް، ފޮތެއް ފަދައިން އަހަންނަށް ހުޅުވައިލަދިނެވެ. އަހަރެން ވެސް ކަންތައް ކުރީ އެ އުސޫލުންނެވެ. އަހަންނާ ބެހޭ ގޮތުން ނާދިޔާއަށް ނޭނގޭ އެކައްޗެއް ވެސް ނޯންނާނެއެވެ. އެންމެ ކަމެއް ފިޔަވައެވެ. އެއީ، ލޯތްބާ ގުޅުންހުރި ކަމެއް ނޫނެވެ. އެހެން އިންސާނަކާ ގުޅުންހުރި ކަމެއް ވެސް ނޫނެވެ. އެ ކަން ސިއްރުކުރަން މަޖުބޫރުވީ އަހަރުމެންގެ ލޯތްބަށްޓަކައެވެ. ތެދު ބުނެފި ނަމަ، އަހަރެން ދޫކޮށްލައިފައި ނާދިޔާ ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ. މަކަރާއި ހީލަތެއް އެއަކު ނޯންނާނެއެވެ.

ޕާޓީ ނިންމާލަން ހަމަޖެހިފައި އޮތީ ދިހަގަޑި ބައިގައެވެ. އެކަމަކު، ބާރަޖަހަން ކަށި ދަތުރުކުރަމުންދިޔައިރު ވެސް ޕާޓީގެ ޒުވާންކަމެއް ނުކެނޑެއެވެ. ފޯރި ކުޑައެއް ނުވިއެވެ. އަހަރެންގެ ސިކުނޑި ބުނީ ބާރައިގެ ކުރިން ޕާޓީ ނިންމައިލުމަށެވެ. ހިތް ބުނީ ފަތިސްވަންދެން ޕާޓީ ކުރިއަށް ގެންދިއުމަށެވެ. ނާދިޔާއަށްޓަކައެވެ. އަހަރުމެންގެ ކައިވެންޏަށްޓަކައެވެ. ލޯބި ނާދިޔާގެ ތުންފަތުން ފިލައިގެން ނުގޮސް ހުރި ހިނިތުންވުމަށްޓަކައެވެ. ގަޑިން ބާރަޖެހުމާއެކު ނާދިޔާ އަނބުރައިގަނެގެން ވެއްޓުނެވެ. އަހަރެން ހުރީ ވަރަށް ވިސްނައިގެންނެވެ. ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އެހެންކަމުން، ނާދިޔާ އޮތީ އަހަރެންގެ އަތްދަނޑިމަތީގައެވެ. ގެ ހުރީ ކައިރީގައެވެ. ފަރުވާތެރިކަމާ އެކުގައި ނާދިޔާ ގެންގޮސް އެނދެއްގައި ބޭއްވީމެވެ. ނާދިޔާ ހޭއެރުވީ ފަލާހެވެ. ނާދިޔާގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. އޭނަގެ ދާއިރާއަކީ ހަށިގަނޑުގެ ކަށިތަކެވެ. އެކަމަކު، އާންމު ބަލިތަކަށް ވެސް ކުޅަދާނަ ޑޮކްޓަރެކެވެ. ހޭއެރިއިރު ނާދިޔާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސައެވެ. ޢާއިލާގެ މީހުން ޝައްކު ކުރި ގޮތުގައި އެ ރިހުމުގެ އަސްލަކީ ބޮލުގައި އުފެދިފައިވާ ސިސްޓެކެވެ. އެ ސިސްޓެއް އިންނަތާ އެތަކެއް އަހަރެއް ވެއްޖެއެވެ. އަހަންނަކީ ތަފާތު ގޮތަކަށް ވިސްނާ މީހެކެވެ. ފުރަތަމަ ވެސް އަހަރެންގެ ހިތުގައި އުފެދުނު ސުވާލަކީ، އެހާ ގިނަ ޒަމާންވެފައިވާ ސިސްޓެއްގެ އުނދަގޫ ކުއްލިއަކަށް ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ވަކި ރެއެއްގެ، ވަކި ވަގުތެއްގައި ހަމަލައެއް ދިނީ ކީއްވެގެން ހެއްޔެވެ؟ އެންމެން ތިއްބައި އެ ސުވާލު އަހަރެން ފެންމައްޗެއް ނުކުރަމެވެ. ޑޮކްޓަރުބޭބެގެ މައްޗަށް އަހަރެން ބަސްކިޔާނީ ކިހިނެއް ހެއްޔެވެ؟ ކޯޗެއް އެނގިގެން ހެއްޔެވެ؟ ފިނިފެނުން ނާދިޔާގެ ބޯ ބޮނޑިތާންކޮށް، ބޭހެއް ވެސް ކާންދީގެން ރިހުން ވަރަށް ބޮޑަށް މަޑުކުރެވުނެވެ. އެ ހިސާބުން، ނިދަން ލަފާ ދީފައި އެހެން އެންމެން ދިޔައީ ނިދާށެވެ. އަހަރެންގެ ޖީބުގައި އޭރު ވެސް ފެންފުޅި އޮތެވެ. މިނެރަލްވޯޓާ އަޅާފައި ހުންނަ އެންމެ ކުދި ސައިޒުގެ ފުޅިއެކެވެ. އޭގައިވާ ފެނަށް ހުންނާނީ ކިޔަވައިފައެވެ. ސިހުރެއް ބާތިލުކުރުމަށްޓަކައެވެ. ފުޅި ތައްޔާރުކުރީ މީހަކު ބުނެގެންނެވެ. ކަންދިމާވި ގޮތުން އެ ފުޅި ޖީބުގައި ބޭއްވިފައި އޮތީއެވެ. އަހަރެން އެ ފުޅި ނެގީ، ހިތުގައި އުފެދުނު ޝައްކެއް ޔަގީންކުރުމަށްޓަކައެވެ.

"ތިޔޯ؟" ފުޅިއަށް ބަލައިލައިފައި ނާދިޔާ ކުޑަކޮށް ފަހަތަށް ޖެހިލައިފައި އެހިއެވެ. "ކީއްކުރަން ޖީބަށް ލައިގެންއުޅޭ އެއްޗެއް ތީ؟"

އަހަރެންގެ ޖީބުގައި އޮތް އެއްޗެއްގެ ޙަޤީޤަތް ނާދިޔާއަށް އެނގުނީ ހެއްޔެވެ؟ އެނގިގެން ނުވާނެއެވެ. އިންސާނަކަށް އެ ކަމެއް ނުކުރެވޭނެއެވެ.

"މީ ކޮންމެ އެއްޗަކަށް ވިޔަސް ދެން ނުހުރެވޭނެ މި ތާކު،" ވަރަށް ސާބިތުކަމާ އެކުގައި އަހަރެން ބުނީމެވެ. "ނުކުންނަން ޖެހޭނީ. އައި ގޮތަކަށް ދާންޖެހޭނީ."

އަހަރެން ކިޔާ އެއްޗެއް ނާދިޔާއަށް އެނގުނުކަމަކަށް ނުވިއެވެ. ބަލަހައްޓައިގެން ހުރީއެވެ. އެންމެ ފަހަރަކު ވެސް އޭނަ އެސްފިޔައެއް ނުޖަހައެވެ. އިންސާނަކަށް އެހެން ހުރެވޭނީ، އޭނަގެ ހަށިގަނޑުގައި އެހެން ބާރެއް ހުރެގެންނެވެ. ނާދިޔާ ހުރީ، އެހެންޏާ އޭނަ ހުންނަ ވަރަށް ވުރެ ސީދަލަށެވެ. ފައިތިލައިގެ ކޮޅު ހުރީ އެހެންޏާ ބަހައްޓާ ގޮތަކަށް ނޫނެވެ. އެ ކަހަލަ ކުދިކުދި އަލާމަތްތަކަކީ އަހަރެން ކަހަލަ ކޮންމެ މީހަކު ވެސް ފާހަގަކުރާނެ ކަންކަމެވެ. އަހަރެންގެ ދާއިރާއާ ގުޅުންހުރި ކަންތައްތަކެވެ.

"ނޭނގެ ތި ކިޔާ އެއްޗެއް،" ހައިރާންވެފައި ނާދިޔާ ބުންޏެވެ. "ވަރަށް ނިދިއައިއްސި. ކީއްވެތަ ނޫކުލައިގެ ގަމީހެއް މި ރޭ ލީ؟ މަ ބުނީމެއްނު ނޫކުލަ މަށަށް ވަރަށް ހަޑިއޭ. މަ ނުކުންނަންވާއިރަށް ތި ގަމީސް ބަދަލުކުރާތި!"

ފެންފުޅީގެ އެއްވެސް ބޭނުމެއް އަހަރެން ނުކުރަމެވެ. ނާދިޔާ ވަނީ ފާޚާނަޔަށެވެ. އޭނަ ހިނގައިފައިދިޔައިރު އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އެ ހިނގުމަކީ ނާދިޔާގެ ހިނގުމެއް ނޫނެވެ. ނާދިޔާގެ އެންމެ އަޅައިގަންނަ ސިފައަކީ އޭނަ ހިނގާ ގޮތެވެ. އަހަރެން އެންމެ މޮޔަކޮށްލާ ހަރަކާތަކީ ވެސް އެއީއެވެ. އެ ރޭ ނާދިޔާގެ ހިނގުން ހަރުކަށްޓެވެ. ފިރިހެން ގޮތެއް ހުއްޓެވެ. އަހަރެން ހުރީ ރައްކާތެރިކަމުގެ ފާރުތައް ރާނައިގެންނެވެ. ނާދިޔާ އައުމުގެ ކުރިން އެނދުގައި އަހަރެން އޮށޯތީމެވެ. ފާޚާނައިން ނުކުތީ ނާދިޔާއެވެ. ބޮނޑުވައިއިނގިލި ކުރިން ފެށިގެން ނިތްކުރިޔާ ހަމައަށް ވެސް އަހަރެންގެ ނާދިޔާއެވެ.

"ތި ނޫކުލަ ހާދަ ގުޅެޔޭ،" ރަކި ގޮތަކަށް ހިނިތުންވެލައިފައި ނާދިޔާ ބުންޏެވެ. "މައި ފޭވަރިޓް!"

އެނދުގައި ޖެހުނު ގޮތަށް ނާދިޔާ ނިދިއެވެ. އަހަރެންގެ ލޮލަކު ނިންޖެއް ނެތެވެ. އިރުކޮޅަކު ވިސްނަން އޮތީމެވެ. ރައްޓެހިވެގެން އުޅުނުއިރު ނާދިޔާގެ ފަރާތުން ނުފެނުނު ސިފައެއް ކުއްލިއަކަށް ފެނުނީ ކީއްވެގެން ހެއްޔެވެ؟ ސުވާލުގެ ޖަވާބު އެ ފަހަރު ލިބުނެވެ. ކުރިން ނާދިޔާއަކީ ހުސްހަށިބައި ކުއްޖެކެވެ. އަހަރެންގެ މިލްކަކަށްވީ އެ ރެއެވެ. ވީއިރު، އެ ރޭގެ ދަންވަރު ބާރައާއި އެހެން ރޭރޭގެ ދަންވަރު ބާރަ، ނާދިޔާއަށް ތަފާތުވާނެއެވެ. އަހަރެން ހުއްދަ ފަންޑިތަ ދަސްކުރަން ފެށީ ނާދިޔާއާ ރައްޓެހިވެގެން އުޅެމުންނެވެ. ނާދިޔާއަށް އެ ކަން އެނގުމުން އޭނަ ބިރުގަންނަން ފެށިއެވެ. އެ ކަން ހުއްޓައިލުމަށް އަހަންނަށް އެންގިއެވެ. ސިއްރުން އެ ކަން ކުރަން މަޖުބޫރުވީ ސަބަބަކީ އެއީއެވެ.

އަހަރުމެން ރާއްޖެއިން ބޭރަށް ދިޔައީމެވެ. ނާދިޔާގެ ބޮލުގެ އެކްސްރޭއެއް ނެގީމެވެ. އަހަންނަށް އެންމެ އިތުބާރު ކުރެވޭ ޑޮކްޓަރަށް ދެއްކީމެވެ. ނާދިޔާގެ ޢާއިލާގެ މީހުން ބުނީ ތެދެކެވެ. ސިސްޓެއް އިނެވެ. ސީޓީ ސްކޭނެއް ހެދީމެވެ. އެމްއާރުއައި ވެސް ހެދީމެވެ. ވަރަށް ސާފުކޮށް ސިސްޓު ފެންނަން އިނެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ވަކި ފަޅިއަކަށް އަސަރުކުރާނެކަމަށް ޑޮކްޓަރު ބުނި ހިސާބުން އެ އަސަރުތައް ފެންނަން ފެށިއެވެ. އެއީ ކަން އޮންނަ އުސޫލެއް ނޫނެވެ. ބައްޔެއް ހުރިކަން އެނގުނަސް ނޭނގުނަސް އެ ބަލީގެ އަސަރުތައް ފެންނަން ޖެހޭނެއެވެ. ވާނެކަމަށް ޑޮކްޓަރު ބުނާ ކަންކަން ހަށިގަނޑަށް އިހުސާސް ކުރެވުމަކީ ޝައްކުބައްޔެވެ. ޑޮކްޓަރު ދިން ބޭސްތަކުގެ މަޢުލޫމާތު އަހަރެން ހޯދީމެވެ. ވިޓަމިން ފިޔަވައި އެހެން ބޭހެއް ނުނަގަމެވެ. ބޮލުގަރިހުން އެއްކޮށް ކެނޑުވުމަށްޓަކައި ބޭނުންކުރީ ވިޓަމިން އެކަންޏެވެ. ރޫޙާނީ ބާރަކީ އެ ކަހަލަ އެއްޗެކެވެ. އެކްސްރޭއިން ޢަލާމާތް ފެންނާނެއެވެ. އެހެންނަމަވެސް އެއީ އޮޅުވާލުމެކެވެ. އަހަރެންގެ ނަފުސު ބުނަމުންގެންދިޔައީ ޙަޤީޤަތް ހޯދުމަށެވެ. އޮޅުންފިލުވުމަށެވެ. އަހަރެން ހުރީ އެ ކަން ކުރާނެ ގޮތެއް ނޭނގިފައެވެ.

އެއް ރޭ ދަންވަރު ކުއްލިއަކަށް ނާދިޔާ ހޭލިއެވެ. އަހަންނަށް ހޭލެވުނީ އޭނަ ގޮވައިލި އަޑަށެވެ. އޭރު ނާދިޔާ އިނީ އެނދުގައި އިށީނދެލައިގެން މައިނޭވާލާށެވެ.

"ހާދަ ދުވަހެއް ކޮށްފައޭ އެ ހުވަފެން މި ފެނުނީ،" ނާދިޔާ މަޑުމަޑުން ބުންޏެވެ. "ހަނދާން ވެސް ނެތިފަ ހުއްޓާ!"

އަހަރެންނަށް ކުރިއްސުރެ އެނގިފަ އޮންނަންޖެހޭ ވާހަކައެއް އެ ރޭ ނާދިޔާ ކިޔައިދިނެވެ. އެ ހާދިސާ ހިނގީ ނާދިޔާ ރަށުގައި އުޅެނިކޮށެވެ. ފުރާވަރު އުމުރުގައެވެ. ރެއެއްގެ ދަންވަރުގެ ވަގުތެވެ. ނާދިޔާއަށް ހޭލެވުނުއިރު ގަޑިން ދޭއްޖަހަނީއެވެ. އޭރު ކުޑަދޮރުގެ ބިއްލޫރިގަނޑު ތެރެއިން ވަރަށް ގަދަ އައްޔެއް ކޮޓަރިއަށް ވަދެފައި ހުއްޓެވެ. އަލި ގަދަކަމުން، ދޮރުފޮތިގަނޑު ނެތުމެކޭ އެއްފަދައެވެ. ކޮޓަރީގައި އޮތީ ނާދިޔާ އެކަންޏެވެ. އޭނަ ހީކުރީ ޕިކަ÷ޕެއްގެ އަލި ކުޑަދޮރަށް އެޅިފައިހުރީ ކަމަށެވެ. ގޭގެ ބޭރު ފާރުބުރި ތިރިވެފައި، އެ ކުޑަދޮރު ގޯތިތެރެއަށް ހުޅުވޭތީއެވެ. މަގުން އަނބުރައިލާ ބައެއް އުޅަނދުގެ އަލި ދޮރަށް އެޅެއެވެ. އެކަމަކު، އެ ރޭ އައްޔެއް ނުކެނޑުނެވެ. ދުވާލުހެން ހީވާ ކަހަލައެވެ. ދެން ހީކުރީ މެންދުރުވަންދެން ނާދިޔާއަށް ނިދަން އޮވެވުނީ ކަމަށެވެ. ނާދިޔާއަކީ އަބަދުވެސް ބިރު ކުޑަ ކުއްޖެކެވެ. އޭނަ ފޮތިގަނޑު އެއްފަރާތް ކޮށްލައިފައި ބިއްލޫރިގަނޑުން ބޭރު ބަލައިލިއެވެ. އުޑުމަތި އޮތީ އަނދިރިކޮށެވެ. ފުރަގަސްދީގެން ހުރި ހިޔަންޏެއް ބިންމަތީގައި ހުއްޓެވެ. ނުވަތަ އެއީ ވަރަށް ކަޅު މީހެކެވެ. އެ މީހާގެ އިސްކޮޅުން ދިގުވެފައި ހިމަތޮޅިއެވެ. މޫނެއް ނުވަތަ ސިފައެއް ވަތްކެއް ނުވެއެވެ. ހީވަނީ ވަރަށް އަލި ގަދަ ބޮތްކެއްގެ ކުރިމަތީގައި މީހަކު ހުއްޓިގެން ހުރިހެންނެވެ. އަލި އައިސްފައިވާ ބޮތްކެއް ނުފެނެއެވެ. އެ މީހާ އެއްވެސް ކަމެއް ނުކުރެއެވެ. ހަރަކާތެއް ވެސް ނުކުރެއެވެ. ހުރި ގޮތަށް ހުރީއެވެ. އޭނަ އެނބުރޭތޯ ނާދިޔާ ބިއްލޫރިގަނޑުގައި ދެތިން ފަހަރަކު ޓަކި ވެސް ޖަހައިލިއެވެ. ކުއްލިއަކަށް އެ މީހާ އެނބުރިލިއެވެ.

ނުނިމޭ