އަމީތާބާއި ޖާޔާ ވަކިން ދިރިއުޅޭތާ ކިތަންމެ ދުވަހެއް
އަމީތާބާއި ޖާޔާ ވަކިން ދިރިއުޅޭތާ ކިތަންމެ ދުވަހެއް

އަމީތާބާއި އޭނާގެ އަންހެނުން އަދި ކުރީގެ ބަތޮލާ ޖަޔާ ބައްޗަން ވަކިން ދިރިއުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް އަމީތާބުގެ ކުރީގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އިންޑިއާގެ ސަމާޖްވާދީ ޕާޓީގެ ލީޑަރު އަމަރް ސިންގް ބުނެފި އެވެ.

އަމީތާބާއި ޖާޔާ ވަކިން ދިރިއުޅޭތާ ކިތަންމެ ދުވަހެއް
އަމީތާބާއި ޖާޔާ ވަކިން ދިރިއުޅޭތާ ކިތަންމެ ދުވަހެއް

މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ މި ވާހަކަތައް ދެއްކީ ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއްގެ ތެރޭގަ އެވެ. އަމީތާބާއި ޖަޔާގެ ވާހަކަ ދައްކަމުން އޭނާ ބުނީ، އެ ހުރިހާ ކަމަކީ އޭނާ ޒިންމާ ނަގަން ޖެހޭ ކަންކަން ނޫން ކަމަށެވެ. އޭނާ ބުނީ އެއްބަޔަކު އަނެއް ބަޔަކާ ދެމެދު ހިނގާ ހުރިހާ ހަމަނުޖެހުންތަކަކީ އޭނާ ޒިންމާވާން ޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ. އޭނާ ބުނި ގޮތުގައި އަމީތާބާއި ޖާޔާ ވަކިން ދިރިއުޅެނީ މިހާރު ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް އިންޑިޔާގައި ހިނގާ ހުރިހާ މައްސަލަތަކެއްގެ ޒިންމާ މީޙުން އަޅުވަނީ އޭނާގެ ބޮލުގައި ކަމަށެވެ.

އަމްބާނީ އާއިލާ ދެބައިވުމުން ވެސް ބަޔަކު އޭނާގެ ބޮލުގައި އެކަމުގެ ޒިންމާ ވެސް އަޅުވަން މަސައްކަތް ކުރި ކަމަށާއި ހަމަ އެގޮތަށް ބައްޗަން އާއިލާގައި ވެސް މައްސަލަތައް ޖެހެނީ އޭނާގެ ސަބަބުން ކަމަށް ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫން ކަމަށާއި އަމީތާބާއި އޭނާއާ ބައްދަލުވުމުގެ މާ ކުރިއްސުރެ ވެސް އަމީތާބާއި އަންހެނުން ޖާޔާ އުޅެނީ މުޅިން ވަކިން ކަމަށް އަމަރް ސިންގް ބުނެ އެވެ. އެކަކު އުޅެނީ ޕްރަތީކްޝާ ކިޔާ ބަންގްލޯގައި ކަމަށާއި އަނެކަކު ޖަނަކް ބަންގްލޯގައި ކަމަށް އަމަރް ސިންގް ބުންޏެވެ. އަދި ޖާޔާ ބައްޗަން އާއި އޭނާގެ ދަނބިދަރިފުޅު އައިޝްވަރިޔާ ރާއީ އާ ދެމެދު ވެސް މައްސަލަތައް ޖެހޭ ކަމުގެ ޚަބަރުތައް ލިބެމުންދާ ކަމަށާއި

ނަމަވެސް އެ ދެ މީހުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ޒިންމާ ވެސް އޭނާ ނަގަން ނުޖެހޭނެ ކަމަށް އަމަރް ސިންގް ބުނެފައި ވެއެވެ.

އަމަރް ސިންގް ގެ މި ވާހަކަތަކަކީ އަމީތާބުގެ އެތައް މިލިއަން ފޭނުންނަކަށް ލިބުނު ވަރަށް ބޮޑު ޝޮކެކެވެ.
މިދިޔަ އަހަރުގެ މޭ މަހު އަމަރް ސިންގް ދީފައިވާ އިންޓަވިއު އެއްގައި ޖާޔާ ބައްޗަން ސަމާޖްވާދީ ޕާޓީއަށް ނުވައްދަން "އިންޒާރު" ދިން ކަމަށެވެ.

އަމަރް ސިންގް އެ ފަހަރު ދެއްކި ވާހަކަތަކާ އިދިކޮޅަށް އަމީތާބު އެ ފަހަރުވެސް ވާހަކައެއް ނުދައްކަ އެވެ. ނޫސްވެރިން އަމީތާބާ ސުވާލުކުރުމުން ބުނެފައިވަނީ އަމަރް ސިންގް އަކީ އެކުވެރިއެއް ކަމަށާއި އޭނާ ބޭނުން އެއްޗެއް ބުނުމުގެ ހައްގު އޭނާއަށް އޮންނާނެ ކަމަށެވެ. ނަމަވެސް މިފަހަރު އަމަރް ސިންގް ދައްކާފައި މިވަނީ ކުރީގެ ވާޙަކައަށް ވުރެ މާ ސީރިއަސް ވާހަކަތަކަކަށް ވާތީ ބައްޗަން އާއިލާއިން މިކަމާ ބެހޭ ގޮތުން ދޭނެ ޖަވާބެއް އަދި ނޭނގެ އެވެ.

މި މައްސަލައިގައި ސޯޝަލް މީޑިއާގައި ކޮމެންޓްކުރާ މީހުންގެ ޚިޔާލު ވަނީ ވަރަށް ތަފާތު ވެފަ އެވެ. އެއްބަޔަކު ބުނަނީ އަމީތާބާއި ރޭކާގެ ލޯބީގެ ކުޅިގަނޑަށް ފަހު ރޭކާ މަތިން ހަނދާން ނައްތާލަން އަމީތާބަށް ނުކުޅެދިފައިވާކަން މި ވާހަކައިން ސާބިތުވާ ކަމަށެވެ. އަދި އޭރުއްސުރެ ކައިވެނިކޮށްގެން ތިބި ނަމަވެސް އަމީތާބާއި ޖާޔާ ވަކިވެފައިވާކަން ޔަގީންވާ ކަމަށެވެ.

އަނެއްބަޔަކު ބުނަނީ އަމަރް ސިންގް އަކީ މިހާރު އޮއްސެމުންދާ ސިޔާސީ ލީޑަރަކަށް ވާތީ އޭނާ މަޝްހޫރުވާންވެގެން ފާޑުފާޑުގެ ވާހަކަތައް ހަދަހަދައިގެން ދައްކަނީ ކަމަށާއި މި ވާހަކަތަކުގައި މާބޮޑު ހަގީގަތެއް ނެތް ކަމަށެވެ.

އައިޝްވަރިޔާ އާއި ޖާޔާ ނުގުޅޭ ވާހަކަ އަމަރް ސިންގް ދެއްކުމުން އެކަމާ ވެސް ގިނަ ބަޔަކު އެއްބަހެއް ނުވި އެވެ. މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ބޭރު ތެރޭން ފެންނައިރު އަބަދުވެސް ޖާޔާ އާއި އައިޝްވަރިޔާގެ އޮންނަ ގާތްކަން ހާމަވާ ކަމަށާއި އެހެންވެ އަމަރް ސިންގް ދައްކާ ވާހަކަ ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި އޭނާ އެފަދަ ވާހަކަ ދައްކަނީ ބައްޗަން އާއިލާ ދެކެ އައިސްފައިވާ ރުޅިން އެމީހުން ބަދުނާމުކުރަން ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ.