ބަންގްލަދޭޝް މުބާރާތުގައި ބައިވެރިވާން ޓީސީން ނިންމައިފި
ބަންގްލަދޭޝް މުބާރާތުގައި ބައިވެރިވާން ޓީސީން ނިންމައިފި

ބަންގްލަދޭޝްގައި އަންނަ މަހު އޮންނަ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕުގައި ބައިވެރިވާން ޓީސީ ސްޕޯޓްސް ކްލަބުން ނިންމައިފި އެވެ.

މި މުބާރާތަށް ރާއްޖޭގެ ޓީމެއް ފޮނުވަން ފުރުސަތު ލިބުމުން އެފްއޭއެމުން ވަނީ އޭއެފްސީ މިންގަނޑަށް ބެލުމަށް ފަހު ލީގު ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާ އޭއެފްސީ ކަޕްގައި ބައިވެރިވާތީ ލީގުގެ ދެ ވަނަ ޓީސީ އަށް ފުރުސަތު ދިނުމަށް ނިންމައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓީސީން ވަނީ މި މުބާރާތުގައި ބައިވެރިވާން ނިންމައިފަ އެވެ. މިއާ އެކު މި މުބާރާތް ވެފައިވަނީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީ ކުޅޭ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތަށެވެ.

އަންނަ މަހު 18 އިން މާޗް މަހު 1 ވަނަ ދުވަހުގެ ނިޔަލަށް ޑާކާގައި ބާއްވާ މުބާރާތުގައި ޓީސީއާ އެކު ވާދަކުރާ ކްލަބްތައް އެއްކޮށް ފައިނަލްވާނީ އަންނަ މަހު 1 ވަނަ ދުވަހު ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް ނޭޕާލާއި ފިލިޕީންސް އަދި ހޮންކޮންގެ ކްލަބްތަކަށް ވެސް ވަނީ ދައުވަތު ދީފަ އެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ހަރަދުތައް ބަލަހައްޓާނީ މުބާރާތް އިންތިޒާމްކުރާ ފަރާތުންނެވެ.

އާ ސީޒަނަށް ޓީސީން ވަނީ މިދިޔަ ހަފްތާގައި ފަރިތަކުރަން ފަށައިފަ އެވެ. ޓީސީ އަށް މިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިން މި އަހަރު ވެސް އެ ޓީމުގައި މަޑުކުރަން ނިންމާފައިވާއިރު، އާ ކުޅުންތެރިން ވެސް އެ ޓީމާ ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ) އާއި މުހައްމަދު ސާމިރުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގައި ސ. ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ ހިމެނެ އެވެ. އަދި ނޭޕާލްގެ އެއް ވަނަ ކީޕަރު ކިރަން ޝެމްޝޮން ހިމެނެ އެވެ.

ޓީސީ ދޫކޮށްދިޔަ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން ކީޕަރު މުހައްމަދު އިމްރާން ހިމެނެ އެވެ.

މިދިޔަ އަހަރުގެ އެއް ވަނަ ކޯޗުގެ މަގާމު ހޯދި މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓީސީ އަކީ ފާއިތުވި ދެ އަހަރު ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދެއްކި ޓީމެކެވެ.