04 މެއި 2023 - 09:25

ޖޫން މަހުގެ 4-7 އަށް ދެކުނު ކޮރެއާގެ ޔެޗިއޮންގައި ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ދުވުންތެރިއަކަށް ހައްވާ މުޒްނާ ފާއިޒް ހޮވައިފި އެވެ.
މެދުކެނޑުމަކަށް ފަހު އޭޝިއަން ޖޫނިއާ އެތުލެޓިކްސް މުބާރާތް ބާއްވަން އޭޝިއާގެ އެތުލެޓިކްސް އެސޯސިއޭޝަނުން ތައްޔާރު ވަމުން އަންނައިރު، އެންމެ ފަހުން ބާއްވާފައި ވަނީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ތައިލެންޑްގެ ބެންކޮކުގައި ބާއްވަން ތާވަލް ކުރި މުބާރާތް ކެންސަލް ކުރީ ކޮވިޑްގެ ސަބަބުންނެވެ.
ޖަޕާނުގެ ގިފޫ ސިޓީގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ ދެ އެތުލީޓުން ވާދަ ކުރި އެވެ. އެއީ އައިޝަތު ހިމްނާ ހަސަން އާއި މުހައްމަދު ނާއިލް އެވެ.
މުޒްނާ އަކީ އައްޑޫ ޓްރޭނިން ސެންޓަރުގައި ތަމްރީނު ހަދަމުން އަންނަ އެތުލީޓެކެވެ. އަދި މުޒްނާ ވަނީ މިދިޔަ މާޗު މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެތުލެޓިކްސް އިން އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް ވާދަކޮށްފަ އެވެ.
ޝަރަފުއްދީން ސްކޫލްގެ އެތުލެޓިކްސް ޓީމުން ވިދާލި މުޒްނާ ވަނީ ފެބްރުއަރީ މަހު ފުވައްމުލަކުގައި އޮތް އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 100 މީޓަރު ދުވުމުން މީޓް ރެކޯޑް ހަދައި، ރަންމެޑަލް ހޯދައިފަ އެވެ.
މިދިޔަ މާޗު މަހު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް މުޒްނާ ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު ދުވުމުން ވެސް ރިހި މެޑަލް ހޯދައިފަ އެވެ.
ހަމަ އެއާ އެކު އެންމެ ފަހުން މުޒްނާ ވާދަކުރި ގައުމީ ގްރޯން ޕްރީ މުބާރާތުގައި އޭނާ ވަނީ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައި، 200 މީޓަރު ދުވުމުން ރިހި މެޑަލް އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.
މީގެ އިތުރުން އެންމެ ފަހުން މިދިޔަ އަހަރު އޮތް ގައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށް މުޒްނާ ވަނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި އެ މުބާރާތުގައި 4 ގުނަ 100 މީޓަރާއި 4 ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ޓީމުގައި ވެސް މުޒްނާ ހިމެނުނެވެ.