03 މެއި 2023 - 20:28

ރ. އިނގުރައިދޫ ބަނދަރަށް ވަންނަން އުޅުނު ސަފާރީއެއްގައި ޖެހި މީހަކު ނިޔާވެއްޖެ އެވެ.
މިއަދު ހަވީރު ހިނގި މި ހާދިސާގައި ނިޔާވީ ރ. ރަސްގެތީމު ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު އިބްރާހިމް އެވެ. އޭނާ މަސައްކަތް ކުރަނީ ކްރޫއެއްގެ ގޮތުގައި އެ ސަފާރީގަ އެވެ.
އިނގުރައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް "މިހާރު" ވިދާޅުވީ ފަޅުތެރެއިން ޖަލީލް ނެގި އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އޭނާގެ ބޮލުގެ ސިކުނޑިވަޅާ ދިމާލުން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. މި ވަގުތު އޭނާގެ ހަށިގަނޑު އޮތީ އިނގުރައިދޫ ސިއްހީ މަރުކަޒުގަ އެވެ.
ޖަލީލް ވިދާޅުވީ އެ ސަފާރީ އެ ރަށުގެ އެއްގަމުތޮއްޓާ ގާތްކުރަން އުޅުމުގެ ތެރޭގައި ބުރަފަތީގައި ވަލެއް އޮޅުމުން، މުހައްމަދު އިބްރާހިމް ފޭބީ ބުރަފަތިން ވާ ނައްޓަން ކަމަށެވެ.
"އޭރު ބުރަފަތި ހުރީ އޮފްކޮށް ނުލެވި. ވާ އޮޅިފައި ހުރީމަ އެކަމެއް ނޭންގެ. ވާ ނައްޓާލަން ބުރައްފައްޗާ ދިމާލު އަޑިއަށް ފައިބައި އޮއްވާ އޭނާގެ ބޮލުގައި ބުރަފަތި ޖެހުނީ،" ޖަލީލް ވިދާޅުވި އެވެ.