03 މެއި 2023 - 13:01

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 13 ދަރަޖަ ފަހަތަށް، މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓަގަރީއަށް ވެއްޓިއްޖެ އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން ނެރުނު ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ވެއްޓި މިހާރު އޮތީ 100 ގެ ވަނައިގަ އެވެ. ކޮންމެ އަހަރަކު އެއްފަހަރު މި ރިޕޯޓް ނެރޭއިރު، މިދިޔަ އަހަރު އޮތީ 87 ވަނައިގަ އެވެ. މިހާ ފަހަތަށް ވެއްޓުމުގެ މާނައަކީ ރާއްޖެއަކީ ހުރަސްތަކާއި ގޮންޖެހުންތަކުގެ ކެޓަގަރީގައި ހިމެނޭ ގައުމެއް ކަމެވެ.
ވޭތުވެ ދެ އަހަރަށް ބަލާއިރު ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ދިޔައީ ފަހަތަށެވެ.
އާރުއެސްއެފްގެ އޭޝިޔާ ޕެސިފިކް ޑެސްކުގެ ވެރިޔާ، ޑެނިއަލް ބެސްޓާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ކޮންމެވެސް ވަރަކަށް ދަށްވުމުގެ ސަބަބެއް ކަމުގައި ބެލެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުގެ ހަރުދަނާކަން ކޮންމެވެސް ވަރަކަށް ގެއްލުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކުރައްވައި ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފުއްދަވާފައި ނުވުން ކަމަށް ވެސް ވިދާޅުވި އެވެ.
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ސަރުކާރުން ގާނޫނެއް ތަންފީޒުކުރަން ފަށާފައިވުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެ އެވެ.
"މި ގާނޫނަށް އިސްލާހުތަކެއް ގެންނަން ހުށަހެޅި ނަމަވެސް މަސްދަރުގެ ސިއްރު ނުހިފެހެއްޓިދާނެ ކަމުގެ ނުރައްކާ އަދިވެސް އެބައޮތެވެ. އެއާ އެކު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން އަދިވެސް އޮތީ ކަންބޮޑުވާ ދަރަޖައެއްގަ އެވެ. ގިނަ އަދަދެއްގެ ނޫސްވެރިންނަށް ބޮޑެތި އިންޒާރުތަކެއް ދީފައި ވާއިރު، އަހުމަދު ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލި މައްސަލާގައި އަދަބު ނުދެވުން އަދިވެސް އޮތީ އެ ގޮތަށެވެ،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރިއެރުންތަކެއް ލިބުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނައި އަބުރުގެ ގާނޫނާ އެކު ވަރަށް ބޮޑަށް ވެއްޓި 120 ގައި އޮތް މިނިވަންކަން 2021 ގައި 72 ވަނައަށް އެރި އެވެ. އެކަމަކު އެ ދަރަޖަ މިހާރު ދަނީ ފަހަތަށް ވެއްޓެމުންނެވެ.
އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރަން ސަރުކާރުތަކުން ވައުދުވިޔަސް ވަކި ހިސާބަކުން އެ ވާޖިބު ހަނދާން ނެތޭ ތަން ފެންނަ ކަމަށެވެ.
"މިއީ ހިތާމަ ހުރި ކަމެއް. މި އިންޑެކްސް ރަނގަޅު ކުރުމަށް ޓަކައި ދިގު ނުދަންމާ ހެއްކާ ބެހޭ ގާނޫނު ނޫސްވެރިންނަށް ފަހިވާނޭ ގޮތަށް އިސްލާހު ކުރަން އެބަ ޖެހޭ. ނޫސްތަކަށް މާލީ މިނިވަންކަން ލިބޭނޭ ސިޔާސަތުތަކަށް ސަރުކާރުން ބާރުއަޅަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެއާއެކު ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރާނޭ ގައުމީ ސިޔާސަތެއް ވެސް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން މިއަދު ފާހަގަކުރާއިރު، ކުރީގެ ސަރުކާރުގައި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީންގެ ރަޝީދަށް މިހާތަނަށް އިންސާފު ނުލިބި ދިގުލައިގެން ގޮސްފައިވާ މައްސަލާގައި އެމްޖޭއޭ އިން ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.