24 ޖެނުއަރީ 2017 - 14:00

ށ. ފުނަދޫގައި ކުނި އުކާލަން އަތިރިމައްޗަށް ދިޔަ ބަޔަކު 18 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް މިއަދު ހޮވައިފި އެވެ.
ފުނަދޫ ކައުންސިލަރަކު ވިދާޅުވީ އެ ރަށުގެ ދެކުނު ފަރާތު އަތިރިމަތިން މާވަހަރު ކަމަށް ބެލެވޭ އެތި ފެނުނީ، އެ ރަށުގައި ކުނި އުކާލުމުގެ މަސައްކަތް ކުރާ ކައުންސިލްގެ ފިރިހެން މުވައްޒަފުންތަކަކަށް ކަމަށެވެ. މޫދުން އެ މީހުން ނެގީ މާވަހަރެއްތޯ މިހާރު ޔަގީންކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުން ބުނޭ އެއީ މާވަހަރެކޭ، އަނެއް ބަޔަކު އެބަ ކިޔާ މާވަހަރެއް ނޫނޭ. މިހާރު ޔަގީންކުރަމުން އަންނަނީ،" ކައުންސިލަރު ވިދާޅުވި އެވެ.
މާވަހަރު ބާއްވާފައި އޮތީ އޭތި ފެނުނު މީހުންގެ ތެރެއިން އެކެއްގެ ގޭގަ އެވެ.
މީގެ ކުރިން ވެސް ބައެއް ރަށްތަކުން ވަރަށް ގިނަ އަދަދަކަށް "މާވަހަރު" ހޮވާފައިވެ އެވެ. އެކަމަކު އެއީ މާވަހަރުތޯ ކަށަވަރުކުރަން ޓެސްޓުކުރާއިރު އޭގެ ތެރެއިން ގިނަ އެއްޗިއްސަކީ މާވަހަރެއް ނޫނެވެ.