ޖަދަލު
ޖަދަލު

އާދިއްތަ ދުވަހާ ގުޅޭ

"އޯކޭ! މެރީކުރާ ގޮތަށް މިހިރީ!" މައުރޫފު ބުންޏެވެ.

"ތީ ކާކު؟" ހަރުކަށި ރާގެއްގައި ފައިސަލް އެހިއެވެ.

މައުރޫފު ފޯނު ކަނޑައިލިއެވެ. ހަމަ އެ ވަގުތު އާމިރާ ފާހާނައިން ނުކުތެވެ.

"ކާކާ އިންނަން ތި އުޅެނީ؟" ފައިސަލް ސުވާލުކުރިއެވެ.

އާމިރާ އައި ގޮތަށް އައިސް ފޯނު ޖަހައިގަތެވެ.

"ފައިސަލް ޖެހޭތަ އަހަރެންގެ ފޯނު ނަގަން؟" އާމިރާ އެހިއެވެ.

"ކާކު އެ ގުޅީ؟" ފައިސަލް ވެސް ކުރީ ސުވާލެކެވެ.

"ފައިސަލަށް އަންނަ ކޯލު އަހަރެން ނަގާތަ؟" އާމިރާ އެހިއެވެ.

"އަންހެނުންގެ ކޯލު އަހަންނަކަށް ނުނެގޭނެތަ؟" ފައިސަލް ދެން ވެސް ކުރީ ސުވާލެކެވެ.

"އަސްލު ވެސް ތީ އަހަރެންގެ ފިރިމީހާތަ؟" އާމިރާ އެހިއެވެ.

އެކަކު ވެސް އަނެކަކަށް ޖަވާބެއް ނުދެއެވެ. ކޮންމެ މީހަކު ވެސް ކުރީ އެ މީހަކު ކުރަން ބޭނުންވާ ސުވާލެކެވެ. ބޭނުންވީ އަލިފާނަށް ދަރުއަޅާށެވެ. ދެމަފިރިން ވިޔަސް ދެމެދުގައި އޮތީ އެއިން ފައިދާއެއް ނުކުރާ ވިހަ ގުޅުމެކެވެ. އެ ކައިވެނީގެ ލޯބި ގުރުޑުވިތާ ވީ ދުވަހެއް އެ މީހުންނަކަށް ވެސް ނޭނގެއެވެ. އެ ވަގުތު ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ. އެ ކަން ކުރަން ކެރޭނީ ޒިޔާނަށް އެކަނިކަން އެނގޭތީ ފައިސަލް އަވަސް އަވަހަށް ނުކުތެވެ.

"ޑެޑީޔާ މަންމަޔާ ޒުވާބުކުރަނީތަ؟" ކަންބޮޑުވެފައި ޒިޔާން އެހިއެވެ. "ދެން ބާތުޑޭ ވެސް ސެލެބަރޭޓެއް ނުކުރާނެތަ؟"

ދެމަފިރިންގެ މައްސަލަތަކުގެ ހިޔަނިން ދަރިފުޅުގެ އުފާތައް އަނދިރިވާކަށް އެކަކު ވެސް ނޭދެއެވެ. ޒިޔާން ގޮވައިގެން ފައިސަލް ގޮސް ސޯފާގައި އިށީނެވެ. މުޅި ވާހަކަ އޮޅުވައިލަން ފައިސަލް ބޭނުންވިއެވެ.

"ކޮބާ ދަރިފުޅުގެ ލިސްޓު؟" ފައިސަލް އެހިއެވެ. "ބުނީމެއްނު ބޭނުންވާ ގިފްޓުގެ ލިސްޓެއް ހަދާނަމޭ!"

"ޔެސް!" ވަރަށް އުފާވެފައި އެހެން ބުނެފައި ޒިޔާން ކޮޓަރިޔާ ދިމާއަށް ދުއްވައިގަތެވެ.

ޕާޓީ ބާއްވަން ރާވައިފައިވަނީ ގޭގައެވެ. މާ ބޮޑު ޕާޓީއެއް ނޫނެވެ. ކޭކެއް ފަޅައި، ފޮޓޯނަގައި، ޒިޔާނަށް ހަދިޔާއެއް ދިނީމައި ނިމުނީއެވެ. އެހެނަސް އެ ފޮޓޯގައި ފައިސަލަކަށް ހިނިއައިސްފައެއް ނުހުރެވޭނެއެވެ. އާމިރާ ލޯބިވެގެން އުޅޭ މީހަކާއި، ކައިވެނިކުރަން އުޅޭ ދުވަހެއް ނޭނގި ފައިސަލަކަށް ހިތްހަމައެއް ނުޖެހެވޭނެއެވެ. ފައިސަލް ހިތަށްއެރިއެވެ. ހިލޭފިރިހެނަކު ގެންގުޅުމަކީ އަންބަކަށް ކުރެވޭނެ އެންމެ ބޮޑު ކުށެވެ. އެއީ އާމިރާޔާ ނުވެސް ގުޅޭ ކަމެކެވެ. ދުވަހަކު ވެސް ކޮށްފައި ނުވާ ކަމެކެވެ. އޭގެ މާނައަކީ، ފަހުން ވެސް ނުކުރާނެޔެކޭ ނޫނެވެ. ހިސާބަށް ވުރެ މީހެއްގެ އުޅުން ގޯސްވެއްޖެ ނަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ފައިސަލަށް މުޅީން ވެސް ފެންނަނީ އާމިރާގެ މައްސަލައެވެ. ފައިސަލްގެ ދިރިއުޅުމަށް އައި ބަދަލުތަކެއް، އަނބިމީހާއަށް ކިހައި އަޅައިނުލެވޭކަމެއް ފައިސަލަކަށް ނުވިސްނެއެވެ. ޒިޔާން ލިސްޓު ހިފައިގެން މަޑު ހިނގުމެއްގައި އައެވެ.

"މިހާރު ކިހިނެއްވީ ދަރިފުޅާ؟" ފައިސަލް އެހިއެވެ.

"ޒިޔާން މާ ބޭނުންވާ އެހެން އެއްޗެއް ހަނދާންވެއްޖެ!" ޒިޔާން ބުންޏެވެ.

"އޯކޭ! އަލުން ވިސްނާ އިނގޭ!" ފައިސަލް އެދުނެވެ.

ރޭގަނޑު ކާން އިށީން އިރު، މޭޒުދޮށުގައި ޒިޔާން ވެސް އިނެވެ. ތިން މީހުން ވެސް ކެއީއެވެ. ވާހަކައެއް ނުދައްކައެވެ. ފަހަކަށްއައިސް، ކޮންމެ މީހަކު ކޮންމެ ވާހަކައެއް ފެށިޔަސް، ޒުވާބަކަށް ނޫނީ ނުނިމެއެވެ. އާމިރާގެ އެންމެ ފަހުގެ ހިތްހަމަނުޖެހުމަކީ، އާމިރާ ޕާޓީއަށް ފޮނުވާފައި، ފައިސަލް އަންނަން ބުނެފައި، ޚަބަރެއް ވެސް ނުވީމައެވެ. ކުޑަމިނުން ގުޅައި ވެސް ނުލީމައެވެ. އެންމެން ޕާޓީއަށް ވަން އިރު ވެސް އާމިރާ ހުރީ މަގުމަތީގައެވެ. އެތައް ރައްޓެހީންނަކަށް އެ މަންޒަރު ފެނުނެވެ. ފައިސަލް ރުޅިއައިސްފައި ހުރީ މައުރޫފުގެ ސައިކަލު ފަހަތަށް އާމިރާ އެރީމައެވެ. އެހެން މީހަކާ އިންނަން އާމިރާ އެއްބަސްވިކަން ފަޅާއެރީމައެވެ. ކޮންމެ މީހަކު ވެސް ކައްކަމުންގެންދިޔައީ އެ މީހެއްގެ މައްސަލައެވެ. ހައްލުހޯދައި، ދޫދިނުމަކީ އެކަކު ވެސް ދަންނަ ފަންޑިތައެއް ނޫނެވެ. ޒިޔާނަކަށް ނީނދެވުނެވެ. އުފަންދުވަހުގެ ހަދިޔާއަކަށް ޒިޔާން ބޭނުންވާ އެތި ނުބުނެ ޒިޔާނަކަށް ކެތެއްނުވިއެވެ. އެ ވާހަކަ ބުނެގެން ޖެހޭނެ އެއްވެސް މައްސަލައެއް ޒިޔާނަކަށް ނުވިސްނެއެވެ.

"ޒިޔާން ބޭނުންވާ އެތި ބުނަންވީތަ؟" ޒިޔާން އެހިއެވެ.

"ތެދެއް އާމިރާ؟" ފައިސަލް ބުނެލިއެވެ. "ބުނަންވީ؟"

"ހަމަ ބުނަންވީ،" އިސްޖަހައިލައިގެން މަޑުމަޑުން ކަމުންގެންދިޔަ އާމިރާ ބުންޏެވެ. "ޕާޓީއަށް އަންނާނަމޭ ކިޔާފަ ވަދެ އޮތީ ކޮންތާކުތޯ ވެސް ބުނަންވީ."

ފައިސަލް ދެއަތުން ނިކަން ބާރަށް މޭޒުމަތީގައި ޖެހިއެވެ. އާމިރާއާއި ޒިޔާން ވެސް ދިޔައީ ސިއްސައިގެންނެވެ. މި ކުރެވުނީ ރަނގަޅުކަމެއް ނޫންކަން ފައިސަލަށް ވިސްނުނީ ޖެހުނު ފަހުންނެވެ. ޒިޔާން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އާމިރާ ކުއްލިއަކަށް ތެދުވިއެވެ. އޭގެ ކުރިން ފައިސަލަކީ ޒިޔާންގެ ކުރިމަތީގައި އެ ކަހަލަ ކަމެއް ކުރި މީހެއް ނޫނެވެ.

"ސީރިޔަސްލީ؟" އާމިރާ ބުންޏެވެ. "އެއް ލެވަލް މަތިކޮށްލީ ދޯ؟"

"އާމިރާއަކަށް ނުވިސްނޭތަ އާމިރާ ކިތައް ލެވެލް މަތިކުރިކަމެއް؟" ރުޅިއައިސްފައި މަޑުމަޑުން ފައިސަލް ބުންޏެވެ. "ފޯނު ނަގާ އިރަށް އެ ބުނަނީ، އޯކޭ މެރީކުރާ ގޮތަށޭ މިހިރީ. މިހާރު މީހުނާ ހިތާވާން ވެސް ފެށީތަ؟ ކާކުހޭ އެ ގުޅީ؟"

ވީ ގޮތް ވަރަށް ސާފުކޮށް އާމިރާއަށް ކިޔައިދެވުނީހެވެ. ކިޔައިދޭން ވެސް އާމިރާ ހިތަށްއެރިއެވެ. އެކަމަކު އެ ފަދަ ރާގެއްގައި، އެ ބަހުރުވައިން އެހީމައި، އެއްވެސް އެއްޗެއް ނުބުނެ އާމިރާ ގޮސް ޒިޔާންގެ ކޮޓަރިއަށް ވަނެވެ. ފައިސަލް ފުން ނޭވައެއް ބޭރުކޮށްލައިފައި، އިން ތަނުގައި އިނީއެވެ.

"ޒިޔާން ދެކެ މާ ލޯބިވާކަމަށް އެބަ ހެދެއެއްނު!" ހިތާހިތުން ފައިސަލް ބުންޏެވެ. "އެކަމަކު މިހާރު ވެސް މި އުޅެނީ އެހެން މީހަކާ ނީނދެވިގެން. ނަސީބެއްނު މަ އެއް ލެވަލް މަތިކުރިކަން."

ފައިސަލްގެ ޝަކުވާތަކަށް ހުއްޓުމެއް ނެތެވެ. ހިތަށްއެރިއެވެ. ކޮންމެ ކަމެއް ކޮށްފައި ވެސް ތުހުމަތު އަޅުވާނީ ފައިސަލްގެ ބޮލުގައެވެ. ގޯސްކުރާނީ ވެސް ފައިސަލެވެ. އަބަދު ވެސް ބުނާނެއެވެ. އެކުގައި ވަގުތެއް ހޭދައެއް ނުކުރެއެވެ. ފައިސަލް ބޭރުގައި އުޅެނީ ކުޅިވަރުކުޅޭކަށް ނޫނެވެ. ރައްޓެހިންނާ އެކުގައި ކޮފީބޯކަށް ވެސް ނޫނެވެ. ވަޒީފާގެ ގޮތުން ގިނަ ވަގުތު ބޭރުގައިއުޅެން ޖެހެނީއެވެ. ފައިސަލް ލާރި ހޯދަނީ އާއިލާއަށެވެ. އަނބިމީހާއާއި ދަރިފުޅަށެވެ. އާމިރާ އެ ކަމެއް ނުދަނެއެވެ. އާމިރާއަކީ އަބަދު ވެސް ތިމާއަށް އެކަނި ވިސްނާ، އަމިއްލައެދުން ބޮޑު މީހެކެވެ. ދަނޑިވަޅެއް ލިބިއްޖެއްޔާ ބަލާނީ ބަދަލުހިފޭތޯއެވެ. އަރާރުންވެވޭތޯއެވެ. އެހެން މީހެއްގެ ކުށްދައްކައިފައި ބޯދަމައިގަނެވޭތޯއެވެ.

ޒިޔާން އޮތީ ނިދައިފައެވެ. ޒިޔާންގެ އެނދުގައި އޮތް އާމިރާގެ ވިސްނުން ވެސް ހުރީ ފައިސަލާ ދާދި އެއްކަހަލަ ގޮތަކަށެވެ. އާމިރާ ކުށްވެރިކުރަނީ ފައިސަލެވެ. ހަމަ އެކަނި ތަފާތަކީ އެއީއެވެ. އާމިރާ ބޭނުންވަނީ ވަރިވާށެވެ. ފައިސަލާ އެކުގައި އެއްފުރާޅު ހިއްސާކުރުމަކީ ވެސް އާމިރާ ނޭވާހާސްވާކަމެކެވެ. ކައިވެނިކުރި އިރު ފައިސަލަކީ އެ ކަހަލަ މީހެއް ނޫނެވެ. ފައިސަލަށް ކިރިޔާ ގޯހެއްހެދުނަސް މާފަށްއެދޭނެއެވެ. ކުށް ގަބޫލުކޮށް، އެ ކަމާ ދެރަވެގެން އުޅޭނެއެވެ. އާމިރާ ރުއްސަން މަސައްކަތްކުރާނެއެވެ. އާމިރާއަށް ޓަކައި އޮފީހުގެ ކިތަންމެ ބައްދަލުވުމެއް ކެންސަލުކުރެއެވެ. ސަލާންބުނެއެވެ. ޗުއްޓީނަގައެވެ. އެއް ދުވަސްވަރެއްގައި އާމިރާ ގޮވައިގެން އެތައް ފަހަރަކު ނުވަންނަ ރެސްޓޯރަންޓެއް މާލެއަކު ނުހުރެއެވެ. ވަންނަ ކޮންމެ ފަހަރަކު ދެބަނޑަށް ކަނީކީ ނޫނެވެ. އެހެނަސް، އެކުގައި ވަގުތުހޭދަކުރަން ފައިސަލް ބޭނުންވި ދުވަސްވަރެއް ދިޔައެވެ.

އާމިރާ ކޮޓަރިއަށް ނިދަންއައީ ދަންވަރުއެވެ. އައި އިރު ފައިސަލް އޮތީ ނިދައިފައެވެ. ޒިޔާންގެ ކޮޓަރީގައި އާމިރާ އޮތްކަން އެނގޭ އިރު ވެސް ފައިސަލް ބަލައެއް ނުލައެވެ. އެހައި ފޫހިވާ މީހަކަށް އާމިރާ ވި ގޮތެއް އާމިރާއަކަށް ނުވިސްނެއެވެ. ހެދުން ވެސް ބަދަލުނުކޮށް އާމިރާ އެނދުގައި އޮށޯތެވެ. އެ ވަގުތު ހިތަށްއެރިއެވެ. ފައިސަލް ރުޅިއަރުވައިލަންވީއެވެ. ވަރިވެގެން ގޮސް އެހެން މީހަކާ އިންނަންވީއެވެ. މައުރޫފަކާ ނީންނާނަމެވެ. އެއީ ހަމަ އެއްގޮތަކަށް ވެސް އާމިރާ ގަޔާވާ މީހެއް ނޫނެވެ. އެ ކަހަލަ ވިސްނުމެއްގައި އޮއްވައި ނިދިފައި ހޭލެވުނު އިރު ހެނދުނު ނުވައެއްޖަހައި ބޮޑުވެއްޖެއެވެ. ފައިސަލް އޮފީހަށް ގޮސް ނިމިއްޖެއެވެ. އާމިރާ ތެދުވެގެން ގޮސް ދޮރުފޮތިގަނޑު ކަހައިލިއެވެ. އެއީ ކޮޓަރިއަށް އެންމެ ގަދަޔަށް އަވި ވަންނަ ވަގުތެވެ. އާމިރާ ގޮސް އެނދު ހުރަހަށް އޮށޯވެލިއެވެ. އިސްތަށިގަނޑު އޮތީ މޫނުމައްޗަށް ވިހުރުވިފައެވެ. ފައިސަލް ޖާދޫގައި ޖެއްސި ފަން އިސްތަށިގަނޑު، ދުވަހަކަށް ވުރެ ދުވަހެއް ވީ ރީއްޗެވެ. އެ އިސްތަށިގަނޑަށް ފައިސަލް ކުރިން ވަރަށް ތައުރީފުކުރިއެވެ. އެކަމަކު އޭގެ ބޭނުމަކީ ކޮބައިބާއޭ އާމިރާ ހިތަށްއެރިއެވެ.

ފާރުގައި ހުރި ގަޑީގެ ސިކުންތުކަށި ކިތަންމެ ބުރެއްޖަހައިފިއެވެ. އެ ކަށި ވަރުބަލި ނުވަނީބާއޭ އާމިރާ ހިތަށްއެރިއެވެ. ފޫހިނުވަނީބާއޭ ވެސް ހިތަށްއެރިއެވެ. އާމިރާއަށް ވެސް އެހެން ވާނެ ނަމައެވެ. ވާ ކަންތައް ނުވާކަމަކަށް ހަދައިލައިގެން އުޅެވޭނެ ނަމައެވެ. އެއް ކަމެއްގައި މުޅި އުމުރަށް ދެމިހުރެވޭނެ ނަމައެވެ. ފޫހި ގޮތަކަށް ފުރޮޅިލި ވަގުތު، އަރިމަތީ ކަފޭރާ މަތީގައި ހުރި ޒިޔާންގެ ފޮޓޯއެއް ފެނުނެވެ. އެ ތުއްތު ދަރިފުޅަކީ ހަޔާތުގައި ދިއްލުނު ވޮށަކަށް ވާނެކަމަށް އާމިރާ އުންމީދު ކުރިއެވެ. ކަންތައް ވީ ވެސް އެހެންނެވެ. އެކަމަކު، ކައިވެނީގެ އަޑިގުޑަން ގިނަ މަގުތައް ހުޅުދާންކުރަން އެ އަލިކަން ނުކުޅެދުނެވެ. ހައްލަކަށްވުމުގެ ބަދަލުގައި ދަރިފުޅު ވީ މައްސަލައަކަށެވެ. ދަރިފުޅު އުރާލާނެ ވަގުތެއް ވެސް ފައިސަލަކަށް ނުވިއެވެ. ވަޒީފާ ނޫން އެއްޗެއް ފައިސަލަކަށް މުހިންމެއް ނޫނެވެ. އެކަމަކު، އަންހެންކުއްޖަކު ވެސް ހޯދަން ފައިސަލް ބޭނުންވިއެވެ. ކިތަންމެ ފަހަރަކު އެ ވާހަކަ ދެކެވުނެވެ. އާމިރާއަށް އެ ވާހަކަ މުހިންމެއް ނުވިއެވެ. ވިސްނުމުގައި ވަގުތު ބޭކާރުކުރާކަށް ވެސް އާމިރާ ބޭނުމެއް ނުވިއެވެ. ފޯނު ނަގައިފައި ފައިސަލަށް މެސެޖެއް ފޮނުވައިލިއެވެ.

"އަހަރެން ވަރިވާން ބޭނުން." އިނގެރޭސިބަހުން އާމިރާ ލިޔުނު މެސެޖުގައި އޮތެވެ.

"ނޯ!" ފައިސަލްގެ ޖަވާބުގައި އޮތެވެ.

އާމިރާ ހިތަށްއެރިއެވެ. ވަރިވާ ސަބަބު ނާހައި، ވަރިނުކުރާނެ ސަބަބު ނުބުނެ، ދެ އަކުރުގެ ޖަވާބަކުން މައްސަލަ ހައްލުވާނެކަމަށް ފައިސަލް ހީކުރީހެއްޔެވެ؟

"ތި ކުރެވުނީ ކުށެއް. ފަހުން ދެރަވާނެ." އާމިރާ މެސެޖަކުން ރައްދުދިނެވެ.

ދެވަނަ ސިކުންތުގައި އާމިރާ ގުޅައިލީ މައުރޫފަށެވެ.

ނުނިމޭ