25 ޖެނުއަރީ 2017 - 06:09

ޝާހްރުކް ޚާންގެ އާ ފިލްމު "ރައީސް" ޕްރޮމޯޓްކުރުމަށް ވަޑޮޑާރާ ކިޔާ އަވަށަށް ދިއުމުން އެތައް ހާސް ބަޔަކު އެއްވެ، ހަމަނުޖެހުން ހިނގުމުގެ ތެރޭގައި މީހަކު މަރުވެއްޖެ އެވެ.

ރޭލުގައި ވަޑޮޑާރާ ރޭލް ސްޓޭޝަނަށް ޝާހްރުކް ދާކަން އެނގިގެން ޖަމާވި މީހުން ގިނަވެ ފުލުހުންނަށް ވެސް ކޮންޓްރޯލް ގެއްލުނެވެ. އަދި ފިތި ބާރުވެގެން ގިނަ ބަޔަކަށް ވަރަށް އަނިޔާވެސް ލިބުނެވެ. ފުލުހުން ލަޓިބުރިން ތަޅައިގެން މީހުން ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުން ވެއްޓި އަނިޔާވި އިރު އެތަނުގައި ހުރި ބަލި މީހަކު ހިތްހުއްޓިގެން ވަނީ މަރުވެފަ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ މި މީހާ މަރުވީ މީހުންގަނޑުގެ ތެރޭގައި ފިތި ނޭވާ ހާސްވެގެން ކަމަށެވެ. މި މީހާ ހާސްވެގެން ހާޓް އެޓޭކެއް ޖެހުނީ ކަމަށް އޭނާގެ އާއިލާ އިން ބުނެފައިވެ އެވެ.
މަރުވި މީހާ ފިޔަވައި އެހެން މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އަދި ބައެއް ފުލުހުންނަށް ވެސް އަނިޔާވި އެވެ. މި އެންމެންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި ޚަބަރު ޝާހްރަށް ލިބުމުން މިކަމާ ހިތާމަކުރާ ކަމަށް ބުނެ ތައުޒިޔާ ކިޔާފައިވެ އެވެ.
ޝާހްރުކް ޚާންގެ "ރައީސް" އަކީ ފެށުނީއްސުރެ ކޮންމެވެސް މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ފިލްމެކެވެ. މިއީ ވެސް މި ފިލްމަށް ދިމާވަމުންދާ މައްސަލަތަކުގެ ތެރެއަށް އިތުރުވި މައްސަލަ އެކެވެ.
ޝާހްރުކާ އެކު ރޭލު ދަތުރުގައި ބައިވެރިވި މީހުންގެ ތެރޭގައި "ރައީސް"ގެ ލަވައެއް ކުޅުމުގައި ބައިވެރިވި ބަތަލާ ސަނީ ލިއޯނީ އާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ އާއި ޑައިރެކްޓަރު ރާހޫލް ޑޯލަކިޔާ އަދި ބައެއް ނޫސްވެރިން ހިމެނުނެވެ.