އިތުރު ދެ ރިސޯޓެއްގައި މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފި
އިތުރު ދެ ރިސޯޓެއްގައި މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފި

އިތުރު ދެ ރިސޯޓެއްގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ އިއްޔެ ދީފި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން (ޓީމް) އިން ހާމަކޮށްފައިވާ ގޮތުން، އިއްޔެ ފާހަގަ ކުރި އިންޓަނޭޝަނަލް ލޭބާ ދުވަހާ ގުޅިގެން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓާއި ޑުސުއިޓް ތާނި ރިސޯޓެވެ.

ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ 60 ރިސޯޓެއްގައި ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުން ހިމަނައިގެން 2019 ގައި އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ސޭވޭގައި، ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ގިނަ އަދަދެއްގެ މުވައްޒިފުން އެދިފައިވާ ކަމަށެވެ.

"އެ ސާވޭ އަށް ފަހު އަޅުގަނޑުމެން މަސައްކަތްތަކެއް ފެށީ މުވައްޒަފުންނަށް އެ ހައްގު ހޯދައިދޭން. މުވައްޒަފުން ސޮއިކޮށްފައި ޕެޓިޝަނެއް އަޅުގަނޑުމެން ހުށަހެޅިން އެ މުވައްޒަފުން މަސައްކަތް ކުރާ ރިސޯޓްތަކަށާއި އިކޮނޮމިކް މިނިސްޓްރީ އަށް،" އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އެ ޕެޓިޝަންތަކާ އެއްގޮތަށް ބައެއް ރިސޯޓްތަކުން އެކަމަށް ހުއްދަ ދޭން ފެށި ކަމަށެވެ.

"މިހާރު ވެސް ދެ އަހަރެއް ވަރު ވެއްޖެ ބައެއް ރިސޯޓްތަކުން އެ ހުއްދަ ދީފައިވާތާ. މިހާރު ގާތްގަނޑަކަށް ފަސްދޮޅަހަކަށް ރިސޯޓް ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދެއް ސަރުކާރުން ހަދައިފިނަމަ އިތުރު ރިސޯޓްތަކުން ވެސް އެ ހުއްދަ ދޭނެ ކަމަށް ބުނާ ކަމަށެވެ.

"މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދޭން ބޭނުން ނުވާ ރިސޯޓްތަކުން ވެސް އެބަ ބުނޭ ސަރުކާރުން ގަވާއިދެއް ހަދައިފިއްޔާ ތިމަންނަމެން ވެސް އެ ހުއްދަ ދޭނަމޭ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ އެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގައި ޓީމް އިން އެދެމުން އަންނަ ކަމަށް މައުރޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުވައްޒަފުންނަށް އެ ހައްގު ހޯދައިދޭން ބާރު އަޅައި ހާއްސަ ކެމްޕޭނެއް ވެސް ޓީމުން މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.