ޑިސެމްބަރު ފެށުނު ފަހުން ރަޝިޔާގެ 20000 ސިފައިން މަރުވެއްޖެ
ޑިސެމްބަރު ފެށުނު ފަހުން ރަޝިޔާގެ 20000 ސިފައިން މަރުވެއްޖެ

މީގެ އަހަރަކާ ދެ މަސް ކުރިން ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިތުރަށް ވަރުގަދަވި ފަހުން، ރަޝިޔާގެ 20000 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި ހަނގުރާމަ އެންމެ ބޮޑަށް ވަރުގަދަ ވެގެން ދިޔައީ ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮނެޓްސްކް ސަރަހައްދުގަ އެވެ. ޔޫކްރޭނުން ވަކިވެގަތުމަށް މަސައްކަތްކުރާ މި ސަރަހައްދު ހިފުމަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކަށް ޔޫކްރޭން ސިފައިން ދިން ވަރުގަދަ ރައްދު ހަމަލާތަކާ އެކު، ހަނގުރާމަ ވަރުގަދަވެ، އެއް ލައްކައާ ގާތްކުރާ އަދަދަކަށް ރަޝިޔާ ސިފައިން ވަނީ ޒަޚަމްވެފަ އެވެ.

މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ޔޫކްރޭންގައި ރަޝިޔާ ސިފައިންގެ ތެރެއިން މަރުވި މީހުންގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބަޔަކީ، ރަޝިޔާ ސިފައިންނާ އެކުގައި ހަނގުރާމަ ކުރަމުން ދާ، ކުލީ ސިފައިންގެ ގުރޫޕެއް ކަމަށްވާ ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިންނެވެ. އަދި މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ބަޔަކު މަރުވީ، ޑޮނެޓްސްކް ސަރަހައްދުގެ ބަޚްމުތު ސަހަރު ހިފުމަށް ކުރަމުންދާ ހަނގުރާމައިގަ އެވެ.

ބަޚްމުތު ސަހަރު ހިފުމަށް ރަޝިޔާ ސިފައިން ފެށި ހަމަލާތަކަށް އަހަރެއްހާ ދުވަސް ވާން ކައިރި ވެފައިވާ އިރު، ޔޫކްރޭން ސިފައިންގެ ވަރުގަދަ ދިފާއީ ހަމަލާތަކުގެ ސަބަބުން، ރަޝިޔާ ސިފައިން ބޭނުންވާ ނަތީޖާ ނެރެވޭ ގޮތެއް ނުވެ އެވެ. ބަޚްމުތުގެ ބޮޑު ސަރަހައްދެއް (ރަޝިޔާއާ ކައިރީގައި އޮތް ސަރަހައްދު) ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ނަމަވެސް، އެ ސަހަރުގެ ހުޅަނގު ފަރާތުގައި އޮންނަ ކުޑަ ސަރަހައްދެއް އަދިވެސް އޮތީ ޔޫކްރޭން ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ.

އެ ސަރަހައްދުން ޔޫކްރޭން ސިފައިން ފައްސާލެވިގެން ނޫނީ، ބަޚްމުތު ސަހަރާއި ޔޫކްރޭން ވައްކެއް ނުކޮށްލެވޭނެ އެވެ. އަދި ބަޚްމުތު ސަހަރު ޔޫކްރޭނާ މުޅިން ވަކިކޮށްލެވިގެން ނޫނީ، އިރުމަތީ ދޮންބަސް ސަރަހައްދާއި ޑޮނެޓްސްކް ސަރަހައްދު ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށުގައި ބޭއްވުން ދަތިވާނެ އެވެ.

ބަޚްމުތު ހިފުމަށް ކުރާ ހަނގުރާމައިގައި އެންމެ ފުޅާ ދައުރެއް އަދާކުރަނީ ވަގްނާ ގުރޫޕްގެ ހަނގުރާމަވެރިން ކަމަށްވާއިރު، އެ ގުރޫޕްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ ބަޚްމުތުގައި މަރުވެފަ އެވެ. އެ ގުރޫޕުން ތުހުމަތު ކުރާ ގޮތުގައި ބަޚްމުތު ހިފުމަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން ދިން ވަރުގަދަ ހަމަލާތަކުން އެދެވޭ ނަތީޖާއެއް ނުނެރެވުނީ، ރަޝިޔާގެ އަސްކަރިއްޔާ އިން އެކަށީގެންވާ ގޮތެއްގައި އަސްކަރީ މަދަދު ފޯރުކޮށްނުދިނުމުންނެވެ.

އެހެންކަމުން، ބަޚްމުތު ދޫކޮށް ހަނގުރާމަވެރިން ފައިބަންޖެހިދާނެ ކަމަށް އެ ޖަމާއަތުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޒީން ދާދި ފަހުން ވަނީ އިންޒާރުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ހަނގުރާމަ އަށް ބޭނުންވާ މިންވަރަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބަޑީގެ ވަޒަން ފޯރުކޮށްނުދޭ ނަމަ، ހަނގުރާމަވެރިން ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން ދެން ނުތިބެވޭނެ އެވެ.