ފެނަކައިގެ އެމްޑީ ނުފޫޒު ބޭނުންކުރާ ކަމުގެ ތުހުމަތު އޭސީސީ އަށް
ފެނަކައިގެ އެމްޑީ ނުފޫޒު ބޭނުންކުރާ ކަމުގެ ތުހުމަތު އޭސީސީ އަށް

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ މައްސަލަ އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލާގައި ބުނީ ތ. ތިމަރަފުށީގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިހާބުގައި ވާދަނުކޮށް، ޕީޕީއެމް މެމްބަރުންނަށް އިންތިހާބު ދޫކޮށްލެވުމަށް ޝަރީފް އެދިވަޑައިގެންފައިވާ ކަމަށެވެ.

ކެންޑިޑެސީ ދޫކޮށްލާ ކެންޑިޑޭޓުންނަށް ބަދަލެއްގެ ގޮތުން ސަރުކާރުގެ ތެރެއިން ވަޒީފާ ހަމަޖައްސައިދެއްވާނެ ކަމަށް ޝަރީފް ވިދާޅުވި ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ޝަރީފް ވިދާޅުވީ އަމިއްލަ ގޮތުން ނުވަތަ އެމްޑީޕީން ކައުންސިލަށް ކުރިމަތިލައްވަނީ ވަޒީފާގެ ބޭނުމުގައިނަމަ، އެ މީހުންނަށް ވަޒީފާ ހޯދައިދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.

ޝަރީފްގެ ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

"ކައުންސިލްގެ ހަތަރު ގޮނޑި ޕީޕީއެމަށް ދޫކޮށްލައްވާ. ކުރިމަތިލާ ހަތަރު މީހުންނަށް އަޅުގަނޑުމެން ވަޒީފާ ހޯދައިދޭނަން. އަޅުގަނޑު މި ދަންނަވަނީ، އަމިއްލަ އަށް މަސައްކަތް ކޮށްދޭނަމޭ،" އޭނާ ވިދާޅުވެފައިވެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ތިމަރަފުށީ ކައުންސިލަށް އަމިއްލަ ގޮތުން ނުވަތަ އެމްޑީޕީ ކެންޑިޑޭޓުގައި ކުރިމަތިލައްވަނީ ވަޒީފާގެ ބޭނުމުގަ އެވެ. އެއީ ތިމަރަފުށީގެ ކުރިއެރުމަކަށް ކުރިމަތިލާ ބައެއް ނޫން ކަމަށް ވެސް ޝަރީފް އެ ދުވަހު ވިދާޅުވި އެވެ.

"ތިމަރަފުށީގެ ކުރިއެރުމަކަށް އެއްވެސް ފައިދާއެއް ނުކުރާނެ ޕީޕީއެމްގެ ހަތަރު ކައުންސިލުން ނުހޮވި. ރަށުގެ ތިން ކައުންސިލަރުންނާ އަތޮޅު ކައުންސިލް ނުހޮވައި. ރަށު ކައުންސިލްގެ މެޖޯރިޓީ ނުލިބިއްޖެނަމަ، ރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން،" ޝަރީފް ވިދާޅުވި އެވެ.