03 މެއި 2023 - 09:09

ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓް، "މެޓް ގާލާ" އިއްޔެ ނިންމާލި އިރު ގިނަ ތަރިންތަކެއް ތަފާތު ހެދުންތަކާ އެކު ރެޑް ކާޕެޓުން ވިދާލި އެވެ. އެކަމަކު، ގިނަ ބައެއްގެ ސަމާލުކަން ހޯދި ސަޕްރައިޒް ތަރިއެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. އެއީ ދައުވަތަކާ ނުލައި ރެޑްކާޕެޓަށް ވަދެގެން އުޅުނު ކުރަތްޕެކެވެ.
އެމެރިކާގެ ނިއު ޔޯކުގައި ހުންނަ "ދަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްސް" ގައި ބޭއްވި މެޓް ގާލާގައި އަލަށް ބައިވެރިވި ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް އާއި އިންފްލުއެންސާ ޕެރިސް ހިލްޓަން ފަދަ ތަރިންގެ ތެރޭގައި މި ކުރަފި ވެސް އެހެންވެ ހިމެނިއްޖެ އެވެ.
ސެލެބްރިޓީންތައް ރެޑްކާޕެޓުގައި ހިނގާފައި ދިޔަ މަގުން ކުރަފި ދުވެފައި ދާތަން ފެންނަ ވީޑިއޯއެއް "ވެރައިޓީ" ނޫހުން އިއްޔެ ސޯޝަލް މީޑިއާގައި ޝެއާކުރި އެވެ. ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން ހުއްޓުމެއް ނެތި އެ ކުރަފީގެ "ރެޑްކާޕެޓް ޑެބިއު" ފޮޓޯ ނެގުމުގައި އުޅުނެވެ.
މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޖޯކު ޖަހަމުންނެވެ. މި ޝޯގެ ސަމާލުކަން އަތުލި ކުރަފި މެޓް ގާލާ ކާޕެޓުގައި "ހިނގުން" އެއީ މުޅި އުމުރުގައި ފެނުނު އެންމެ ސަޅި އެއް ކަންތައް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އެމީހުން އެންމެ ގަޔާވާ ބައެއް ތަރިން ވެސް އައުމުގެ ކުރިން މެޓްގެ ފިޔަވަޅުތަކުގައި ކުރަތްޕަށް ޖާގަ ލިބުމާ މެދު އެތައް ބަޔަކު ސަމާސާ ކުރިއިރު، އެކްސްކްލޫސިވް ޕާޓީއަށް ދައުވަތު ލިބުމަކީ އުނދަގޫ ކަމެކޭ ބުނެ ވެސް ޖޯކު ޖެހި އެވެ.
ރެޑް ކާޕެޓު ކަވަރުކުރި މީހުންނަށް މި ކުޑަކުޑަ ކުރަފި ބޮޑު އުފަލެއް ގެނެސްދިން ނަމަވެސް، މެޓްގެ ކާޕެޓުގައި މީހަކު ފައިން އަރައި ކުރަފި މަރާލިކަން "ވެރައިޓީ" ނޫހުން ވަނީ ޓްވިޓާގައި ފަހުން ޝެއާކޮށްފަ އެވެ.
"މި ޚަބަރު މި ރިޕޯޓުކުރަނީ ފުން ހިތާމަޔާ އެކު. ރެޑްކާޕެޓު ކުރަތްޕަށް މީހަކު ވަނީ ފައިންއަރާފައި،" ސަމާސާ ކުރަމުން ވެރައިޓީ ނޫހުން ޓްވީޓްކުރި އެވެ.
މި ކުރަތްޕަށް މެޓް ގާލާގެ އެތެރެ ނުފެނުނު ނަމަވެސް، ގިނަ އަދަދެއްގެ ތަރިން ވަނީ މިފަހަރުގެ މެޓް ގާލާގައި ބައިވެރިވެފަ އެވެ. މަޝްހޫރު ފެޝަން ޑިޒައިނަރު ކާލް ލެގަފީލްޑުގެ ނަމުގައި، އޭނާއާ ގުޅޭ ތީމަކަށް ބޭއްވި އެ އިވެންޓުގައި ތަފާތު ހެދުންތަކެއް ފެނިފައިވެ އެވެ.