01 މެއި 2023 - 17:53

ދުބާއީގެ މަޝްހޫރު ކުންފުންޏަކުން ރާއްޖޭގައި 3.3 ބިލިއަން ރުފިޔާ (218 މިލިއަން ޑޮލަރު) ގެ ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ދުބާއީގެ ނޫސްތަކުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެފްއޭއެމް ހޯލްޑިން ޕީއެސްސީ ގްރޫޕް އިން ވަނީ ރާއްޖޭގައި "އަލް މަހްރާ މޯލްޑިވްސް ރިސޯޓު" ގެ ނަމުގައި ލަގްޒަރީ ރިސޯޓެއް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އަރަބިއަން ޓްރެވަލް މާކެޓް ފެއާގައި މި ޕްރޮޖެކްޓް ލޯންޗު ކުރި އިރު މިއީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއު އެވެ.
ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ނަން ނިސްބަތްވާ ޗެއާމަން ޑރ. ފައިސަލް އަލީ މޫސާ ވިދާޅުވީ، ރާއްޖޭގައި ހަދާ ރިސޯޓާ އެކު އެ ކުންފުނީގެ ރިއަލް ސްޓޭޓް މަސައްކަތްތައް ޔޫއޭއީ އިން ބޭރަށް ފުޅާކުރެވޭނެ ކަމަށެވެ.
އެ ކުންފުނިން ގައުމުން ބޭރުގައި ހިންގާ ފުރަތަމަ ޕްރޮޖެކްޓް ރާއްޖޭގައި ހިންގަން ނިންމީ، ރާއްޖެއަކީ ޓޫރިޒަމް ދާއިރާގައި މި ސަރަހައްދުގައި އެންމެ ކާމިޔާބު، އަދި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ގައުމަށްވާތީ އެވެ. ރާއްޖެއަކީ ލަގްޒަރީ ޓޫރިޒަމަށް މުޅި ދުނިޔެއަށް ވެސް މަގްބޫލު މަންޒިލެކެވެ.
ފައިސަލް ވިދާޅުވީ، އަލް މަހްރާ މޯލްޑިވްސް ރިސޯޓު ހަދަނީ އެއްލައްކަ އަކަ މީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ. އެ ރަށުގައި 150 ކޮޓަރި ހުންނާނެ އެވެ. އޭގެ ތެރެއިން 100 ކޮޓަރި އަކީ ވޯޓާ ވިލާ އެވެ.
"މީގެއިން ކޮންމެ ކޮޓަރިއެއްގައި ޕްރައިވެޓް ޕޫލެއް ހުންނާނެ. އެ ރިސޯޓުގައި 40 ބީޗް ވިލާ ހުންނަ އިރު އޭގެ ތެރެއިން 10 ވިލާ ހާއްސަކޮށްފައިވަނީ ވީއައިޕީ ވިލާތަކުގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
އެ ރިސޯޓުގައި ތިން ރެސްޓޯރެންޓާއި ސްޕާ އަކާއި ޖިމެއް ހުންނާނެ އެވެ.
އެފްއޭއެމް ހޯލްޑިންގެ ރިސޯޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފަށާނެ އެވެ. އަދި ދެ އަހަރު ތެރޭ މުޅި ޕްރޮޖެކްޓް މަސައްކަތް ނިންމާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންވެ، 2025 ގައި އެ ރިސޯޓު ހުޅުވޭނެ ކަމަށް ޗެއާމަން ފައިސަލް ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން މެދު އިރުމަތީގެ އެހެން ގައުމުތަކާއި އެފްރިކާގެ ގައުމުގަކުގައި އެފްއޭއެމް ހޯލްޑިންގެ ޕްރޮޖެކްޓްތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެފްއޭއެމް އަކީ ޔޫއޭއީގައި އެންމެ ބާރަށް ކުރި އަރަމުން އަންނަ ރިއަލް އެސްޓޭޓް ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ މެދު ފަންތީގެ ހައުސިން އާއި އެންމެ މަތީފަންތީގެ ހައުސިން ޕްރޮޖެކްޓްތައް ވެސް ހިންގަމުންނެވެ.