10 ޖޫން 2016 - 09:35

މި އަހަރު ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ އެއް ފިލްމަކީ ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ ބިރުވެރި ފިލްމް 4426 (ފޯ ފޯ ޓޫ ސިކްސް) އެވެ.

މި ފިލްމް ހާއްސަ ވަރަށް ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކަށް މިއީ ނަހުލާ ފުރަތަމަ ބިރުވެރި ފިލްމެވެ. ވާހަކަ ލިއުންތެރިއެއްގެ ގޮތުގައި ވެސް މަގުބޫލް ނަހުލާގެ "4426" އަކީ އޭނާ ލިޔުނު ފުރަތަމަ ބިރުވެރި ވާހަކައެއް ނޫނެވެ.

ލޯބީގެ ވަރަށް އަސަރުގަދަ ހާދިސާތަކެއް އެކުލެވޭ ވާހަކަތަކެއް އޭނާ ގެނެސް ދީފައިވީ ނަމަވެސް ނަހުލާގެ ބިރުވެރި ވާހަކަ "މަންޖެ" އަކީ އެތައް ބަޔަކު ބިރު ގަންނަވާލި ވާހަކައެކެވެ. ބިރުވެރި ވާހަކަ ނުލިޔެވޭނެ ކަމަށް ކުރިން އަމިއްލަ އަށް ވެސް ގަބޫލުކުރި ނަހުލާ ވަނީ "މަންޖެ" އިން އޭނާ އަށް ބިރުވެރި ވާހަކަ ލިޔެވިދާނެކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދީފަ އެވެ.
ފިލްމެއްގެ ގޮތުގައި އޭނާ ގެނެސްދޭ "4426" އަކީ ބެލުންތެރިން މި ފަހަރު ބިރުން ގޮސް ފިއްކަނޑައިގެން ދާ ވަރުގެ ބިރުވެރި ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ނަހުލާ ވަނީ އެތައް ފަހަރަކު ދީފަ އެވެ.
މި ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ "4426 އަކީ މިހާތަނަށް ލިޔުނު އެންމެ އުނދަގޫ އަދި އެންމެ ވަރުގަދަ ސްކްރިޕްޓް" ކަމަށެވެ.
"މި ފިލްމުގެ މަސައްކަތަކީ މިހާތަނަށް އަޅުގަނޑު ކުރި އެންމެ ބުރަ މަސައްކަތް. އަދި މިއީ މިހާތަނަށް އަޅުގަނޑުގެ އެންމެ އާދަޔާ ހިލާފު ފިލްމް" އަންނަ އޮކްޓޯބަރު 18 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމާ ބެހޭ ގޮތުން ނަހުލާ ބުންޏެވެ.
އޭނާގެ "4426" އަށް އިންތިޒާރު ކުރަން ޖެހޭ އަނެއް ސަބަބަކީ މިއީ 2008 ގެ "ޔޫސުފް" އަށް ފަހު ނަހުލާގެ ޑައިރެކްޝަނެއް ބެލުންތެރިންނާ ހަމައަށް އަންނަ ފުރަތަމަ ފަހަރަށް ވާތީ އެވެ. އެހެންވެ ކުރިން އޭނާ އާ ވަރަށް ބީރައްޓެހި ޖޯންރާއެއްގެ ފިލްމަކާ އެކު އެނބުރި އަންނަ އައުމަކީ އާދައިގެ ކަމެއް ނޫނެވެ.
އަދި މި ފިލްމަކީ ނަހުލާގެ ކުރީ ފިލްމުތަކުގައިހެން ލިޕްސިންކް ކުރާ ކަހަލަ ގިނަ ލަވަތަކެއް ވެސް ފެންނާނެ ފިލްމެއް ނޫނެވެ. އެހެންވެ މި ފަހަރު ނަހުލާގެ ފިލްމަކަށް އޭނާގެ ވަފާތެރި އޯޑިއަންސް ދާން ވާނީ އެކަން އެނގި ތިބެ އެވެ. މިއީ ނަހުލާގެ ފިލްމަކަށް އަންނާނެ ވަރަށް ބޮޑު ތަފާތެކެވެ.
އޯޕަން ބަޖެޓަކުން އުފައްދާ "4426" ގެ ޑައިރެކްޝަނުގައި ނަހުލާއާ އެކު އަހުމަދު ޝިނާން ވެސް ބައިވެރި އެވެ. މިއީ ބައެއް ފިލްމުތަކުގެ ފަހަތުގައި ހުރޮ މޮޅު ފަންނާނެކެވެ. ނަހުލާއާ އެކު ޑައިރެކްޝަން ހަދާ އިރު މިއީ ޝިނާންގެ ފުރަތަމަ ޑައިރެކްޝަން ތަޖުރިބާ ވެސް މެ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ "4426" ހާއްސަވާ އަނެއް ކަމަކީ ނަހުލާގެ މި ފިލްމާ އެކު އަނެއްކާ ވެސް އޭނާ އާ އާ އެކު ޔޫސުފް ޝަފީއު (ޔޫއްޕެ) ފެނިގެން ދިއުމެވެ. ޔޫއްޕެއަކީ ނަހުލާގެ އެންމެ ހިޓް ފިލްމުތަކުގެ ހީރޯ އެވެ. އޭގެ ތެރޭގައި "ޔޫސުފް". "ކަލާޔާ ނުލާ" އަދި "ޒުލޭހާ" ހިމެނެ އެވެ.
"4426" ގެ ކާސްޓަށް ބަލާ އިރު ޝީލާ ނަޖީބާއި މުހައްމަދު ފައިސަލް ފަދަ ތަޖުރިކާރު އެކްޓަރުން މި ފިލްމުގައި ތިބުމަކީ ވަކިން ކުޑަ ކަމެއް ނޫނެެެވެ. އަނެއްކޮޅުން ޒުވާން ތަރިންތަކެއް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.
އޭގެ ތެރޭގައި މުހައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް އައްޒަ ފާހަގަކޮށްލެވެ އެވެ.
"އުންމީދަކީ ފޯ ފޯ ޓޫ ސިކްސްއަކީ ބެލުންތެރިން ހަނދާނުން ފޮހެލަން ދަތި ފިލްމަކަށްވުން،" މީގެ ކުރިން ދިވެހި ފިލްމަކުން ނުފެންނާނެ ކަހަލަ އެތައް ކަމެއް މި ފަހަރު ފެންނާނެ ކަމުގެ ޔަގީންކަން ދޭ ޑައިރެކްޓަރު ބުންޏެވެ.
ނަހުލާގެ ވާހަކަތަކަށް އިތުބާރުކޮށް، އިންތިޒާރު ކުރަމާ ހިނގާށެވެ. ފިލްމުގައި ހުރި ވަރެއް އެނގިދާނެ އެވެ.