30 އެޕްރީލް 2023 - 13:53

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެ ގޭގެ ވެރިފަރާތުން އެ ޕާޓީ އަށް އަންގައިފި އެވެ.
ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު "މިހާރު" އަށް ވިދާޅުވީ މި މަހުގެ ނިޔަލަށް ހަރުގެ ހުސްކުރަން އަންގައި އެ ގޭގެ ވެރިފަރާތުން މިދިޔަ މަހު ފޮނުވި ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ސިޓީއާ ހަވާލާދީ އިބުރޭ ވިދާޅުވީ، ހަރުގެ ހުސްކުރަން އެންގީ އެ ބިމުގައި އިމާރާތެއް ކުރަން ކަމަށެވެ.
އެމްޑީޕީގެ މައި ހަރުގެ ހަދާފައި ވަނީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގަ އެވެ. އޭނާ މަސައްކަތް ކުރަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުމުގައި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަންގަ އެވެ.
"އެ ތަން ހުސްކުރަން ޖެހުނަސް އަދި އަޅުގަނޑުމެންނަށް ހަރުގެ ބަދަލުކުރާނެ އެހެން ތަނެއް ނުލިބޭ. އެ ވަރުގެ ޖާގައެއް ހުރި ތަނެއް އަދި ނުލިބިގެން މި އުޅެނީ. އެހެންވެ ތަނެއް ލިބެންދެން އެ ތަނުގައި ހަރުގެ ހިންގޭތޯ ވެރިފަރާތާއެކު މި އަންނަނީ މަޝްވަރާ ކުރަމުން،" އިބުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ބިމުގައި ހަރުގެ ހިންގަން ދިން އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވިޔަސް، އެ ތަން ހުސްކުރަން ވެރިފަރާތުން އެންގީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން އެތަނުގައި ތިބެވޭނެ ކަމަށް ބުނުމަށް ފަހު އެވެ.