ބައެއް އާންމު މެމްބަރުންނާ މައުމޫން ބައްދަލު ކުރައްވައިފި
ބައެއް އާންމު މެމްބަރުންނާ މައުމޫން ބައްދަލު ކުރައްވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ އާއްމު މެމްބަރުންނާ މިދިޔަ ބުދަ ދުވަހު ބާއްވަން އުޅުނު ބައްދަލުވުން ފުލުހުން ހުއްޓުވި ނަމަވެސް، ރޭ އެ މަނިކުފާނު އާއްމު މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

އެކަމަކު ހ. ތެމާގައި ހުންނަ މައުމޫންގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމަށް ފުލުހުން ހުރަސް އަޅާފައެއް ނުވެ އެވެ.

މަައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކޮށްފައިވާ އާމިނަތު ނާދިރާ ވިދާޅުވީ މައުމޫނާ ބައްދަލުކުރުމަށް އެދުނު ބައެއް އާއްމު މެމްބަރުންނާއި ކޮމެޓީތަކުގެ މެމްބަރުންނާއެކު ބޭއްވި އެ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކުރީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަމަލު ކުރާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތުން އާއްމު ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ހިދުމަތްތަކާއި ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާ މެމްބަރުން ކުރި ކަމަށެވެ. އަދި ދޮޅު ގަޑިއިރުގެ އެ ބައްދަލުވުމުގަ އާއި ހިޔާލު ބަދަލުކުރި ކަންތައްތައް ޕީޕީއެމްގެ ކައުންސިލަށް ހުށަހަޅައިގެން މަޝްވަރާ ކުރައްވާނެ ކަމަށް މައުމޫން ވިދާޅުވި ކަމަށް ނާދިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެމްބަރުންގެ ފަރާތުން ޕީޕީއެމްގެ ރައީސަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މައުމޫން ބާއްވަވަން އުޅުއްވި ބައްދަލުވުން ފުލުހުން ހުއްޓުވީ އެ މަނިކުފާނު ނޫން އެހެން އެއްވެސް މީހަކަށް އެ އޮފީހަށް އެ ރޭ ނުވަދެވޭނެ ކަމަށް ބުނެ އެވެ. ފުލުހުން އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ފަހުން ޕީޕީއެމުން ވަނީ ފުލުހުންނަށާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށާއި އެޗްއާރުސީއެމަށް ވެސް ހުށަހަޅައިފަ އެވެ.

އެކަމަކު އަދި އޭގެ ޖަވާބެއް އެއްވެސް އިދާރާއަކުން ނުލިބޭ ކަމަށް ޕީޕީއެމުން ބުންޏެވެ.