24 ޖެނުއަރީ 2017 - 11:59

މެލްބަން (ޖެނުއަރީ 24) - މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ މެޗެއްގައި ބޯޅައެއްގެ "ހަމަލާ" އަމާޒުވި ބޯޅަހޮވާ އަންހެން ކުއްޖާ ޖިއުލިއާނާ ފޮނުވި ސިޓީއަށް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޖޯ ވިލްފްރިއެޑް ސޮންގާ ޝުކުރުއަދާކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން މެޗެއްގެ ތެރެއިން ޖިއުލިއާނާ ގައިގައި ބޯޅައިން ޖެހުމާ އެކު އޭނާ ރޯން ފެށުމުން ސޮންގާ ވަނީ މެޗު މެދުކަނޑާލައިފަ އެވެ. އަދި ކޯޓުން އޭނާ ބޭލުމަަށް ސޮންގާ ވަނީ އެހީތެރިވެފަ އެވެ.
އެކަމަށް ޝުކުރު އަދާކުރުމަށް ޖިއުލިއާނާ ފޮނުވި ސިޓީގައި ބުނެފައިވަނީ ސޮންގާ އޭނާ މަތިން ހަނދާން ނުހުރުން ވެސް އެކަށީގެންވާ ކަމަށާއި އެހެން ނަމަވެސް ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.
އަދި ބޯލް-ގާލްއެއްގެ ޒިންމާ ފުރިހަމަ އަށް އަދާނުކުރެވުމުންނާއި އޭނާގެ ސަބަބުން ސޮންގާގެ މެޗު މެދުކަނޑާލަން ޖެހުމުން އެކަމަށް މައާފަށް އެދެން ބޭނުންވާ ކަމަށް ޖިއުލިއާނާ ވަނީ އޭނާގެ ސިޓީގައި ބުނެފަ އެވެ.
ސޮންގާގެ ފަރާތުން ފެނުނު ކަންތައްތަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ތަރުހީބު ލިބުނެވެ. އަދި ޖިއުލިއާނާގެ ސިޓީ ލިބުމާ އެކު ސޮންގާ ވަނީ އެ ސިޓީ ޓްވީޓްކޮށްފަ އެެވެ.
އޮސްޓްރޭލިއަން އޯޕަންގައި މި ފަހަރު ސޮންގާ އަންނަނީ ރަނގަޅު ވާދައެއް ކުރަމުންނެވެ. ސޮންގާ މި ވަގުތު ދުނިޔޭގެ 12 ވަަނައިގައި އޮތްއިރު، މުބާރާތުގެ ކުއާޓާ ފައިނަލުގައި އޭނާ ބައްދަލުކުރާނީ ސްވިޒަލެންޑުގެ ސްޓެން ވަވަރިންކާއާ އެވެ.