އާންމުންގެ އިތުބާރު ހޯދަން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި: ސީޕީ
އާންމުންގެ އިތުބާރު ހޯދަން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި: ސީޕީ

ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ބޮޑަށް ލިބިފައިވާ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތެއް ކަމަށާއި ކުށްކުރުން ހުއްޓުވައި، ރައްކާތެރިކަން ފޯރުކޮށްދިނުމާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީވުން ފަދަ ކޮންމެ ކަމަކީ ފުލުހުންގެ ޒިންމާގައި ހިމެނޭ ކަމެއް ކަމަށެވެ.

އެހެންވެ، ފުލުހުންގެ މަސައްކަތްތަކަށް ބަދަލު ގެނެސް، އިސްލާހުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.

"އެކަންކަމަކީ ވަކި އެއް ކަމަކަށް އިސްކަންދީގެން ފުރިހަމަ ކުރެވޭނެ ކަންކަމެއް ނޫން. އެކަންކަން ރަނގަޅު ގޮތުގައި ކުރުމަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރެވިފައި ގޮތަށް ބަދަލު ގެނެސް، މަސައްކަތްތައް އިސްލާހުކޮށް އިތުރަށް ތަރައްގީކުރަން މަސައްކަތް މިދަނީ ކުރަމުން،"

ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކާމިޔާބީތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 2022 ގައި ގިނަ ޖިނާއީ ކުށުގެ މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ކުށްކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި އާދަވެ ކުރަމުން އަންނަ ކުށްތައް އިންޓަނެޓްގެ މާހައުލަށް ވަންނަން ފަށާފައިވާ ކަމަށެވެ. އެފަދަ ކުށްތައް ކުރާ މީހުން ހޯދުމަށް ގޮންޖެހުންތަކެއް އެބަ ހުރި ކަމަށާއި އެ ކުށްތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމާއި އަނިޔާތަކުން ސަލާމަތްކުރުމަށް ފުލުހުން ކުރަން ޖެހޭ މަސައްކަތުން އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމުގައި ވެސް ގޮންޖެހުން އެބަ އޮތް ކަމަށް ސީޕީ ވިދާޅުވި އެވެ.

"އެ ގޮންޖެހުންތައް އެގޮތަށް ހުއްޓަސް މި ދާއިރާ ތަރައްގީކޮށް ޒަމާނީ ކުށްކުރުމުގެ ވައްޓަފާޅިއަށް ރައްދެއް ދޭނެ މިންވަރަށް ފުލުހުންގެ ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް ފުލުހުންގެ ހިދުމަތުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން،"

ސީޕީ ވިދާޅުވި ގޮތުގައި ތަހުގީގުކުރުމުގެ މަސައްކަތުގައި މިހާރު ހަރަކާތްތެރިވާ 573 ފުލުހުންގެ ތެރެއިން ގިނަ ފުލުހުންނަކީ ގާނޫނުގައި ބުނާ ފެންވަރުގެ ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ތަމްރީނު ލިބިފައިވާ ބައެކެވެ. އޭގެ އިތުރުން ވެސް އެހެން ފުލުހުން އިތުރު ތަމްރީނުތައް ހަދަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ބޮޑަށް އޮތް މައްސަލަތަކަށް އަލިއަޅުވާލައްވަމުން ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި ކޮންމެ އަހަރަކު ވެސް އެކަމުގެ ތެރެއަށް 400-500 އާ ދެމެދުގެ އަދަދަކަށް މީހުން ވަންނަ ކަމަށެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމާއި ކަމާ ގުޅޭ އެހެން އިދާރާތަކުން އެއް މިސްރާބަކަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"މިކަމަށް ރައްޔިތުން އެދޭ ފަދަ ރަނގަޅު ބަދަލެއް ގެނައުމަށް ފުލުހުންގެ ފަސް އަހަރު ދުވަހުގެ ސްޓެޓީޖިކް ޕްލޭންގެ ދަށުން ހާއްސަ މަސައްކަތްތަކެއް މިދަނީ ކުރަމުން. އެގޮތުން މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އިތުރު،"

ކުށްކުރާ މީހުން ހައްޔަރުކޮށް، އެމީހުންނަށް ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައިގަނޑު މަސައްކަތް ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މީހުން ބަންދުކުރުމުގައި ގޮންޖެހުން ބޮޑު ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ. އެ ދަތިކަމާ އެކު ވެސް މީހުން ހައްޔަރުކޮށް، އެމީހުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް އެންމެ ރަނގަލަށް ފޯރުކޮށްދެވޭތޯ މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.