30 އެޕްރީލް 2023 - 07:02

މަގުމަތީގައި ދިއްލާފައިހުރި ބައްތީގެ އުނބުގަނޑު ތެރެއަށް ބަޅިނދެއް ވެއްޓުނެވެ. ހޫނުވެގެން ތެޅިފޮޅިގަތެވެ. އުދުހިގަތެެވެ. ބިއްލޫރިގަނޑުގައި ޖެހުމުން އެހެން ދިމާއަކަށް އުދުހިގަތެވެ. އަނެއްކާ ވެސް ބިއްލޫރިގަނޑުގައި ޖެހުމުން އެހެން ދިމާއަކަށް އުދުހިގަތެވެ. އާމިރާ ހިތަށްއެރިއެވެ. މަރުގެ ދަންތުރައެއްކަން އެނގިހުރެ ބަޅިނދު އެ މަޅީގައި ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެތައް އިރަކު އުދުހިފައި އުނބުގަނޑު ތެރެއަށް ބަޅިނދު ވެއްޓުނެވެ. ތެދުވަން މަސައްކަތް ނުކޮށްފި ނަމަ މަރުވާނެކަން އެނގޭ އިރު ވެސް ބަޅިނދު އޮތީއެވެ. ވަރުބަލިވެގެން މަރުވުމަށް ވުރެ އަރާމުގައި މަރުވުން ހިތަށް ފަސޭހަވީއެވެ. މަންޒަރު ބަލަންހުރި އާމިރާއަށް ސިފަކުރެވުނު ގޮތުގައި އެ ބަޅިނދަކީ އާމިރާއެވެ. އުމުރުން ތިރީހަށް ވުރެ މަތިވެފައިވާ އާމިރާގެ ހަޔާތަށް ވެސް އަންނާނީ ހަމަ އެ ފަދަ ހިތި ނިމުމެކެވެ. އެ ވަގުތު ޓެކުސީއެއް އައިސް އާމިރާ ކައިރިއަށް މަޑުކޮށްލިއެވެ. އެއީ އެ ފަދަ ތިންވަނަ ކާރެވެ. އެކަހެރި އަންހެނަކު ފެނުމުން ކޮންމެ ޑުރައިވަރަކަށް ވެސް ހީކުރެވެނީ ޓެކުސީއެއްގެ އިންތިޒާރުގައި ހުރި މީހެއްކަމުގައެވެ. ނޫނެކެވެ. އާމިރާގެ ވިސްނުން ތަފާތެވެ. ފިރިހެނުންގެ ލޮލުގައި އާމިރާ އަޅައިގަންނަނީއެވެ. ކާރަށް އަރުވާ ހިތްވަނީއެވެ. ހުއްޓާ ކޮންމެ ޓެކުސީއަކަށް އާމިރާ ބޯހޫރައިލައެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ދެން ފެނުނީ ސައިކަލެއް މަޑުކޮށްލި ތަނެވެ. ދުއްވަންއިނީ މައުރޫފެވެ. ގޭދޮށު މީހެކެވެ. ޒުވާން ދައުރުގައި ރައްޓެހިވާން އަހައި، އާމިރާ އިންކާރު ކުރުމުން ވެސް ނަރުނެތް ގިޓާ ޖެހުމުގައި އުމުރު ހުސްކޮށްލާ މީހެކެވެ. ފިރިޔަކަށްވެ، ދަރިޔަކު ލިބުމުން ވެސް އާމިރާއަށް ކަޅިއެޅުން އޭނަ ހުއްޓައެއްނުލިއެވެ.
"ކިއު ތަރުތީބުން މިހާރު މި އޮތީ އަހަންނާ ޖެހިފަ،" ލާނެތް ރާގަކަށް މައުރޫފު ބުންޏެވެ. "ޓެކްސީއަށް އެރި ނަމަ ޖާގަ ބޮޑު ސީޓެއް ލިބުނީސް. މީ ކުޑަ ސައިކަލުގަނޑެއް. އެކަމަކު މުޖައްރިބު ވާހަކައެއް ބުނެފާނަން. އަހަރެންގެ ހިތުގަ ލައްކަ ޖާގަ އެބަ އޮތް. އަހަރެން ވަރަށް ތެދުވެރިވާނެ. އަމާނާތްތެރިކަމާ އެކީގަ ގެއަށް ގެންގޮސްދޭނަން."
ސައިކަލަށް އަރަން މައުރޫފު ދައުވަތުދިނީ އާމިރާ ނާރާނެކަން ޔަގީންވާތީއެވެ. އާމިރާ ވަގުތުން ސައިކަލު ފަހަތުގައި އިށީނެވެ. މައުރޫފު ދިޔައީ ސިއްސައިގެންނެވެ. އާމިރާ ވެސް އިނީ ހައިރާންވެފައެވެ. އެ ސައިކަލަށް އެރުނީ ކީއްވެގެންބާއޭ ހިތަށްއަރައިފައެވެ. އެހައި ތަނަށް، އެންމެ ބޮޑު ވަރަކަށް އާމިރާ ކުރި ކަމަކީ މައުރޫފަށް ހިނިތުންވެލުން އެކަންޏެވެ. ވާހަކަދެއްކުމަކަށް ވެސް އާމިރާ ޝައުގުވެރިކަމެއް ނުބަހައްޓައެވެ.
"ދެން ކޮން އިރަކުން ދުއްވަން ފަށަނީ؟" އާމިރާ ސުވާލުކުރިއެވެ.
ސައިކަލު ދުއްވައިލިއެވެ. މައުރޫފުގެ ދޫ ތަޅުލެވުނު ކަހަލައެވެ. ބުނަންވީ ކީކޭކަމެއް، އަހަންވީ ކީކޭކަމެއް ނޭނގުނެވެ. ދުވަހަކު ނުތެޅޭ ވަރަށް ހިތްތެޅެން ފެށިއެވެ. އާމިރާގެ ފަރާތުން ފެނުނީ އަޖައިބަކަށް ފަހު އަޖައިބެކެވެ.
"ބަސްހުސްވީތަ؟" އާމިރާ މަޑުމަޑުން ބުނެލިއެވެ. "އަހަންނާ އިންނާށޭ ބުނެފިއްޔާ އިންނަން ކެރޭނެ؟"
މައުރޫފުގެ އަންބަކަށް އާމިރާއެއް ނުވާނެކަން މައުރޫފަށް މުޖައްރިބެވެ. އެއީ ވެވޭނެކަމެއް ވެސް ނޫނެވެ. މައުރޫފު ހިތަށްއެރިއެވެ. އާމިރާ އެ ސުވާލުކުރީ ކީއްވެގެން ހެއްޔެވެ؟ މައުރޫފުގެ ކެރޭކަން ވަޒަންކޮށްލަން ހެއްޔެވެ؟
"އާމިރާއަކީ މީހެއްގެ.." މައުރޫފަށް ބުނެވުނީ އެ ހިސާބަށެވެ.
"ރަނގަޅޭ! އަހަންނަކީ މީހެއްގެ އަންބެއް. މައުރޫފަކީ މީހެއްގެ ފިރިއެއް،" ވަރަށް ހަމަޖެހިލާފައި އާމިރާ ބުންޏެވެ. "އަހަރެން ބުނީމެއްނު މައުރޫފަކާ ރައްޓެއްސެއް ނުވާނަމޭ ވެސް! އެ ހުރިހައިކަމެއް ވެސް އެނގެޔޭ! އަހަރެން ވަރިވީމަ ސިންގަލްވާނެ. މައުރޫފަށް ދެއަންބަށް ވެސް މެރީކުރެވޭނެ. އެ ވާހަކަ އިހަށް ބާއްވާ! އަހަރެން މިހާރު މި އަހަނީ އަހަންނާ އިންނަން ކެރޭނެހޭ؟"
މައުރޫފު ހިތަށްއެރިއެވެ. ނޫނެކެވެ. އާމިރާ އެ އުޅެނީ އިންނާކަށް ނޫނެވެ. އެއީ ޓެސްޓެކެވެ. އާމިރާއަކީ ފިރިމީހާ ކައިރިން އެހައި ފަސޭހައިން ވަރިވާނެ އަންހެނެއް ނޫނެވެ. ގެ ކައިރީގައި އުޅޭތީ އާމިރާގެ ދެމަފިރިން މައުރޫފަށް ފެނެއެވެ. އެ ދެމެދުގައި އޮތީ ފުން ލޯތްބެކެވެ. ސައިކަލުގައި ތިބޭ އިރު ވެސް އާމިރާ ފެންނާނީ ހިނިއައިސްގެން ފިރިމީހާޔާ ވާހަކަދައްކާ ތަނެވެ. ފިހާރަޔަކުން ފެނުނަސް އެ ދެމަފިރިން ކުރާ އަޑު އިވޭނީ ސަމާސާއެވެ.
"އަހަރެން ހިތުއަޅައިގެން އުޅޭތާ ކިތައް އަހަރު ވެއްޖެ؟" އާމިރާ ސުވާލުކުރިއެވެ. "ޔަގީން ޓެން އަހަރު ވެދާނެކަން. ދެން ކީއްވެ އާނއެކޭ ބުނަން ތިހާ ގިނަ އިރު ތި ނަގަނީ؟ އަހަރެން ހީކުރީ އަހަރެން ދެކެ މައުރޫފު ވަރަށް ލޯބިވާކަމަށް. ތީ ހަމަ ފިރިހެނުންގެ ވައްތަރު. އިންނަން އުޅޭ އިރު ފެންނާނީ ސައިޑް އޭ! އިނީމަ ސައިޑް ބީ! ސައިކު މަޑުކުރޭ! ގެ ހިނގައްޖެ ފަހަތަށް."
މައުރޫފު ބަލައިލި އިރު އެއީ ތެދެކެވެ. ވާހަކައިގައި އެ ހިސާބަށް އާދެވުނު އިރު ވެސް މައުރޫފަކަށް ނޭނގުނެވެ. ސައިކަލުން ފައިބައިފައި އާމިރާ ހިނިތުންވެލިއެވެ. އޭގެ މާނައެއް މައުރޫފަކަށް ނުވިސްނުނެވެ.
"ދެން މައުރޫފު ފެންނަ ކޮންމެ ފަހަރަކު ވެސް އަހަރެން ހިތަށްއަރާނެ، ނޫނޭ ފިނޑިމީހުން ވެސް އުޅެޔޭ!" އާމިރާ ބުންޏެވެ. "ދުވަހަކު ވެސް ދެން އަހަންނަށް ނުފެންނައްޗޭ އިނގޭ!"
އެއްވެސް އެއްޗެއް ނުބުނެ މައުރޫފު ސައިކަލު ދުއްވައިލިއެވެ. އާމިރާ ދިޔަ ގޮތަށް ގޮސް ގެއަށް ވަނެވެ. ސައިކަލު މަތީގައި އިށީނދެގެން، ކަޅިޖަހައި ނުލައި ބަލަން އިން މީހާއަކަށް އާމިރާ ސަމާލުކަމެއް ނުދެއެވެ. ފެންނަކަމަށް ވެސް ނެހެދިއެވެ. އާމިރާ ހިތަށްއެރިއެވެ. ހިލޭފިރިހެނެއްގެ ސައިކަލު ފަހަތަށް އެރުނީ ކީއްވެގެން ހެއްޔެވެ؟ އެއީ އާމިރާގެ މިޒާޖެއް ނޫނެވެ. ޖަވާބު ވެސް ލިބުނެވެ. މާ ބޮޑަށް އާމިރާ ފޫހިވީއެވެ. ހިތްހަމަނުޖެހުނީއެވެ. ދެރަވީއެވެ. އެ ފަދަ ވަގުތުގައި އާމިރާ ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ފަހުން ރޯންޖެހުނަސް ވެހެވެ. ގެއަށް ވަން އިރު ސޯފާ މަތީގައި ކޮތަޅުތަކެއް ހުއްޓެވެ. އެއީ ދަރިފުޅުގެ އުފަންދުވަސް އަންނާތީ، ކުޑަކޮށް ގޭތެރެ ޒީނަތްތެރިކޮށްލުމަށް ޓަކައި އާމިރާ ގަނެފައިހުރި އެއްޗިއްސެވެ. ކޮތަޅުން ނުވެސް ނަގައި ހުރި ގޮތަށް ހުރީއެވެ. އެ ވަގުތު ދަރިފުޅުގެ ކޮޓަރިން ސީމާ ނުކުތެވެ. ސީމާއަކީ، ދަރިފުޅު ބެލުމާއި ގޭގެ ކުދިކުދި މަސައްކަތްކޮށްލަން ގެނައި ޒުވާން އަންހެންކުއްޖެކެވެ. ފައިސަލާއި އާމިރާއަށް ލިބުނީ ފިރިހެންކުއްޖެކެވެ. އޭނަގެ އުމުރުން މިހާރު ބާރަ އަހަރެވެ.
"ޒިޔާން ނިދީތަ؟" އާމިރާގެ ކޮޓަރިޔާ ދިމާއަށް ދަމުން އާމިރާ އެހިއެވެ.
"ޑެޑީ ނެތިގެން ވަރަށް ކުސްތަޅާފަ ނިދައިފި،" ސީމާ ބުންޏެވެ. "ކާންހަދަން؟"
އެއްވެސް ޖަވާބެއްނުދީ އާމިރާ ގޮސް ކޮޓަރިއަށް ވަނެވެ. ދަބަސް ހޫރުވައިލީ އެނދަށެވެ. އެކަމަކު ހޫރުވައިލިލެއް ބާރުކަމުން ތަޅުންގަނޑު މައްޗަށް ދަބަސް ވެއްޓުނެވެ. އާމިރާ އެނދަށް ވެއްޓިގަތެވެ. ޕާޓީއަށް ދާންވެގެން ތުންފަތުގައި ޖެއްސި ކުލަތައް ބެޑުޝީޓުގައި ހޭކޭ ކަހަލަ ގޮތަކަށެވެ. އެހެން އުޅެއުޅެ އާމިރާ ވަރުބަލިވެއްޖެއެވެ. އަތުންފައިން ގޯހެއް ހެދިދާނެއެވެ. ވިސްނަން އޮއްވައި ލޮލުން ކަރުނައެއް ފާއްދައިލިއެވެ. އެ ކަރުނަ ފުހޭކަށް އާމިރާ ބޭނުމެއް ނުވިއެވެ. ހިތާހިތުން ބުނެވުނެވެ. މިހެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މޮޔަވެދާނެއެވެ. ފޯނު ރަނގަބީލުވާ އަޑު އިވެން ފެށިއެވެ. އެއީ ކާކުގެ ފޯނެއްތޯ ބަލާކަށް އާމިރާ ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް ފައިސަލް ކޮޓަރިއަށް ވަނެވެ. އޭރު ވެސް ފޯނުގެ އަޑެއް ނުކެނޑެއެވެ.
"އަހަރެން ދިޔަ އިރު އާމިރާއެއް ނެތް،" ފައިސަލް ބުންޏެވެ. "ޓެކްސީއެއްގަތަ ތި އައީ؟"
އާމިރާގެ ފޫހި އޭގެ އިންތިހާއަށް ދިޔައެވެ. އެހެނަސް ނުއެއް ތެދުވެއެވެ. ޖަވާބެއް ނުދެއެވެ. ބޯދަށަށް އަތްލައްވައިލިއެވެ. ލޯމަރައިލިއެވެ.
"އަހަރެން ގޮސް އެ ތާ ހުރެހުރެ..." ފައިސަލް ބުނި އަޑުއިވުނެވެ. "ގެއަށް އާދެވުނު ވާހަކަ ބުނެލި ނަމަ."
"އިވޭނެތަ؟ އަހަރެން ބުނާ އެއްޗެއް ހަނދާން ހުރޭތަ؟" ލޯމަރައިލައިގެން އޮވެ އާމިރާ ބުންޏެވެ. "އަހަރެން ބޭނުމެއް ނެތް މި ވާހަކަ ދައްކާކަށް. ވަރުބަލިވެއްޖެ! ސީރިޔަސްކޮށް! ފައިސަލް ދިޔަ އިރު އަހަރެން އެ ތާ ނެތް ނަމަ ފައިސަލް ގުޅާނެ. އެންމެ ކޯލެއް ވެސް ނާދޭ! އަހަރެން ގެއަށް ވަން އިރު ފައިސަލް ބަލަހައްޓައިގެން އިންތަން އަހަންނަށް ފެނުނު ވާހަކަ، މައުލޫމާތަށްޓަކާ ބުނެލަން."
"އަހަރެން ބުނިން ދޯ ފަހަރެއްގަ މީޓިން ނުނިމިދާނޭ،" ފައިސަލް ހަނދާންކޮށްދިނެވެ. "އަހަރެން ދިޔަ އިރު އާމިރާ މީހެއްގެ ސައިކަލަށް އަރައިގެން ނައްޓާލަނީ. އަހަރެން ފަހަތުން އައީމޭ! ގެ ކައިރިއަށް ހުއްޓާފަ، މާ ހިންޏެއްއައިއްސަ އޭނަޔާ ކޮން ވާހަކައެއްތަ އެ ދެއްކީ؟"
އާމިރާ ހިނިއައިސްފައި ހުރެގެން މައުރޫފާ ވާހަކަދެއްކި މަގުސަދު އާމިރާއަށް ހާސިލުވިއެވެ. އެހެން ހެދީ ފައިސަލް ބަލަންއިން ތަން ފެނިގެން، ފައިސަލްގެ ލޮލަށް ތަދުކުރުމުގެ ނިޔަތުގައެވެ. މައުރޫފަކީ އާމިރާ ކުޑަކޮށް ވެސް ގަޔާވާ މީހެއް ނޫނެވެ.
"އޭނަގެ ނަން ވެސް މައުލޫމާތަށްޓަކާ ބުނެދީބަލަ!" ފައިސަލް ހިތްހަމަނުޖެހިފައި ބުންޏެވެ. "ބުނާނެކަމެއް ނެތް. އަހަރެން ބުނަންތަ؟ އެއްކަލަ މައުރޫފެއްނު އެއީ. އާމިރާއަށް ރަނގަޅަށް އެނގޭނެ އޭނަ ހުންނަނީ އާމިރާޔާ .."
އާމިރާ ފުންމައިގެން ތެދުވިއެވެ. އެއްޗެއް ބުނަންވެގެން ފައިސަލާ ދިމާއަށް އިނގިލި ދިއްކޮށްލި ވެސް މެއެވެ. އެކަމަކު އޭގެ ބޭނުމެއް އާމިރާއަކަށް ނުވިސްނުނެވެ. ދައްކާނެ އާ ވާހަކައެއް ނެތެވެ. ފައިސަލް ބެދެން އަންނަ ކޮންމެ މަޅިއެއްގެ ތެރެއިން ދެމިގެންފައި، އާމިރާގެ ކަރަށް އެ މަޅި ފައްތައިލުމަކީ، ހުޝިޔާރުކަމާ އެކުގައި ފައިސަލް ކުރާ ކަމެކެވެ. ނިމޭ އިރު އަބަދު ވެސް ކުށްވެރިވާނީ އާމިރާއެވެ. ފައިސަލަކީ ހުދު ފޮތިކޮޅެކެވެ.
"ޝުކުރުކޮށްބަލަ އޭނަގެ ސައިކަލަށް އެރިކަން." އާމިރާ މަޑުމަޑުން ބުނެލިއެވެ.
"ކީކޭ ތި ބުނީ؟ ބުނެބަލަ! ކޮބާ ތީގެ މާނައަކީ؟" ފައިސަލް ވަގުތުން އެހިއެވެ.
އާމިރާ ދިޔަ ގޮތަށް ގޮސް ފާހާނާއަށް ވަދެފައި ނިކަން ބާރަށް ދޮރުލެއްޕިއެވެ. އަނެއްކާ ވެސް ފޯނު ރަނގަބީލުވާން ފެށިއެވެ. އާމިރާ އިނީ، މަތިޖަހައިފައިވާ ފާހާނަތަށީގެ މަތިގަނޑު މަތީގައި އިށީނދެލައިގެން، ދެ އަތުން ބޮލުގައި ހިފާއްޓައިލައިގެންނެވެ. އާމިރާގެ ނަޒަރުގައި އެ ކައިވެންޏަކީ އާމިރާއަށް ނިންމުނު އެންމެ ނުބައި ނިންމުމެވެ. ފައިސަލް މަޑުމަޑުން އާމިރާގެ ދަބަސް ހުޅުވާލައިފައި އާމިރާގެ ފޯނު ނެގިއެވެ. އަރައިފައި އޮތީ ނަންބަރެކެވެ. ފައިސަލް އެ ކޯލު ނެގިއެވެ. ވާހަކައެއް ނުދައްކައެވެ.
"އޯކޭ! މެރީކުރާ ގޮތަށް މިހިރީ!" މައުރޫފު ބުންޏެވެ.
ނުނިމޭ