30 އެޕްރީލް 2023 - 12:43

ބްރައިޓަން (އޭޕްރީލް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އިން ރޭ ވުލްވްސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 6-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.
ބްރައިޓަންގެ ޑެނިސް އުންޑޭވް އާއި ޕާސްކަލް ގްރޮސްގެ އިތުރުން ޑެނީ ވެލްބެކް، މިއިން ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ދެ ގޯލު ޖަހައިފަ އެވެ.
މިއާ އެކު ބްރައިޓަން އޮތީ 31 މެޗުން 52 ޕޮއިންޓް ހޯދައިގެން ލީގުގެ އަށްވަނައިގަ އެވެ. ހަތްވަނައިގައި އޮތީ އެޓިމަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އިތުރަށް ޕޮއިންޓެއް ހޯދާފައިވާ ލިވަޕޫލެވެ. ބްރައިޓަން މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ 121 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަތަށް ޔޫރަޕްގެ މުބާރާތަކުން ޖާގަ ހޯދާށެވެ.
"މިއީ އުފާވެރި ވަގުތެއް. އަހަންނަށް ހީވަނީ އަހަރެމެންގެ ޓާގެޓަށް ވާސިލްވާން އަހަރެމެންނަށް ހައްގު ހެން، އެއީ ޔޫރަޕް،" މެޗަށް ފަހު ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒެބްރީ ބުންޏެވެ.
"އަހަރެމެންގެ ޓާގެޓަށް ވާސިލްވާން އަހަރެމެންނަށް ހައްގު ނަމަ، އަހަރެމެން އެކަން ހާސިލް ކުރަން ޖެހޭނެ."
އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ކްލަބެއް ކަމަށްވާ ޗެލްސީ މި ސީޒަންގައި ވެއްޓިފައިވާ ހާލަތާ ގުޅިގެން، އެޓިމާއި ބްރައިޓަން އަޅާ ކިޔާ މީހުން މަދެއް ނޫނެވެ.
ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ޗެލްސީގެ އާ ވެރިން މި ސީޒަންގެ ފުރަތަމަ ޓްރާންސްފާ ބާޒާރުގައި ވަނީ ބޮޑު އަގުގައި އެޓީމަށް ކުޅޭ ސްޕެއިންގެ ފުލްބެކް މާކް ކުކުރޭލާ ގެނެސްފަ އެވެ. އަދި ސީޒަން ފެށިގެން މާ ގިނަދުވަހެއް ނުވެ ކޯޗު ތޯމަސް ޓުޗެލް ވަކި ކުރުމަށް ފަހު ވަނީ ބްރައިޓަން އަށް ބޮޑު ފީއެއް ދެއްކުމަށް ފަހު އެޓީމުގެ ކޯޗުކަމުގައި ހުރި ގްރަހަމް ޕޮޓާ، ޗެލްސީގެ ދާއިމީ ކޯޗަކަށް ހަމަޖެއްސި އެވެ.
ޕޮޓާ ޗެލްސީ އަށް ދިޔުމުން ބްރައިޓަން އިން ގެނައީ އިޓަލީގެ ކޯޗެއް ކަމަށްވާ ރޮބާޓޯ ޑި ޒެބްރީ އެވެ. ޕޮޓާ އާއެކު ޗެލްސީ އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން ދަނިކޮށް މައްސަލަ ދިމާވީ ބްރައިޓަންގެ ދަނޑުގައި ޕޮޓާ ޗެލްސީ ގޮވައިގެން ނުކުތް މެޗާ ހަމައިންނެވެ. އާ ކޯޗާ އެކު ބްރައިޓަން ވަނީ އެ މެޗުގައި 4-1 އިން ޗެލްސީ ބަލިކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޗެލްސީ ކުޅުނު ފަހު މެޗެވެ. މި މަހުގެ ކުރީކޮޅު ޕޮޓާ މަގާމުން ވަކިކުރި އިރު، ބްރައިޓަން އަތުން ބަލިވި މެޗަށް ފަހު އޭނާ އަށް ޗެލްސީއާ އެކު ލީގުގައި ކާމިޔާބުވީ އެންމެ ހަތަރު މެޗެވެ.
މިދިޔަ މާޗު މަހު ލީގުގައި ޗެލްސީ އަށް ޖެހުނީ ހަ ގޯލެވެ. ޕޮޓާ މަގާމުން ވަކިކުރީ މި މަހުގެ ފުރަތަމަ މެޗުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވި މެޗަށް ފަހު އެވެ.
ޕޮޓާ މަގާމުން ވަކިކުރުމަށް ފަހު ޗެލްސީގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލު ކުރީ އެޓީމަށް ކުރިން ކޯޗު ކޮށްދިން ފްރޭންކް ލްމްޕާޑާ އެވެ. ލަމްޕާޑަކީ އެވަޓަން އާއެކު ނަތީޖާ ދަށް ވެގެން މިއަހަރުގެ ޖެނުއަރީ މަހު މަގާމު ގެއްލުނު ކޯޗެކެވެ.
ލަމްޕާޑާ އެކު ޗެލްސީ މިހާތަނަށް ލީގުގައި ތިން މެޗު ކުޅެފައި ވާއިރު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފަ އެވެ. ބައިކޮޅަށް ފަސް ގޯލު ވަދެފައި ވާއިރު ޖެހުނީ އެންމެ ގޯލެކެވެ. ޖެހި ގޯލު ވެސް އެއީ ޗެލްސީގެ އަމިއްލަ ދަނޑުގައި ބްރައިޓަން އާ ދެކޮޅަށް ޖެހި ގޯލެކެވެ. އެ މެޗުގައި ޗެލްސީ އިން ލީޑު ނެގި ނަމަވެސް ބްރައިޓަން ވަނީ ފަހަތުން އަރައި ޗެލްސީ ބަލިކޮށްފަ އެވެ.
ޗެލްސީ އޮތީ ލީގުގައި ކުޅުނު 32 މެޗުން 39 ޕޮއިންޓް ހޯދައިގެން ތަވަލްގެ 12 ވަނައިގަ އެވެ.
ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ބްރެންޓްފޯޑުން ވަނީ 2-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. އަދި ކްރިސްޓަލް ޕެލަސް އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރީ 4-3 އިންނެވެ.
ލީގުގައި ބްރެންޓްފޯޑް އޮތީ ބްރައިޓަން ފަހަތުން ތާވަލްގެ ނުވަވަނައިގަ އެވެ. އެޓީމު ވަނީ 34 މެޗު ކުޅެގެން 50 ޕޮއިންޓް ހޯދައިފަ އެވެ. ޕެލަސް އޮތީ 34 މެޗުން 40 ޕޮއިންޓް ހޯދައިގެން ތާވަލްގެ 11 ވަނައިގަ އެވެ.