25 ޖެނުއަރީ 2017 - 06:06

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް މީހުން ގޮސް ތިބި މަންޒަރު ފެންނަ ފޮޓޯއާ ހެދި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ ހުންނެވީ ކޯފާވެފަ އެވެ. މައްސަލައަކަށްވީ، ބަރަކް އޮބާމާ 2009ގައި ހުވާކުރެއްވި އިރު ހަމަ އެ ގޮތަށް ނެގި ފޮޓޯއަކާއި ޓްރަމްޕްގެ ރަސްމިއްޔާތުގެ ފޮޓޯ އަޅާކިޔޭ ގޮތަށް ރޮއިޓާސް އިން އާއްމުކުރުމެވެ. ދެ ފޮޓޯގެ ހަމައެކަނި ތަފާތަކީ ޓްރަމްޕް ހުވާކުރެއްވި ތަނަށް ދިޔަ މީހުން މާ މަދުވުމެވެ.
ސޯޝަލް މީޑިއާގައި ބާރަށް ފެތުރިގެންދިޔަ ފޮޓޯ ނެގި ގޮތް ރޮއިޓާސް އިން މިހާރު ވަނީ ކިޔައިދީފަ އެވެ.
ޖެނުއަރީ 20ގައި ބޭއްވި ރަސްމިއްޔާތުގެ އެއް ހަފްތާ ކުރިން ރޮއިޓާސް އިން ވަނީ ވޮޝިންގްޓަން މޮނިއުމެންޓުގެ މައްޗަށް އެރުމުގެ ހުއްދަ އަށް އެދި ޔޫއެސް ނެޝަނަލް ޕާކް ސާވިސް އަށް އީމެއިލް ފޮނުވައިފަ އެވެ. ރަސްމިއްޔާތު ބޭއްވި މަންޒަރު ފެންނަ އެންމެ އުސް ތަނަކީ އެ މޮނިއުމެންޓް ކަމަށް ވާތީ އެ ތަނަށް އަރައި ފޮޓޯ ނަގަން ބޭނުންވީ އެވެ.
ޕާކް ސާވިސް އިން އެ ހުއްދަ ދިނެވެ. ޝަރުތަކީ އެހެން މީޑިއާއަކުން އެދިއްޖެއްޔާ އެ ފޮޓޯ ރޮއިޓާސް އިން ދިނުމެވެ.
އެކަމަކު އެ ތަނުގެ ލިފްޓް މަރާމާތުކުރަމުން ދާތީ ފޮޓޯގްރާފަރު ލޫކަސް ޖެކްސަން އަށް ޖެހުނީ 897 ހަރުފަތް ގިރާކޮށްފައި ސިޑިން އަރާށެވެ. އެއީ 152 މީޓަރު އުހެވެ. އެލިވޭޝަނަށް ބަލާ އިރު 500 ފޫޓެވެ. ބެކްޕެކަކާއި ކޮނޑުގައި އަޅުވާ ދަބަހެއް ފުރާ ކެމެރާ ސާމާނު ހިފައިގެން އެ ތަނަށް އަރާފައި އަދި ހަރުގަނޑަކުން ވެސް އެރި އެވެ.
"އެ ތަނަށް އެރުމަކީ ޔަގީނުން ވެސް ވަރަށް އުނދަގޫ ކަމެއް،" ޖެކްސަން ރޮއިޓާސް އަށް ކިޔައިދިނެވެ.
ރޮއިޓާސް އިން ބުނީ ޖެކްސަންގެ އިތުރުން އެހާ އުހުން އެ މަންޒަރު ނެގީ ސީބީއެސްގެ ކެމެރާކުރާ މީހަކާއި ޕާކް ސާވިސްގެ ފޮޓޯގްރާފަރަކު އެކަނި ކަމަށެވެ.
"ރޮއިޓާސް އިން އާއްމުކުރީ ތާރީޚީ ދެ ވަގުތުކޮޅެއްގެ ދެ ފޮޓޯ އެކުއެކީގައި،" އެ ނިއުސް އެޖެންސީން ބުންޏެވެ.
އޮބާމާ ހުވާކުރެއްވި ދުވަހު އެއްވެ ތިބި މީހުން ފެންނަ ފޮޓޯ ނެގީ ރޮއިޓާސްގެ ސްޓެލިއޯސް ވަރިއަސް އެވެ. ރޮއިޓާސް އިން ފާހަގަކުރިގޮތުގައި ދެ ފޮޓޯ އެއްކޮށްލާފައި ޝާއިއުކުރިއަސް، މީހުން ގިނައީ ކޮން ފޮޓޯއެއްގައި ކަމެއް އޭގެ ކެޕްޝަންގައި ބުނެފައެއް ނުވާނެ އެވެ.
އެކަމަކު ޓްވިޓާގައި އެތައް ބަަޔަކު އެ ތަފާތު ފާހަގަކޮށް ޓްރަމްޕަށް ފާޑުކިޔައިފައިވާ އިރު އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ އެކު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު މައްސަލައަކީ ވެސް އެއީ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ރަސްމިއްޔާތަށް 1-1.5 މިލިއަން މީހުން ދިޔަ ކަމަށެވެ. އަދި "ދޮގުވެރި މީޑިއާ" އިން އެ ތަން ހުސްކޮށް އޮތްކަން ދައްކަން ފޮޓޯ އާއްމުކުރީ އޮޅުވާލައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ފަހުން ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ ވެސް ވިދާޅުވެފައި ވަނީ މީޑިއާ އިން ދޮގު މައުލޫމާތު ފެތުރީ ކަމަށެވެ.