29 އެޕްރީލް 2023 - 20:55

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ދެ ގައުމުން ބެހުމުގެ މައްސަލަ ނިންމުމުން ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗާގޯސްގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅާނުލާ ތިބީ ކަމަށް ބުނާ ވާހަކަ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދޮގުކުރައްވައި ދިފާއުގައި ވާހަކަ ދައްކަވައިފި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޗާގޮސް ދޫކޮށްލުމަށް ޔާމީން ކުރެއްވި ކަމެއް ސަރުކާރަށް ނުދެއްކޭނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ނުވަތަ ނުރަސްމީ ސިޓީއެއް ވެސް ފޮނުއްވާފައި ނުވާ ކަމަށެވެ.

ކެބިނެޓް މިނިސްޓަރުންނާ އެކު ރައީސް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތު ކުރައްވަމުން އަދުރޭ ވިދާޅުވީ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބުނީ ބޮޑުބައިތޯ ނުވަތަ ކުޑަބައިތޯ ބަލަން ބޭނުންނުވާ ކަމަށެވެ. އެއީ ދުވަހަކު ވެސް ރާއްޖޭގެ ސަރަހައްދު ކަމަށް ކަނޑައަޅާފައި ނެތް ނަމަވެސް އަދުރޭ ވިދާޅުވީ އެއީ ރާއްޖޭގެ "މިލްކިއްޔާތެއް" ކަމަށާއި އެތަނުން އެހެން ބަޔަކަށް ޒައްރެއްގެ މިންވަރު ވެސް ލިބިގެން ނުވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ޔާމީންގެ ސަރުކާރުގައި ލަންކާގެ ސަފީރުކަމާއި ވަޒީރުކަން ވެސް ކުރެއްވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ގެންދިޔައީ ޖޫން 2019 ގައި އަޑުއެހުންތައް ފެށީ އޮކްޓޫބަރު 2022 ގައި ކަމަށެވެ. އެހެންވެ މިއީ ޔާމީންގެ ވެރިކަމުގައި ހިނގި ކަމެއްތޯ އޭނާ ސުވާލުކުރެއްވި އެވެ.
ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށާއި އެތަން މި ސަރުކާރުން ދޫކޮށްލީ ކަމަށް އިދިކޮޅުން ބުނާތީ، ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވަނީ މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް 2017 ވަނަ އަހަރު ހުށަހެޅި އިރު އޮތީ ޕީޕީއެމްގެ ވެރިކަން ކަމަށާއި އޭރު އެ މައްސަލައިގެ ތެރެއަށް ވަދެ ޗާގޯސް އަކީ ރާއްޖޭގެ ތަނެކޭ ބުނަން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. މި މައްސަލަ އައިސީޖޭ އިން ނިންމީ 2019 ވަނަ އަހަރު، މޮރިޝަސްއާ އެއްކޮޅަށެވެ. އިޓްލޮސް އަށް މައްސަލަ ގެންދަން ގާނޫނީ ބާރު މޮރިޝަސް އަށް ލިބުނީ އައިސީޖޭ އިން މޮރިޝަސް އަށް ލިބުނު ކާމިޔާބީއާ އެކުގަ އެވެ.
މުންދު ވިދާޅުވީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮންނާނީ ކޮން ބަޔަކަށްތޯ އދ. ކަނޑައެޅިއިރު ރާއްޖެއަކީ އެ މައްސަލައިގެ ހަސްމެއް ނޫން ކަމަށެވެ. އޭރު ހަސްމުންނަކީ އިނގިރޭސިވިލާތާއި ޗާގޮސްކަމަށާއި މެއި 22، 2019 ގައި އދ. ގައި އެކަމުގެ ވޯޓުލީއިރު ރާއްޖެއިން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށް އިނގިރޭސިވިލާތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވި އިރު، އައިސީޖޭގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅަން އދ. ގައި 2017 ވަނަ އަހަރު ނެގި ވޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. މި ސަރުކާރުން 2019 ވަނަ އަހަރު ވެސް ވޯޓު ދިނީ އެގޮތަށެވެ.
"އޭރު އޮންނާނީ ވެރިކަމުގައި އަޅުގަނޑުމެންގެ ސަރުކާރެއް ނޫން. ދިވެހިރާއްޖެއިން 2019 ގައި ޖުމްލަ މި މައްސަލައާ ގުޅޭގޮތުން އދ. ގައި ނެގި ވޯޓުގައި ބައިވެރިވެ އަތް ނެގީ މޮރިޝަސްއާ ދެކޮޅަށް. އެއީ 2019 ގައި. އޭރު ވެސް ރައީސަކަށް ހުންނެވީ ހަމަ އިބްރާހިމް މުހައްމަދު ސޯލިހު،" މުންދު ވިދާޅުވި އެވެ.
އެކަމަކު މި ސަރުކާރުން އެހެން ވޯޓު ދިނުމުން ޕީޕީއެމުން އެކަން ކުށްވެރިކުރި އެވެ.
މޮންދު ވަނީ އެ މައްސަލައިގެ ތެރެއަށް އިންޑިއާ ވަދެ، ނުފޫޒު ފޯރުވިކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އޮންނަ ނުފޫޒަށް ވުރެ އިންޑިއާ އިން މޮރިޝަސްއަށް ނުފޫޒު ފޯރުވާ މިންވަރު އިތުރުވާނެ ކަމަށެވެ. ސަބަބެއް ކަަމަށް އޭނާ ވިދާޅުވީ އެތަނުގައި އިންޑިއާ މީހުން ގިނަވެފައި، އެމީހުން އިގްތިސާދުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާތީ އެވެ.
އެހެންވެ، އެކަމުގެ ތެރެއަށް އިންޑިއާ އިން ވަދެފައި ވަނީ އިންޑިއާއަށް ފައިދާވާނެ ފަދަ ޑީލެއްގެ ދަށުން ކަމަށާއި އެކަމުގައި ފައިސާގެ މުއާމަލާތެއް ހިނގާފައިވާ ނަމަ، އެކަމުގައި ވެސް އިންޑިއާ ބައިވެރިވެފައިވާނެ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
މުންދު ވިދާޅުވީ ރާއްޖެއިން ސްޓޭންޑް ބަދަލުކޮށް، ސިޓީއެއް ފޮނުވައި، މޮރިޝަސް އަށް ޗާގޯސްގެ ބާރު އޮންނާނެ ކަމަށް ބުނާ ދައުވާއަށް ތާއީދުކޮށް ރާއްޖޭން އިއުތިރާފުވި ކަމުގެ ވާހަކަތަކެއް އިވުނީ މިދިޔަ އަހަރެއްހާ ތެރެއިން ކަމަށެވެ.
"ކުޑަފަޅި" އާއި "ބޮޑުފަޅި" އާ ގުޅިގެން މުންދު ވިދާޅުވީ ކުރިން އޮތް ޕޮޒިޝަނާ އެކު ފަޅީގެ ވާހަކަ އެކަމުގެ ތެރެއަށް އަންނަން ވެސް ނުޖެހޭ ކަމަށެވެ.
"މި މައްސަލަ ފެށިގެން އަންނަނީ 1992 ގައި މޮރިޝަސް އިން ސޮވެރެން ކްލޭމަށް ލާފަހުން އަދި 1996 ގައި އިނގިރޭސިވިލާތާއި ރާއްޖެއިން ޑިސްޕިއުޓް ކްލެއިމެއް ލާ ހިސާބުން. އެކަމަކު މި ޖުމްލަ މައްސަލަ އެކި ގޮތްގޮތަށް މަޝްވަރާ ކުރެވުމުން ނުކުރެވި މި ހިސާބަށް އައިއިރު، އިބްރާހިމް މުހައްމަދު ސޯލިހު ޕޮޒިޝަން ބަދަލުކުރުމާ ހަމައަށް ރާއްޖެއިން ގެންގުޅެފައި ވަނީ ހަމަ އެންމެ ޕޮޒިޝަނެކޭ،" އޭނާ ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ދިވެހި ދައުލަތުގެ ޕޮޒިޝަނެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާ ހަމައަށް ވެސް ގެންގުޅެފައި އޮތީ ހަމަ އެންމެ ޕޮޒިޝަނެއް ކަމަށެވެ.
ސަރުކާރުން ވެސް ބުނަނީ ރާއްޖޭން ދެމެހެއްޓީ ކުރީ ސަރުކާރުތަކުގެ ސްޓޭންޑް ކަމަށާއި އެއީ މޮރިޝަސް އަށް ޗާގޯސް ހިމެނޭ ކަނޑުގެ ސަރަހައްދާ މެދު ދައުވާ ނުކުރެވޭނެ ކަމަށެވެ. އެގޮތަށް އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރުމުން ވެސް އެ ހުށަހެޅުން އިޓޮލްސް އިން ގަބޫލު ނުކޮށް ތަބާވީ އައިސީޖޭގެ ނިންމުމަށެވެ.
މުންދު ވިދާޅުވީ އިއްޔެ އިޓްލޮސް އިން ނިންމި ނިންމުން ވެސް ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އެއީ އެކަމުގައި އިނގިރޭސީންގެ ރައުޔެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގެއްލުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ކަމަށް އިދިކޮޅުން ބުނި ނަމަވެސް މިއަދުގެ ޕްރެސްގައި މުންދު ވިދާޅުވީ ކުރިން ވެސް އެ ސަރަހައްދަށް މަސްވެރިން ނުކުމެގެން އުޅޭ ނަމަ، ފޯޅަވަހީގައި ތިބޭ އެމެރިކާ ސިފައިން އައިސް އެ ސަރަހައްދުން ދުރަށް ދާން އަންގާނެ ކަމަށާއި އިޓްލޮސް އިން މައްސަލަ ނިންމިޔަސް އެކަން ހިނގާނީ އެހެން ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދު ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލު ދޭ ނަމަ 92،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރަ އެވެ. އިޓްލޮސް އިން އިއްޔެ ނިންމީ ފުށުއަރާ މި ސަރަހައްދު ބަހާނެ ގޮތަކާ މެދު ރާއްޖެ އާއި މޮރިޝަސް އަށް އެއްބަސްވުމަކަށް ނާދެވުމުން އެކަމުގައި އަމަލުކުރަން ޖެހޭނެ ގޮތެވެ.
މޮރިޝަސް އިން އެދުނު ގޮތަށް ސަރަހައްދު ބެހި ނަމަ، އެ ގައުމުން މިން އަޅަން ފަށާ ހިސާބަކީ ކޮންޓިނެންޓަލް ޝެލްފަށްވުރެ މާ ބޮޑަށް ބޭރުގައިވާ ތަނަކަށް ވާތީ، 4،687 އަކަކިލޯމީޓަރު އެ ގައުމަށް އިތުރުވެ އެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. ރާއްޖެއަށް ބޮޑު ބައި ލިބުނު ކަމަށް ބުނަނީ އެހެންވެ އެވެ.