29 އެޕްރީލް 2023 - 12:40

އުޒްބަކިސްތާނުގެ ޓަޝްކެންޓް ގައި ބުރާސްފަތި ދުވަހު ފެށި ފަސް ވަނަ ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 200 މީޓަރު އިވެންޓުގައި އުމުރުން 15 އަހަރުގެ އަހްނާ ނިޒާރާއި ޒިވާ މޫސާ ޝަފީއު ދުވި ހީޓުތަކުން ތިންވަނަ ހޯދި ނަމަވެސް ދެން އޮތް ބުރަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މިއަދު އޮތް 200 މީޓަރުގެ އަންހެން އިވެންޓް ކުރިއަށް ދިޔައީ ތިން ހީޓަކަށެވެ.
އަހްނާ ވާދަކުރި ފުރަތަމަ ހީޓުގައި އޭނާ ތިންވަނަ ހޯދީ 25.90 ސިކުންތުން ދުވެގެންނެވެ. ހީޓްގެ އެއްވަނަ އަށް ދިޔައީ 24.38 ސިކުންތުން ރޭސް ނިންމި އިންޑިއާގެ ރެޒޮއާނާ މައްލިކް ހީނާ އެވެ. ދެވަނަ އަށް ދިޔަ ހޮންގް ކޮންގްގެ ޔައު ސިން ޓިން ނިކޯލް ރޭސް ނިންމީ 24.61 ސިކުންތުންނެވެ.
ރާއްޖޭގެ ޒިވާ ދުވުނީ ދެވަނަ ހީޓުގައި ކަމަށް ވާއިރު، އޭނާ އެ ހީޓުގެ ތިންވަނަ ހޯދީ 26.25 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެ ހީޓްގެ އެއްވަނަ ހޯދީ 25.43 ސިކުންތުން ދުވި މެލޭޝިއާގެ އޮރްމިލާ އޮކްޓޭވިއާ ކޮޑޭ ނިޔާޑައު އެވެ. ދެވަނަ އަށް ދިޔައީ 26.06 ސިކުންތުން ރޭސް ފުރިހަމަކުރި ކަޒަކިސްތާނުގެ ޕުޒީރީއޮވާ ޔެކަޓެރީނާ އެވެ.
ދެން އޮތް ބުރަށް ދަތުރު ކުރީ ތިން ހީޓުން ވެސް އެއްވަނަ އާއި ދެވަނަ އަށް ދިޔަ އެތުލީޓުންގެ އިތުރުން، ދެން އެންމެ ޓައިމިން ރަނގަޅު ދެ އެތުލީޓުންނެވެ. ތިން ހީޓުން އެއްވަނަ އަދި ދެވަނަ އަށް ދިޔަ އެތުލީޓުންގެ އިތުރުން ދެން އޮތް ބުރުން ދެން ޖާގަ ހޯދާފައި ވަނީ ތިންވަނަ ހީޓުގައި ތިންވަނަ އަދި ހަތަރުވަނައަށް ދިޔަ އެތުލީޓުންނެވެ.
ތިންވަނަ ހީޓުގައި އެއްވަނަ ހޯދީ ހޮންގް ކޮންގްގެ ލީ ޓީސްޒް ޓޯ (2) އެވެ. އޭނާ ރޭސް ނިންމީ 24.74 ސިކުންތުންނެވެ. ދެވަނަ އަށް ދިޔަ ބަހްރޭންގެ ލަޔާލް ކަމާލް ރޭސް ފުރިހަމަ ކުރީ 24.86 ސިކުންތުންނެވެ. އެ ހީޓުގެ ތިންވަނަ ހޯދި ޗައިނާގެ ޒާއޯ ވެންލީ ރޭސް ނިންމާފައި ވަނީ 24.89 ސިކުންތުންނެވެ. ހަތަރުވަނަ އަށް ދިޔަ ކަޒަކިސްތާނުގެ ޝުވަލޯވާ މާރިޔާ ރޭސް ނިންމީ 24.92 ސިކުންތުންނެވެ.
މިއަދު އޮތް 200 މީޓަރުގެ ފިރިހެން އިވެންޓުގައި ރާއްޖޭގެ ޒުއިޒް މުހައްމަދު ސައުދު ވެސް ދުވުނެވެ. ހަތަރު ހީޓަށް ކުރިއަށް ގެންދިޔަ އެ އިވެންޓްގައި ޒުއިޒް ދުވުނީ ތިންވަނަ ހީޓުގަ އެވެ. އެ ހީޓުގައި 23.50 ސިކުންތުން ދުވެގެން އޭނާ ދިޔައީ ހަވަނައަށެވެ.
އަހްނާ ވަނީ މި މުބާރާތުގައި އޮތް 100 މީޓަރު އިވެންޓުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އިއްޔެ އޮތް ސެމީ ފައިނަލްގައި 12.50 ސިކުންތުން ދުވެގެން ގައުމީ ޔޫތު ރެކޯޑް މުގުރާލި ނަމަވެސް ފައިނަލް ހީޓަކަށް ނުހޮވުނެވެ.
މި މުބާރާތުގައި ޒިވާ ވަނީ 400 މީޓަރު އިވެންޓުގައި ވެސް ދުވެފަ އެވެ. ނަމަވެސް އެއް މިނިޓާއި 0.49 ސިކުންތުން ރޭސް ނިންމައިގެން އޭނާ ދިޔައީ ހީޓުގެ ފަސްވަނަ އަށެވެ. ޒިވާ ވަނީ މި މަހު އިންޑިއާގެ ބެންގަލޫރުގައި އޮތް އިންޑިއަން ގްރޯން ޕްރީގެ ތިންވަނަ މުބާރާތުގައި 200 މީޓަރު އިވެންޓުގައި 26.84 ސިކުންތުން ރޭސް ނިންމައިގެން ލޯ މެޑަލް ހާސިލް ކޮށްފަ އެވެ.