30 އެޕްރީލް 2023 - 08:54

ޗާގޯސް ރާއްޖެއަށް ގެއްލުނީ އެވެ. ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް މޮރިޝަސް އިން "ވިއްކާލީ" އެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އަނެއް ބަޔަކު ސަރުކާރަށް މަރުހަބާ ކިޔަނީ އެވެ. ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ އިން ވަކި ނުކުރެވި، ބޭނުން ގައުމަކުން ބޭނުންހާ ކަމެއް ކުރަމުން އައި ސަރަހައްދު ރަސްމީކޮށް ދެ ގައުމަށް ބައި އަޅައި އިގްތިސާދީ ސަރަހައްދުގައި ހިމެނިއިރު ރާއްޖެއަށް އޭގެ ތެރެއިން ބޮޑު ބައި ލިބުނީތީ އެވެ.

މިއީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ބަހާލުމުގެ ކުރިން އަދި އޭގެ ފަހުން ވެސް ދައްކާ ވާހަކަތަކެވެ.

އިން ކަނޑައެޅުމުގެ މައްސަލަ އިޓްލޮސްގައި ހިނގަމުން ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި، ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތު ހިނގާ ތަނެއް ނޫން ކަމަށް ރާއްޖޭން ގެންގުޅޭ ވިސްނުން ބަދަލުކޮށް މީގެ ފަހުން އދ. ގައި މި މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ދެންނެވި އެވެ. މިހާތަނަށް ތަފްސީލް ހާމަނުކޮށް އޮތް އެ ސިއްރު ސިޓީ ވެފައި ވަނީ މޮރިޝަސް އަށް ޗާގޯސް އާއި ކަނޑު "ވިއްކާލި" ކަމުގެ ތުހުމަތުގެ ފެށުމަށެވެ.
މި ސިޓީ އަކީ ރާއްޖޭގެ ކުރީގެ ސަރުކާރުތަކުން މި މައްސަލާގައި ދަމަހައްޓަމުން އައި ސިޔާސަތު ބަދަލުކުރުން ކަމަށާއި މި ސިޓީ ނުފޮނުއްވި ނަމަ ރާއްޖޭގެ ދެކުނުން 200 މޭލުގެ ސަރަހައްދެއް ލިބޭނޭ ވެސް އެބަ ބުނެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން މިހާ ހިސާބަށް ވެސް ރާއްޖޭން ބުނަމުން އައީ ޗާގޮސް އާއި ރާއްޖޭގެ އިމުން ފުށުއަރާ ސަރަހައްދުގެ މައްސަލަ އަކީ މޮރިޝަސްއަށް އެކަމުގައި ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ މީގެ ކުރިން އެކަމުގައި އިނގިރޭސި ވިލާތާ ވާހަކަ ވެސް ދެއްކި އެވެ.
ރާއްޖޭން މި ވިސްނުން އިޓްލޮސްގައި ދޫކޮށްލީ ކަމަށް ބުނުމަކީ ވަރަށް ބޮޑު ދޮގެކެވެ. މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހެޅީ އޮކްޓޫބަރު 2019 ގަ އެވެ. އެއާ އެކު ރާއްޖޭން ބުނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އިމުގެ ދެބަސްވުމެއް ނެތް ކަމަށާއި މައްސަލަ އޮތީ މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު ކަމަށެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސި ވިލާތަށްތޯ ކަނޑަނޭޅި އޮތުމުންނެވެ. އެކަމަކު އިޓްލޮސް އިން ރާއްޖޭގެ މި އިޖުރާއީ ނުކުތާ ބަލައި ނުގަތީ އެވެ. އިޓްލޮސް އިން ނިންމީ މޮރިޝަސް އަށް ޗާގޯސްގެ ސިޔާދަތު އޮންނާނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު އިސްތިޝާރީ ލަފައެއް ނެރެފައި ވާތީ އެ ލަފާގެ ސަބަބުން މޮރިޝަސް އަށް މިކަމުގައި ދައުވާކުރުގެ ގާނޫނީ ހައިސިއްޔަތު އޮންނާނެ ކަމަށެވެ. އެއީ ޖެނުއަރީ 28، 2021 ގަ އެވެ.
ރައީސް ސިޓީއެއް ފޮނުއްވީ މައްސަލަ ބެލޭނެ ކަމަށާއި ކަނޑުގެ ސަރަހައްދު ބަހަން ޖެހޭނެ ކަމަށް އިޓްލޮސް އިން ނިންމި ފަހުން މިދިޔަ އަހަރުގެ އޯގަސްޓް 22 ވަނަ ދުވަހު އެވެ.
އިޓްލޮސްގެ ނިންމުމުގައި ރައީސްގެ ސިޓީއާ ހަވާލާދީ ބުނެފައި އޮތީ އޭގައިވާ އެއްޗަކާ ގުޅިގެން ކަނޑު ބަހަން ޖެހުނު ވާހަކައެއް ނޫނެވެ. ސިޓީއަށް ހަވާލާދިނީ މައްސަލައިގެ ބޭނުމަށް ބްލެނެހެއިމް ރީފްގެ ދިރާސާތައް ކުރަން ހިނގި ހަރަދުގެ ގޮތުގައި މަދުވެގެން 460،000 ޔޫރޯ ރާއްޖޭން ދައްކަން އަމުރު ކޮށްދިނުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަކަން ބަޔާން ކޮށްދިނުމަށެވެ. މީގެ ފަހުން މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށާއި ޗާގޮސްގެ ސިޔާދަތީ ބާރު ހޯދަން ކުރާ މަސައްކަތުގައި އެއްބާރުލުން ދީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވާ ސިޓީއާ ގުޅިގެން، ފައިސާ ހޯދުމުގެ މައްސަލަ މޮރިޝަސް އިން އަނބުރާ ގެންދިޔައީ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު މޮރިޝަސް އިން ވަނީ ޗާގޮސް އަކީ އެ ގައުމުގެ ތަނެއް ކަމަށް ކަނޑައެެޅުމުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދުނެވެ. މި މައްސަލަ ހިނގަމުން ދިޔަ ނަމަވެސް އޭރުގެ ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަދެ މޮރިޝަސްގެ ހުށަހެޅުމާ ދެކޮޅަށް މަސައްކަތެއް ނުކުރެ އެވެ. އެއީ ސަބަބުތަކެއް ހުރީމަ އެވެ.
މޮރިޝަސްއަށްވުރެ ދިވެހިރާއްޖެ ޗާގޯސް ކިތަންމެ ކައިރިއަސް، މި ޖިއޮގްރަފިކަލް ގާތްކަމަކީ އެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް ރާއްޖެއަށް ގާނޫނީ ހައިސިއްޔަތެއް ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބޭ ކަމެއް ނޫނެވެ. ޗާގޯސްގައި ދުވަހަކު ވެސް ރާއްޖޭގެ ފުރިހަމަ ކޮންޓްރޯލެއް ނެތުމާއި އެތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނާނެ ކަމަށް ރާއްޖޭން ދުވަހަކު ވެސް ދައުވާ ވެސް ކޮށްފައި ނެތުމަކީ މިހާރު އެކަމުގައި ހުއްޖަތެއް ދެއްކެން ނެތް އެތައް ސަބަބުތަކުގެ ތެރެއިން މުހިންމު ސަބަބުތަކެވެ. އެހެންވެ އެއްވެސް އުންމީދެއް ނެތް ކަމެއްގެ ތެރެއަށް ވަނުމުގެ ބޭނުމެއް ނެތީ އެވެ.
އައިސީޖޭ އިން މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރު އެ މައްސަލަ ނިންމި އެވެ. ޗާގޯސް "ގެއްލިގެން" އޭރަކު ނޫޅެ އެވެ. އެކަމަކު އެއީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން މިހާތަނަށް ނިންމި އެންމެ މުހިންމު މައްސަލަ އެވެ.
ޗާގޯސްގެ ރަށްތައް ފަޅު ރަށްތަކެއްގެ ގޮތުގައި އޮއްވައި އެތަނަށް ފްރާންސުން އަރައި އަޅުން ގެންގޮސް ކާށި ތެލާއި އެއާ ގުޅޭ އެކި ތަކެތި އުފައްދައިގެން ވިޔަފާރިކުރަމުން ދިއުމަށް ފަހު 1814 ވަނަ އަހަރު ސޮއިކުރި މުއާހަދާއެއްގެ ދަށުން އިނގިރޭސި ވިލާތުގެ އިސްތިއުމާރުގެ ދަށަށް ޗާގޯސް ގެންދިޔައީ އެވެ. އޭގެ ފަހުން ޗާގޯސް އާއި އެ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ވެސް ކޮންޓްރޯލްކުރީ އިނގިރޭސި ވިލާތުންނެވެ.
ރާއްޖޭން ވެސް ތިބީ މި ގޮތަށް ގަބޫލުކޮށްގެންނެވެ. އެހެންވެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ރާއްޖޭގެ ދެކުނުން ފާހަގަކޮށް ރަސްމީކޮށް ކަނޑައެޅުމުގެ ގޮތުން އެންމެ ފުރަތަމަ 1992 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވާހަކަ ދެއްކީ އިނގިރޭސި ވިލާތާ އެކުގަ އެވެ. އެކަމަކު އެއީ ޗާގޯސް ރާއްޖެއަށް ދިނުމާ ބެހޭ ގޮތުން ކުރި މަޝްވަރާއެއް ނޫނެވެ. ކަނޑުގެ ސަރަހައްދުން ފުށުއަރާ ހިސާބުން އިން ކަނޑައަޅާނެ ގޮތުގެ މަޝްވަރާ އެވެ. މި މަޝްވަރާއަށް ފަހު އެއްބަސްވުމެއް ނުހަދައި އޮއްވައި ވެރިކަން ބަދަލުވީ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މޮރިޝަސް އަށް ކުރެއްވި ދަތުރުފުޅުތަކުގައި އިމުގެ ވާހަކަ ދެކެވުނެވެ. އެންމެ ބޮޑަށް ފާހަގަވަނީ 2011 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައި، ޗާގޯސްގައި އިނގިރޭސިިންގެ އިސްތިއުމާރު އޮތުމާ ދެކޮޅު މޭރުމަކުން ވާހަކަ ދައްކަވާފައި އޮތުމެވެ. އެ ދަތުރުފުޅުގައި ނެރުނު ދެ ގައުމުގެ ގުޅިގައިވާ ބަޔާނުގައި އޮތީ ޗާގޯސްގައި އިނގިރޭސި ވިލާތުން މެރިން ޕްރޮޓެކްޓެޑް އޭރިއާއެއް ކަނޑައަޅާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
މައުމޫންގެ ވެރިކަމުގައި ވާހަކަ ދެއްކެވީ އިނގިރޭސި ވިލާތާ އެކުގައި ކަމަށް ވިޔަސް ނަޝީދު ނިންމެވީ މޮރިޝަސް އާއި ރާއްޖޭން ވާހަކަ ދައްކައިގެން އިން ކަނޑައަޅާށެވެ. ޗާގޯސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ބަލައިގެން ނޫނީ މިކަން މިހެން ނުހިނގާނެ އެވެ.
އެހެންވެ އެއްވެސް ސަރުކާރަކުން އެއްވެސް އިރަކު ޗާގޯސް ހޯދާކަށް އަދި އެކަމާ ބެހޭ ހިޔާލެއް ވެސް ފާޅުކޮށްފައެއް ނެތެވެ. ޗާގޯސް ހޯދަން ރާއްޖޭން ކެނޑިނޭޅި މަސައްކަތްކުރަމުން އައިސް ކުއްލިއަކަށް ދޫކޮށްލައިގެން އުޅެނީ ކަމަށް ހީވާ ގޮތަށް ވާހަކަ ދެއްކިޔަސް އެއީ ދޮގެކެވެ.
ކުރިން ވެސް ހަމަ ތިބި ގޮތަށް ރާއްޖޭގެ ދެކުނުން 200 މޭލަކީ ރާއްޖޭގެ ސަރަހައްދު ކަމަށް ބަލައިގެން ތިބެންވީ ނޫންހޭ ވެސް ބުނެވިދާނެ އެވެ. އިން ކަނޑައަޅަން އިޓްލޮސް އަށް މޮރިޝަސް އިން ހުށަހެޅުމުން އެ ޓްރައިބިއުނަލް އަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ނޯންނާނެ ކަމަށް ބުނެ ރާއްޖޭން ވަކާލާތުކުރީ އެހެންވެ އެވެ. ނަމަވެސް ޗާގޯސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފާ އިޓްލޮސް އިން ގަބޫލުކޮށް މައްސަލަ ބެލޭނެ ކަމަށް ނިންމީމާ ދެން ޖެހުނީ ވީހާ ވެސް ބޮޑު ބައެއް އެ ސަރަހައްދުން ލިބޭތޯ ވަކާލާތުކުރާށެވެ.
ދެން އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބުނާ ވާހަކަ އެވެ. އޭގައި އޮންނަނީ؛
"މިގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސް ލައިންތަކުންފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ތެރެއިން، މިގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަހައްދާއި، އެސަރަހައްދުގެ ކަނޑު އަޑީގައިވާ ފަސްގަނޑަކީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދެވެ."
މި މާއްދާއަށް ބަލާފައި ރާއްޖެ ވަށައިގެން 200 މޭލު އެއީ ރާއްޖޭގެ ސަރަހައްދޭ އެކަން ބަދަލެއް ނުކުރެވޭނޭ ބުނުމަކީ ވެސް އެއްބައި އުނިކޮށްފައި ދައްކާ ވާހަކައެކެވެ. ހަމަ އެ ގާނޫނުގައި ދެން އޮންނަނީ؛
"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ ނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެގައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމެންޓެއްގެ ދަށުން ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް މިގާނޫނު ހުރަހެއް ނާޅައެވެ."
ގާނޫނުގައި އޮންނަ ގޮތުން ނަމަ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ހޯދަން ޖެހޭނީ ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދަށް ބަދަލެއް އަންނަ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެވެ. އިޓްލޮސް އިން އިން ފާހަގަކުރީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަނޑައަޅާފައި އޮތް ދިމާލެއްގައެއް ނޫނެވެ. ކުރިން ވެސް އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމުގައި ކަނޑައަޅާފައި އޮތް ނަމަ އިޓްލޮސް އިން މި މައްސަލަ ބެލުމުގައި އެކަން ފާހަގަ ވެސް ކުރާނެ އެވެ.
މި ހުރިހާ ޒަމާނަކު އެ ސަރަހައްދު އޮތީ އިނގިރޭސި ވިލާތާއި ރާއްޖެ އާއި މޮރިޝަސް ވެސް ދައުވާކުރާ ތަނެއްގެ ގޮތުގައި، ވަރަށް ބޮޑަށް ދޫކޮށްލެވިފަ އެވެ. އެކި ފާޑުގެ މަސްވެރިކަމާއި ކަނޑުމަތީގައި ހިންގާ ވަގު ވިޔަފާރިތަކާއި މިފަދަ އެތައް ކަމެއްގައި އެ ކަނޑުގެ ސަރަހައްދު ބޭނުންކުރަމުން އައީ އެވެ. ރާއްޖޭގެ އުޅަނދުފަހަރު ވެސް ދާންވީ އެވެ. އެކަމަކު އޭގެ މާނަ އަކީ އެއީ ރާއްޖޭގެ ސަރަހައްދު ކަމަށް ވާތީ އެތަނަށް ދިއުމުގެ ބާރު އޮތުމެއް ނޫނެވެ.
މިހާ ހިސާބަށް މި މައްސަލާގައި އެކި ފިކުރުގެ އެކި މީހުން ދައްކާފައިވާ އަދި ދައްކަމުން އަންނަ ވާހަކަތަކަށް ބަލާއިރު އެނގޭ ކަމަކީ މިކަމުގައި އެ މީހަކު ބޭނުންވާ ގޮތަކަށް ގަބޫލުކޮށްގެން ތިބެގެން ވާހަކަ ދެއްކުން ނޫން ކަމެއް ނުކުރާނެ ކަމެވެ. މޮރިޝަސްއާ ގުޅިގެން އިން ވަކިކުރުމުގެ މަސައްކަތް ކުރަން މީގެ ކުރިން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބައެއް ބޭފުޅުން ވެސް ފިކުރު ތަފާތުވީމާ ޗާގޯސް އެއީ ރާއްޖޭގެ ބަޔަކަށް ހަދައިގެން ދައްކާ ވާހަކައިން އެނގި ކަށަވަރުވަނީ އެކަމެވެ.