އަހްނާ، 100 މީޓަރު ދުވުމުން ގައުމީ ޔޫތު ރެކޯޑް މުގުރާލައިފި
އަހްނާ، 100 މީޓަރު ދުވުމުން ގައުމީ ޔޫތު ރެކޯޑް މުގުރާލައިފި

އުޒްބަކިސްތާނުގެ ޓަޝްކެންޓް ގައި ބުރާސްފަތި ދުވަހު ފެށި ފަސް ވަނަ ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލްގައި ވާދަކޮށް، ހދ. ކުޅުދުއްފުށްޓަށް އުފަން ރާއްޖޭގެ އުންމީދީ ސްޕްރިންޓަރު އަހްނާ ނިޒާރު އެ އިވެންޓުން ގައުމީ ޔޫތު ރެކޯޑް މުގުރާލައިފި އެވެ.

އިއްޔެ އޮތް ސެމީ ފައިނަލްގެ ދެވަނަ ހީޓުގައި ދުވެގެން އަހުނާ ރޭސް ފުރިހަމަކުރީ 12.50 ސިކުންތުންނެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުވޭތުގައި ބޭއްވި އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު އެތުލެޓިކްސް މުބާރާތުގައި 12.53 ސިކުންތުން ރޭސް ނިންމި މަރިޔަމް ރޫޔާ އަލީ އަތުގަ އެވެ.

ގައުމީ ރެކޯޑް ޓައިމިންއެއްގައި ނިންމި ނަމަވެސް، ހީޓުގެ ހަވަނައިގައި ނިންމުމުން އެ އިވެންޓުގެ ފައިނަލުން އަހްނާ އަށް ޖާގައެއް ނުލިބުނެވެ. ހީޓުގެ އެއްވަނައިގައި ނިންމީ 11.99 ސިކުންތުން ރޭސް ފުރިހަމަކުރި އިންޑިއާގެ އަބިނަޔާ ރާޖަރާޖަން އެވެ.

އުމުރުން 15 އަހަރުގެ އަހްނާ އަންނަނީ ޒުވާން އުމުރުގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީތަކާއި ކުރިއެރުންތަކެއް ހޯދަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ކަޒަކިސްތާނުގައި އޮތް 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޯށް އަހްނާ ވަނީ 60 މީޓަރު ދުވުމުގައި ވާދަކޮށް 7.89 ސިކުންތުން ރޭސް ނިންމައިގެން ގައުމީ ރެކޯޑު ހަދައިފަ އެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ 2008 ވަނަ އަހަރު ގަތަރުގެ ދޯހާގައި އޮތް އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި 8.30 ސިކުންތުން ރޭސް ނިންމި ޖައުނާ އަބްދުﷲ ނާފިޒުގެ އަތުގަ އެވެ.

ނަމަވެސް އަހްނާ އެ ރެކޯޑް ހެދިތާ 10 މިނިޓު ނުވަނީސް މަރިޔަމް ރޫޔާ އަލީ ވަނީ ޖެހިގެން އޮތް ހީޓުގައި 7.66 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެން އަހްނާގެ ރެކޯޑް މުގުރާލައިފަ އެވެ.