ދެ ދުވަހަށް ވީއިރު ވެސް ޓާޓާ ފްލެޓްގެ ލޯނު ނުލިބުމުން ގިނަ ބަޔަކު މާޔޫސްވެއްޖެ
ދެ ދުވަހަށް ވީއިރު ވެސް ޓާޓާ ފްލެޓްގެ ލޯނު ނުލިބުމުން ގިނަ ބަޔަކު މާޔޫސްވެއްޖެ

ކުރީގެ އަރަބިއްޔާ ހުރިތަނުގަ އާއި ގާކޮށީގައި ޓާޓާ ހައުސިން އިން އިމާރާތްކުރި ފްލެޓަށް ހޮވުނު މީހުންނަށް ލޯނު ހޯދަން ދިން މުއްދަތު ހަމަވާން ދެ ދުވަހަށްވީއިރު ވެސް އޭގެ ތެރެއިން ގިނަ ބަޔަކަށް ލޯނު ހަމަނުޖެހި، ފްލެޓް ނުލިބިދާނެތީ މާޔޫސްވެއްޖެ އެވެ.

މަޖީދީމަގުގައި ހުންނަ "މާލޭ ގްރޭންޑް" އަދި އަމީނީމަގުގައި ހުންނަ "މާލޭ ސްކޮއާ"ގައި ހަދާފައިވާ ފްލެޓްތައް ލިބުނު މީހުން މި މަހުގެ 26 ގެ ކުރިން އެޗްޑީސީ އަށް ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސަން ޖެހެ އެވެ. އެގޮތުން އެއްފަހަރާ ދެ މިލިއަން ރުފިޔާ ނުވަތަ ބޭންކް މެދުވެރިކޮށް ލޯނު ހޯދައިގެން ވިޔަސް އެ ފައިސާ ދައްކަން ޖެހެ އެވެ.

ފްލެޓަށް ހޮވުނު ބައެއް މީހުން "މިހާރު"އާ ވާހަކަދައްކަމުން ބުނީ ލޯނު ހޯދުމަށް މަސައްކަތް ނާކާމިޔާބުވުމުން ގިނަ ބަޔަކު އެކަމާ މިހާރަކު ނޫޅޭ ކަމަށެވެ.

"އަޅުގަނޑުމެން ހަދައިގެން އުޅޭ ވައިބާ ގްރޫޕްގައި 119 މީހުން އެބަތިބި. އޭގެ ތެރެއިން އެކަކަށް ވެސް ލޯނު ހަމައެއް ނުޖެހޭ. އެ ގްރޫޕްގައި އޭ ކެޓަގަރީގެ މީހުން ވެސް އެބައުޅޭ. އެ މީހުންނަކީ ބިންކޮޅު ދޫކޮށްލި މީހުން. އެ މީހުން ވެސް ޖެހެނީ ލޯނު ހޯދަން،" އޭނާ ބުންޏެވެ.

ފްލެޓަށް ހޮވުނު އެ މީހާ ބުނީ ލޯނު ހޯދަން ބޭންކުތަކަށް ދިއުމުން ލިބުނު ޖަވާބާ ގުޅިގެން ގިނަ ބަޔަކު މިހާރު ފްލެޓް ލިބޭނެކަމުގެ އުއްމީދު ކަނޑާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެންމެ ގިނަ ބަޔަކު ދިޔައީ އެމްއައިބީ އަށް. އެތަނުން ބަލާ ޝަރުތުތަކުގެ ތެރޭގައި އޮވޭ މަހަކު 40،000ރ.ގެ އާމްދަނީއެއް ލިބޭތޯ ޔަގީންކުރުން. މި ޝަރުތަށް ފިޓްވާ އެންމެ މީހަކު ވެސް ނޫޅޭ. ދެން ހުރި ބޭންކުތަކުގެ ޝަރުތުތައް އަދި އެއަށްވުރެ ބޮޑު،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ބޭންކުތަކުން ލޯނު ނުލިބި ތަން ގެއްލިދާނެ ކަމުގެ ބިރު ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެޗްޑީސީން ދިން މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާތީ އެ މީހުންނަށް އެ ފައިސާ ދެއްކެން އޮތް ސިޓީއަކުން ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އަޅުގަނޑުމެން މިހާރު މި އުޅެނީ އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ޖަވާބެއް ދޭން. އަޅުގަނޑުމެން ހުށަހަޅާ ގޮތަކީ ޑައުންޕޭމަންޓާއެކު ދެ މިލިއަން ރުފިޔާ 20 އަހަރު ދުވަހުން ދެއްކޭ ގޮތަށް ހަމަޖައްސައިދޭން،" އޭނާ ބުންޏެވެ.

ފްލެޓަށް ހޮވުނު މީހާ ބުނީ ލޯނު ނުލިބި ފްލެޓް ގެއްލިދާނެތީ އެކަމަށް އެއްވެސް ހައްލެއް ލިބޭތޯ ހައުސިން މިނިސްޓަރުގެ އެޕޮއިންޓްމަންޓެއް ހޯދުމަށް މަސައްކަތްކުރި ކަމަށެވެ. އަދި އެކަން ހަމަނުޖެހިގެން ނައިބު ރައީސާ ބައްދަލުކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާތަނަށް އަޅުގަނޑުމެން ކުރި މަސައްކަތުން އެދެވޭ ޖަވާބެއް ނުލިބޭ. އެހެންވެ މިހާރު މިވަނީ ހަދާނެ ގޮތް ހުސްވެފައި،" އެ މީހާ ބުންޏެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން ފައިސާ ހޯދުމަށް އެންމެ ގިނަ ބަޔަކު ހުށަހެޅީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަަށެވެ. އެ ބޭންކަށް 60 ވަރަކަށް މީހުން ހުށަހެޅިއިރު އޭގެ ތެރެއިން ލޯނު ހަމަޖެހުނީ ކިތައް މީހުންނަށް ކަމެއް ސާފެއްނުވި އެވެ.

އެ ބޭންކުގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ހޯދުމަށް މިހާތަނަށް ހުށަހެޅީ އެންމެ ފަރާތަކުން ކަމަށް އެނގިފައިވެ އެވެ.

ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ގެދޮރަށް ފައިނޭންސް ކޮށްދޭ އެންމެ ދަށް ރޭޓަކީ ނުވަ ޕަސެންޓް އިންޓަރެސްޓް ރޭޓެވެ. އޭގެ ތެރެއިން އެމްއައިބީން ޑައުންޕޭމަންޓަށް 20 ޕަސެންޓް ދެއްކުމުން އަހަރަކު ނުވަ ޕަސެންޓް ޕްރޮފިޓްގައި 20 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ފައިނޭންސް ކޮށްދެ އެވެ. މިގޮތަށް އެ ބޭންކުން ފައިނޭންސް ކޮށްދެނީ ތިން މިލިއަނަށް ވުރެ އަގު ކުޑަ ތަންތަނަށެވެ.

އެމްއައިބީގެ ރޭޓްތައް ދައްކާ ގޮތުން ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި 3،454.939ރ. ދައްކަން ޖެހެ އެވެ. އެ އަދަދު ދައްކަން ޖެހެނީ ދެ މިލިއަން ރުފިޔާ ފްލެޓަކަށް މަހަކު 14،395.58ރ. ދައްކާ ނަމަ އެވެ. އެހެން ބޭންކުތަކާއި ފައިނޭންސް ކޮށްދޭ ތަންތަނުން 20 ޕަަސެންޓް ޑައުންޕޭމަންޓް ދެއްކި ނަމަވެސް އިންޓަރެސްޓްގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް އިންޓަރެސްޓްގެ ގޮތުގައި ޗާޖްކުރެ އެވެ.

ފްލެޓަށް ހޮވުނު ފަރާތްތަކަށް އެޗްޑީސީން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އަންގާފައި ވަނީ ލޯނުގެ ކަންކަން ހަމަޖެއްސި ކަމުގެ ލިޔުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހެޅުމަށެވެ. އަދި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމަކަށް ފަހުގައި ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.

ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.