އާންމުވެގެން އުޅޭ ސިޓީއަކީ އަޅުގަނޑު ފޮނުވި ސިޓީއެއް ނޫން: ރައީސް
އާންމުވެގެން އުޅޭ ސިޓީއަކީ އަޅުގަނޑު ފޮނުވި ސިޓީއެއް ނޫން: ރައީސް

ޗާގޮސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ އާންމުވެގެން އުޅޭ ސިޓީއަކީ އެމަނިކުފާނު ފޮނުއްވާފައިވާ ސިޓީ ނޫން ކަމަށާއި އެކަމަކު ފޮނުއްވި ސިޓީފުޅުގެ ތަފުސީލު ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެއްވައިފި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޓީފުޅުގައި، އާންމުވި ސިޓީގައި ހަނގުރާމަމަތީ މަތިންދާ ބޯޓުތަކެއްގެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އޭގެ ތަފުސީލުތަކަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ސިޓީފުޅު ފޮނުއްވުމުގެ މައިގަނޑު ބޭނުމަކީ ޗާގޮސް އަކީ އިނގިރޭސިންގެ ތަނެއްކަން ރާއްޖެ އިން ދެން ނުބުނާނެ ކަމަށް ވިދާޅުވެ ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އަދި އެ ސިޓީ ފޮނުއްވީ، އޭރު މޮރިޝަސްގެ ބާރުގެ ދަށަށް ޗާގޯސް ގޮސްފައި އޮތުމާ ވެސް އެކު ކަމަށް ރައީސް ވިދާޅުވި އެވެ.

ޗާގޯސްގެ މައްސަލާގައި އދ. ގައި ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސް އާ ދެކޮޅަށް ކަމަށާއި އެއީ ގައުމުތަކުގެ އިސްތިއުމާރީ ކުރުމަށް ހިތްވަރު ލިބޭ ނިންމުމެއް ކަމަށް އޭރު ފާޑު ކިޔުންތައް އަމާޒުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، ރާއްޖެ އަކީ އިސްތިއުމާރު ކުރުމާ އަބަދު ވެސް ދެކޮޅު ގައުމެއް ކަމަށާއި އެގޮތަށް އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ، ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސް އިން ހުށަހަޅާފައިވާތީ އެކަމަށް "ޕްރޮޓެސްޓް ކުރަން" ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދުގެ ހުކުމުގެ ތަފުސީލީ ބަޔާނުގައި އަޅުގަނޑުގެ ސިޓީގެ ވާހަކަތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭގެ ފަހުން އެޓްލޮސް އިން ނިންމައިފައި އޮތީ މޮރިޝަސް އިން ހުށަހަޅާފައި އޮތް ކްލެއިމް ކުރެވޭނެއޭ. އޭގެ މާނައަކީ ޗާގޯސް އަކީ މޮރިޝަސްގެ ތަނެކޭ. އެ ވާހަކަ އަޅުގަނޑު ބުނެފައި އިންނާނީ. ދެން އެ މައްސަލަ އަތުވެއްޖިއްޔާ އަޅުގަނޑުމެން އަމަލުކުރާނީ އެގޮތަށޭ. އެއީ އިނގިރޭސިންގެ ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ."

ރައީސް ވިދާޅުވީ އެ ސިޓީގެ އެންމެ ބޮޑު ބޭނުމަކީ އަވައްޓެރި ގައުމަކަށް ވާތީ ކަން އޮތްގޮތް ހާމަކުރީ ކަމަށެވެ.

"މިއަދުގެ ހުކުމުގައި އެއޮތީ އޭގައި ލިޔެފައި އޮތް ދެ ވާހަކަ ބަރާބަރަށް،" ރައީސް ވިދާޅުވި އެވެ.

އެ ސިޓީއާ ބެހޭ ގޮތުންނާއި މި މައްސަލާގައި ސަރުކާރުން ރިޝްވަތު ނެގި ކަމަށް ދެކެވޭ ވާހަކައާ ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރައީސަކު އަނެއް ރައީސަކަށް ފޮނުވާ ސިޓީއެއް މީގެ ކުރިން ވެސް އާންމުކޮށްފައި ނުވާ ކަމަށާއި އެގޮތަށް އާންމު ކުރަން ވެއްޖެ ނަމަ ހުރިހާ ސިޓީއެއް ހުންނާނީ "ޕަބްލިކް ޑޮމެއިންގައި" ކަމަށެވެ. އެކަމަކު، އެކަހަލަ ސިޓީތަކުގެ މައުލޫމާތު ދީފައި އެބަހުރި ކަމަށާއި އެ ސިޓީގެ މައުލޫމާތުތައް ވެސް ދެއްވަން ޖެހިއްޖެ ނަމަ ދެއްވަން ތައްޔާރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ސިޓީގެ މައިގަނޑު ވާހަކަތައް މިއަދުގެ ހުކުމުގައި ވެސް އެބަހުރި ކަމަށެވެ. ރިޝްވަތު ނެގި ކަމުގެ ތުހުމަތުތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެކަހަލަ އެއްވެސް ކަމެއް ތުހުމަތު ކުރެވޭ ނަމަ، އެ މައްސަލައެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން މިނިވަން ކަމާ އެކު ކުރިޔަށް ގެންދަވަންވީ ކަމަށެވެ.

"އެއ އަޅުގަނޑު ކަމަށް ވިޔަސް، އަދި އެހެން މީހަކު ކަމަށް ވިޔަސް އެގޮތަށް ކުރިއަށް ދާންވީ،" ރައީސް ވިދާޅުވި އެވެ. އަދި އޭގެ ތަފުސީލަށް ވަޑައިގަންނަވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރުސަތު ދެއްވި އެވެ.

ޝާހިދު ވިދާޅުވީ އެކަހަލަ އެއްވެސް ހިނގާފައި ނެތް ކަމަށް، މޮރިޝަސްގެ ފޮރިން މިނިސްޓަރު ވެސް އިއްޔެ ވިދާޅުވެފައިވާ ކަމަށާއި ރާއްޖެ އަކީ އެކަހަލަ ކަމެއްގައި މޮރިޝަސްގެ ބާރު ހިނގާ ގައުމެއް ނޫން ކަމަށް ވެސް ޕްރެސް ކޮންފަރެންސެއްގައި މިިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.