28 އެޕްރީލް 2023 - 21:53

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމަކީ ދިވެހިންނަށާއި ސަރުކާރަށް ވެސް ލިބުނު ރަނގަޅު ކާމިޔާބީއެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިނިސްޓަރުންނާ އެކު އެމަނިކުފާނު މިހާރު ބާއްވަވަމުން ގެންދަވާ ނޫސްކޮންފަރެންސްގައި ރައީސް ވިދާޅުވީ މިހާރު ރާއްޖެ އަކީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން އިން ވަކިކުރެވިފައިވާ ގައުމެއް ކަމަށެވެ.
ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.
ރައީސް ވިދާޅުވީ މި ނިންމުމާ އެކު، މިރޭ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ނިންމުމާ އެއްގޮތަށް، ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓާނެ ގޮތްތަކަކާ ދޭތެރޭ މަޝްވަރާ ކުރެވުނު ކަމަށެެވެ. އޭގެ ތެރެއިން އެއް ކަމަކީ އެ ސަރަހައްދުގެ އީއީޒެޑް ބެލެހެއްޓުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އުތުރުގައި ވެސް އީއީޒެޑް ބަލަހައްޓާގޮތަށް ވަށައިގެން ބެލެހެއްޓޭ ގޮތަށް ނިންމި،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން މި މައްސަލާގައި ފިޝަރީޒް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރާ ގޮތަށް ވެސް ކަނޑައެޅުނު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިމުގެ ކަންކަން ގާނޫނުއަސާސީގައި އެބައޮތް ކަމަށާއި އެއީ އައްސޭރިފަށުން ފެށިގެން 12 ނޯޓިކަލް މެއިލް ކަމަށާއި އޭގެ އިތުރުން ކޮންމެ ގައުމަކަށް ވެސް ހާއްސަ ސަރަހައްދެއް ލިބިފައި އޮންނަ ކަމަށެވެ.
"[އެކަމަކު] ރާއްޖޭގެ ދެކުނުގެ ހާއްސަ ސަރަހައްދު މިއަދާ ހަމައަށް ވެސް ކަނޑައެއް ނޭޅެ. އެ މިން އެ ސަރަހައްދުން އަޅާއިރު، ޗާގޯސް އާ ފުށުއަރާ ސަރަހައްދެއް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަނީ ބައިނަލް އަގުވާމީ މުއާހަދާއެއްގައި ސޮއިކޮށްފައި. ދެ ހާސް ވަނަ އަހަރު ވަނީ އެ މުއާހަދާ ތަންފީޒުކުރަން ފަށައިފައި. އޭގައި ބުނާ ގޮތުން ފުށުއަރާ ސަރަހައްދެއް ވާނަމަ މިން އަޅައިފައި ދެބަޔަށް ބަހަނީ."
މިއަދު އެ ނިންމި ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިން ވަކިކުރުން ކަމަށާއި ރާއްޖެ އަކީ ބައިނަލްއަގުވާމީ އުސޫލުގެ ތެރެއިން އިން ވަކިކުރެވިފައިވާ ގައުމަކަށް މިއަދު މި ވީ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ދެކެނީ މީ އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ސަރަހައްދުން އެއްވެސް ބައެއް އުނިވެގެން ދިޔައީކީ ނޫން. އަދިކިރިޔާ (ރާއްޖޭގެ) އިން ކަނޑައެޅިގެން މި ދިޔައީ. ދެން މީގެ ތެރެއިން ތަނެއް [މީގެ ފަހުން] އުނިވާ ކަމަށް ވަންޏާ އެ ވާނީ އަޅުގަނޑުމެންގެ އަތުން ތަނެއް ގެއްލިގެން ދިޔައީ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޗާގޮސްގެ ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދަކަށް ހަދާނެ ކަމަށް، އިޓްލޮސްގައި މިއަދު މޮރިޝަސްއިން ބުނި ބުނުމަކީ ރާއްޖޭގެ މަސްވެރިންނަށް ވެސް އޮތް ހިތްހަމަޖެހުމެއް ކަމަށެވެ. ރައީސް ވިދާޅުވީ މީގެ ކުރީގައި ދެކުނުން ރާއްޖެ އަށް އޮތީ 12 މޭލުގެ ސަރަހައްދެއް ކަމަށެވެ. އެ 12 މޭލްގެ ބޭރުން ދާ އަޅައިގެން މަސްހިފުމާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކިތަންމެ ކަންތައްތަކެއް ކުރިއަސް ރާއްޖެ އަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންނަމަވެސް މިއަދު އެ ނިންމި ނިންމުމާ އެކީގައި 200 މޭލް ލިބިގެން މި ދިޔައީ. މޮރިޝަސްގެ ފުށުއަރާ ހިސާބުން ބައި ކުރެވިގެން އެ ދިޔައީ. ފުށުއަރާ ކަމަށް ވަންޏާ އާންމު އުސޫލަކީ މެދުން ބައިކުރުން. އެހެންނަމަވެސް އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކަށް ބުރަވެ އެ ކަނޑައެޅިގެން ދިޔައިރު ރާއްޖެ އަށް އިތުރަށް ލިބޭ ގޮތަށް ކަނޑައެޅިގެން މިދިޔައީ. ދެން އަޅުގަނޑުމެންގެ ކޯސްޓްގާޑުން ވެސް މިކަންކަން ބަލަހައްޓަމުން ގެންދާނެ. އަދި އަޅުގަނޑުމެންގެ މަސްވެރިންނަށް ވެސް މީގެ ފައިދާ ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޗާގޮސް ސަރަހައްދުން ހިމަޔަތް ކުރާނެ ސަރަހައްދާ ބެހޭގޮތުން ރާއްޖޭގެ އެންވަޔަރްމެންޓް މިނިސްޓްރީން ބައިނަލްއަގްވާމީ އިދާރާތަކާއި އަދި މޮރިޝަސްއާ އެކު ވާހަކަތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.