28 އެޕްރީލް 2023 - 13:11

އުޒްބަކިސްތާނުގެ ޓަޝްކެންޓް ގައި އިއްޔެ ފެށި ފަސް ވަނަ ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސް ގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އަހްނާ ނިޒާރު ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އިއްޔެގެ އިވެންޓުގައި އަހުނާ ވާދަކުރީ ހީޓް އެކެއްގަ އެވެ. ހަތް އެތުލީޓުން ވާދަކުރި ހީޓުގައި އަހްނާ ނިންމީ ހަތަރު ވަނައިގަ އެވެ. އޭނާގެ ޓައިމިން އަކީ 12.93 ސިކުންތެވެ.
ހީޓްގެ އެއް ވަނަ ހޯދީ 12.35 ސިކުންތުން ރޭސް ފުރިހަމަކުރި ހޮންގް ކޮންގް ޗައިނާގެ ލީ ޓީސްޒް ޓޯ އެވެ. ދެ ވަނައިގައި ނިންމީ 12.53 ސިކުންތުން ރޭސް ފުރިހަމަކުރި ޗައިނާގެ ޖިއާން ރުޖިލިން އެވެ. އަދި އަހްނާގެ ކުރިއަށް ތިން ވަނައިގައި ނިންމި ކޮރެއާގެ ލީ އެއުންބިންގެ ޓައިމިން އަކީ 12.75 ސިކުންތެވެ.
އަހްނާ ވަނީ ފެބްރުއަރީ މަހު ކަޒަކިސްތާނުގައި އޮތް 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލު ކޮށް ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ.
އޭޝިއާގެ 18 އަހަރުން ދަށުގެ މުބާރާތް ކުރިއަށް ދަނީ މި މަހުގެ 27 އިން 30 ގެ ނިޔަލަށެވެ. މުބާރާތުގައި އިއްޔެ ރާއްޖޭގެ އަންހެން ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއު އާއި ފިރިހެން ދުވުންތެރިޔާ ޒުއިޒް މުހައްމަދު ސައުދު ވެސް ވަނީ ދުވެފަ އެވެ. ޒިވާ އާއި ޒުއިޒް ވެސް ދުވީ 400 މީޓަރު އިވެންޓުގަ އެވެ.
އަންހެން 400 މީޓަރު ބައިގައި ދުވެގެން ޒިވާ ރޭސް ނިންމީ، ވާދަކުރި ހީޓުގެ ފަސް ވަނައިގަ އެވެ. ދެވަނަ ހީޓުގައި ދުވި ޒިވާގެ ޓައިމިން އަކީ އެއް މިނިޓާއި 0.49 ސިކުންތެވެ.
އަނެއް ބުރަށް ކޮލިފައިވީ ދެ ހީޓުން އެއް ވަނަ އާއި ދެވަނަ އަދި ތިން ވަނައިގެ އިތުރުން، ދެން އެންމެ ޓައިމިން ރަނގަޅު ދެ އެތުލީޓުންނެވެ. ޒިވާ އަށް އަނެއް ބުރުގެ ޖާގަ ގެއްލުނީ 0.24 ސިކުންތުގެ ތަފާތަކުންނެވެ. ޒިވާ ދުވި ހީޓުގެ ހަތަރު ވަނަ ހޯދި ކޮރެއާގެ ސޮން ހަންގްސޮން ވަނީ އެއް މިނިޓާއި 0.25 ސިކުންތުން ރޭސް ނިންމައި އަނެއް ބުރުން ޖާގަ ހޯދައިފަ އެވެ.
ފިރިހެން 400 މީޓަރު އިވެންޓް ކުރިއަށް ދިޔައީ ތިން ހީޓަކަށެވެ. ދެވަނަ ހީޓުގައި ދުވި ޒުއިޒް ރޭސް ނިންމީ ފަސްވަނައިގަ އެވެ. އޭނާގެ ޓައިމިން އަކީ 51.99 ސިކުންތެވެ.