މަޖިލީހުގެ ފުރަތަމަ ދައުރުގައި ނިމުނީ 39 ޕަސެންޓު މަސައްކަތް
މަޖިލީހުގެ ފުރަތަމަ ދައުރުގައި ނިމުނީ 39 ޕަސެންޓު މަސައްކަތް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މިއަދު ނިންމާލި އިރު ނިންމިފައި ވަނީ 38.9 ޕަސެންޓު މަސައްކަތް ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މަޖިލީހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ބިލްތަކާއި ގަރާރުތަކާއި ކުއްލި މައްސަލަ އާއި މިނިސްޓަރުންނާ ކުރައްވާ ސުވާލުތަކާއި އެހެނިހެން މައްސަލަތައް ހިމެނޭ ގޮތަށް ކުރީ ދައުރުގެ 90 މައްސަލައެއް މި އަހަރަށް ވަނީ ލިބިފަ އެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު 103 މައްސަލައެއް ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން ތަޅުމާއި ކޮމިޓީ މަރުހަލާގައި ހިންގާފައި ވަނީ 118 މައްސަލަ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެ މައްސަލަތަކުގެ ތެރެއިން މި ދައުރުގައި ނިންމިފައި ވަނީ 75 މައްސަލަ އެވެ. އެއީ މަޖިލީހުގައި ހުރި މަސައްކަތުގެ 38.9 ޕަސެންޓެވެ.

މަޖިލީހުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ދައުރުގެ ތެރޭގައި ނިމިފައި ވަނީ ދެ ބިލެކެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ހުށަހަޅާފައިވާ ހަތް ގަރާރަކަށް 10 ކުއްލި މައްސަލައަކަށް ވަނީ ވޯޓަށް އަހައިފަ އެވެ.

މި ދައުރުގެ ތެރޭގައި އެންމެ ގިނައިން ކޮށްފައިވާ މަސައްކަތަކީ މިނިސްޓަރުންނާ ސުވާލު ކުރުމެވެ. މި އަހަރު މިހާތަނަށް 37 ޖަލްސާގައި މިނިސްޓަރުން ހާޒިރު ކޮށްގެންނާއި ލިޔުމުން ހުށަހަޅައިގެން 41 ސުވާލެއް ވަނީ ކޮށްފަ އެވެ.

މަޖިލިސް މިއަދު ޗުއްޓީއަށް ދިޔައިރު ނުނިމި ހުރި އެންމެ ބޮޑު އެއް މަސައްކަތެއް ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ ކޮތަޅު ބޮނޑިން ޓެކްސް ނުނަގަން ސަރުކާރުން ހުށަހެޅި ބިލެވެ. ފަހު ވަގުތު އެ ބިލުގެ މަސައްކަތް އަވަސް ކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް މަޖިލިސް ނިމިގެން ދިޔައީ ބިލު ކޮމިޓީ އަށް ވެސް ނުފޮނުވަ އެވެ.