24 ޖެނުއަރީ 2017 - 11:15

ބަންޖުލް (ޖެނުއަރީ 24) - ވެރިކަން ދޫކުރައްވަން ދެކޮޅު ހެއްދެވި ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާ ޖަމޭ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާތީ ހަފުތާއެއްގެ ތެރޭގައި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އާ ރައީސް އަދަމާ ބަރޯ ވިދާޅުވެއްޖެ އެވެ.
ސީއެންއެންއާ ވާހަކަ ދައްކަވަމުން ބަރޯ ވިދާޅުވީ ކެބިނެޓަށް މެންބަރުން ހަމަޖެއްސުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ. އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ނަމަވެސް ކުރީގެ ރައީސް މަގާމު ދޫކުރައްވަން ދެކޮޅު ހެއްދެވުމުން ރައީސް ކަމުގެ ހުވާ ބަރޯ ކުރެއްވީ އަވަށްޓެރި ސެނަގާލްގަ އެވެ.
ކުރީގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގެންނެވި އިރު ގެމްބިއާގެ ޚަޒާނާ އިން 11 މިލިއަން ޑޮލަރު ގެއްލިފައިވާ މައްސަލާއާ ގުޅޭ ގޮތުން ސީއެންއެން އިން ސުވާލު ކުރުމުން ބަރޯ ވިދާޅުވީ އޭނާ ވެސް އެ މައުލޫމާތު ސާފު ކުރަމުން ގެންދަވާ ކަމަށެވެ.
"އެކަމުގެ އެންމެ ފުންމިނަށް ދާން ބޭނުންވޭ. އެކަމާ ބެހޭ ހުރިހާ ލިޔެކިޔުންތަކެއް ލިބުމުން ތަފްސީލް ހާމަކުރާނަން. މަރުކަޒީ ބޭންކާ ގުޅިގެން އެކަން ބަލަމުން މިދަނީ،" ބަރޯ ވިދާޅުވި އެވެ.
ގެމްބިއާގައި އާ ސަރުކާރު ގާއިމްކުރުމަށް މަގު ފަހިކުރުމުގެ ގޮތުން ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ބޮޑު ލަޝްކަރެއް މިހާރު ދަނީ އެ ގައުމުގައި ހަރަކާތްތެރިވަމުންނެވެ. ބަރޯ ވިދާޅުވީ ގައުމުގެ ހާލަތު ހަމައަކަށް އެޅެންދެން ބިދޭސީ ސިފައިން ގެމްބިއާގައި ތިބޭނެ ކަމަށެވެ.
ގެމްބިއާގެ ރައީސް ކަމުގެ މަގާމަށް ޔަހްޔާ ޖާމޭ ވަޑައިގަތީ 1994 ވަނަ އަހަރު ގެނައި އިންގިލާބެއްގަ އެވެ. އިންތިޚާބުން ނާކާމޔާބުވެވަޑައިގަތުމުން ވެސް ގޮތް ދޫނުކުރައްވައި ހުންނެވުމަށް ފަހު މަގާމު ދޫކޮށްލެއްވީ މޮރިޓޭނިއާގެ ރައީސާއި ގިނީގެ ރައީސް މެދުވެރިވެވަޑައިގެން ދެއްކެވި ވާހަކަތަކަށް ފަހު އެވެ.