ސްޓެލްކޯ އިން ލަފާކުރަނީ ކޮންމެ ގެއެއްގެ ބިލުން 500ރ. އިތުރުވާނެ ކަމަށް
ސްޓެލްކޯ އިން ލަފާކުރަނީ ކޮންމެ ގެއެއްގެ ބިލުން 500ރ. އިތުރުވާނެ ކަމަށް

އެހެން މަސްތަކާ އަޅާބަލާއިރު، މި މަހު ކަރަންޓް ބޭނުންކުރި ވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކޮންމެ ގޭބިސީއެއްގެ ބިލުން އެވްރެޖްކޮށް 500ރ. ބޮޑުވާނެ ކަމަށް ސްޓެލްކޯ އިން އަންދާޒާކޮށްފި އެވެ.

ކޮންމެ އަހަރަކު ވެސް މާޗު މަހުގެ ފަހުކޮޅުން ފެށިގެން އޭޕްރީލް މަހާއި މެއި މަހަށް ރާއްޖެ އަށް ހޫނުމިން އިތުރެވެ. އެ ދުވަސްވަރު ކަރަންޓް ބޭނުންކުރާ ވަރު އިތުރު ކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ދުވަސްވަރު ކަރަންޓް ބިލް ބޮޑުވާ ސަބަބުތައް ތަފްސީލްކޮށްދޭން ސްޓެލްކޯ އިން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއްގައި އިންޖިނިއަރުން ވިދާޅުވީ އެޕްރީލް މަހަށް ބަލާއިރު، ކޮންމެ މީޓަރަކުން ގާތްގަނޑަކަށް 500 ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ އެވްރެޖްކޮށް ކަރަންޓް ބޭނުންކުރި ވަރު 75 ޕަސެންޓަށް އިތުރުވެފައިވާތީ އެވެ.

ބިލް ބޮޑުވަނީ ހޫނުގަދަ މި ދުވަސްވަރު، އާންމުކޮށް އެންމެ މަތިން ކަރަންޓް ބޭނުން ކުރާ އިލެކްޓްރިކް ސާމާނުތަކަށް ލޯޑް ބޮޑުވާތީ އެވެ. އިންޖިނޭރުން މިސާލު ނެންގެވީ އޭސީންނެވެ. މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން އެތެރޭގެ ހޫނު ކުޑަ ކުރުމަށްޓަކައި އޭސީން ކުރާ މަސައްކަތް އިތުރުވެ އެވެ.

އެކަމަކު ވާރޭ ވެހޭ ދުވަސްވަރެއްގައި ފިނި ކުރަން އޭސީއަށް ލޯޑުކުޑަކަން އިންޖިނޭރުން ފާހަގަކުރި އެވެ.

"ތިބޭފުޅުންނަށް މިކަން ބަލާލެވިދާނެ ގޭގައި ހުންނަ މީޓަރު މަސައްކަތް ކުރާ ގޮތް ބަލާލައިގެން. ކަރަންޓް ބޭނުން ކުރުން އިތުރުވާ ނަމަ މީޓަރުގައި ހުންނަ ނިވިދިއްލޭ ބޮކި ނިވިދިއްލުން އަވަސްވާނެ. ބޭނުން ކުރާވަރު އިންތިހާ އަށް އިތުރުވުމުން އެ ބޮކި ސިކުންތަކު ދެ ފަހަރަށް ވެސް ދިއްލޭނެ، ފަހަރަކު އެއްޗެއް ނިއްވަމުން ދިއުމުން ބޮކި ނިވިދިއްލުމަށް ބަދަލު އަންނާނެ. ކަރަންޓް ބޭނުންކުރާ ވަރު އެންމެ ދަށްވުމުން އެ ބޮކި ނިވިފައި ދިއްލޭނީ ކޮންމެ ހަ ސިކުންތަކުން އެއްފަހަރު،" ސްޓެލްކޯގެ ސީނިއާ މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވި އެވެ.

ކަރަންޓް ބިލް ބޮޑުވުމުން ޝަކުވާތައް ގިނަވާނެކަން އެނގިތިބެ، ސްޓެލްކޯއިން ދޭ ޔަގީން ކަމަކީ ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކުން ބިލް ނުކުރާނެ ކަމެވެ.

އެ ކުންފުނީގެ އިންޖިނިއަރު އިސްމާއީލް ނިޝާރު ވިދާޅުވި ގޮތުގައި އަމިއްލަ ގޭގައި ހުންނަ މީޓަރަށް އަރާވަރު ކަސްޓަމަރުންނަށް އަމިއްލަ އަށް ބަލައި ލެވޭނެ އެވެ. ސްޓެލްކޯއަށް އެއްވެސް ގޭބިސީއެއްގެ ނުވަތަ އިދާރާއެއްގެ ބިލާ ނުކުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޭގެ ބިލް މަތި ކުރަންޏާ ސްޓެލްކޯގެ މުވައްޒަފަކު ކޮންމެ ގެޔަކަށް ގޮސް އެ ގެއެއްގައި ހުރި އޭސީތައް 16 އަށް ލާފައި ހުރިހާ އިލެކްޓްރިކް ސާމާނެއް ޖައްސާފައި އައީމަ ބިލް ހިނގާނެ، ސްޓެލްކޯ އަށް ފައިދާވާނެ. އެކަމަކު އަޅުގަނޑުމެންގެ މަގުސަދަކީ ބޮޑު ބިލެއް ކަސްޓަމަރުންނަށް ދިނުމެއް ނޫން،" ނިޝާރު ވިދާޅުވި އެވެ.

ގޭގޭގެ ކަރަންޓް ބިލް ބޮޑުވާ ބައެއް ސަބަބު ވެސް އޭނާ ވިދާޅުވެދެއްވި އެވެ.

ވަރަށް ގިނަ ގޭބިސީތަކުގައި އޭސީ ދަށުގައި އަލަމާރި ބަހައްޓާފައި ހުރެ އެވެ.

އޭނާ ވިދާޅުވީ އޭގެ ސަބަބުން ކޮޓަރިއަށް ފިނި ފޯރުކޮށްދޭން އޭސީން ކުރަން ޖެހޭ މަސައްކަތް އިތުރުވާ ކަމަށެވެ. އެހެންވެ އޭނާ ލަފާދިނީ އޭސީ ދަށުގައި އެއްވެސް އަލަމާރި ނުވަތަ ދިގު ކަބަޑު ފަދަ ތަކެތި ނުބެހެއްޓުމަށެވެ.

އޭސީ ހަރުކޮށްފައި ހުންނަ ތަންތަން ރަނގަޅަށް ބަންދުނުވެ ހުރުމަކީ ވެސް އޭސީގެ މަސައްކަތް އިތުރުވާ ސަބަބެކެވެ. ދެން އަނެއް ކަމަކީ އޭސީގެ އައުޓްޑޯ ޔުނިޓް ހަރުކުރާއިރު ގޭގައި ހަރުކޮށްފައި ހުންނަ އެހެން އައުޓްޑޯ ޔުނިޓްތަކާ ކައިރީގައި ހުރުމެވެ.

އެއީ ވެސް ލޯޑުބޮޑުވެ، ކަރަންޓް ބިލް ބޮޑުވާން ދިމާވާ ސަބަބެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.