އަޅުގަނޑަކީ ރާއްޖޭގެ ނިންމުންތަކަށް ނުފޫޒު ފޯރުވޭނެ މީހެއް ނޫން: މޮރިޝަސްގެ ފޮރިން މިނިސްޓަރު
އަޅުގަނޑަކީ ރާއްޖޭގެ ނިންމުންތަކަށް ނުފޫޒު ފޯރުވޭނެ މީހެއް ނޫން: މޮރިޝަސްގެ ފޮރިން މިނިސްޓަރު

ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ބާރު ނޯންނާނެ ކަމަށް ރާއްޖޭން ދަމަހައްޓަމުން އައި ސިޔާސަތު ބަދަލުކުރުމުގައި ރިޝްވަތު ހިމެނޭ ކަމަށް ކުރާ ތުހުމަތަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު އަލަން ގަނޫ ރައްދު ދެއްވައިފި އެވެ.

ރާއްޖެ އާއި މޮރިޝަސް އިން ކޮންމެ ގައުމަކުން 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ކަނޑައެޅުމުން ފުރުއަރާ ސަރަހައްދު ބެހުމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މާދަމާ ނިންމާއިރު ރާއްޖޭގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނީ ރާއްޖޭން ބައެއް ދޫކޮށްލަނީ ކަމަށް ބުނެ އެވެ. އެގޮތަށް ނިންމީ 500 މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަގައިގެން ކަމަށް ބުނެ ރާއްޖޭގެ ބައެއް މީހުން ގެންދަނީ ތުހުމަތުކުރަމުންނެވެ.

އެ ވާހަކަތައް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދެއްކުމުން މޮރިޝަސްގެ ފޮރިން މިނިސްޓަރު އަލަން ގަނޫއާ ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ 500 މިލިއަނުގެ ވާހަކަ ފެނިވަޑައިގަތީ އެހެން މީހުންނަށް ވެސް ފެނުނު ގޮތަށް ނޫސްތަކުން ކަމަށެވެ.

އިއްޔެ ފެށި އިންޑިއަން އޯޝަން ޑްރަގް އެބިއުސް ކޮންފަރެންސްގެ ހަވާސާގައި ފޮރިން މިނިސްޓަރާ ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ އޭނާ އަކީ ރާއްޖޭގެ ނިންމުންތަކަށް ނުފޫޒު ފޯރުވޭ ފެންވަރުގެ ބޭފުޅެއް ނޫން ކަމަށެވެ. އެ ތުހުމަތާ ބެހޭ ގޮތުން އިތުރަށް އެއްޗެއް ދަންނަވަން އެނގިވަޑައިގަންނަވާނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދެއްކި ވާހަކަތައް އެނގިވަޑައިގަތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ ސަރަހައްދު ބަހާލުމުގެ މައްސަލަ އިޓްލޮސް އަށް ނުބެލޭނެ ކަމަށް ރާއްޖޭން އައީ ވަކާލާތު ކުރަމުންނެވެ. އެއީ އެ ސަރަހައްދަށް ސިޔާދަތު ހިނގާނީ އިނގިރޭސި ވިލާތަށް ކަމެއް ނުވަތަ މޮރިޝަސްއަށް ކަމެއް ކަނޑައެޅިފައި ނެތުމުންނެވެ. އެކަމަކު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިކަމުގައި މޮރިޝަސްއާ އެއްކޮޅަށް ނިންމުމުން އިޓްލޮސް އިން ވެސް އެ ނިންމުމަށް ތާއީދުކޮށް ކަނޑައެޅީ ކަނޑުގެ ސަރަހައްދު ބަހަން ޖެހޭނެ ކަމަށާއި އެކަން އެ ޓްރައިބިއުނަލަށް ބެލޭނެ ކަމަށެވެ.

އެގޮތަށް ނިންމި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައި، މީގެ ފަހުން ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ބުނާ މައްސަލަތަކުގައި އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެ ސިޓީފުޅު ހާމަ ނުކުރާތީ ތުހުމަތުތައް އުފައްދައި ރާއްޖޭން ބައެއް މޮރިޝަސްއަށް ވިއްކާލީ ކަމަށް ބުނެ ވެސް ދަނީ ތުހުމަތުކުރަމުންނެވެ. އެ ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.