28 އެޕްރީލް 2023 - 08:03

ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ "ދަ ވިޗާ" ގެ ތިން ވަނަ ސީޒަންގެ ޓީޒާ ދައްކާލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ނެރުނު އެ ޓީޒާގައި ސީރީޒްގެ ލީޑުން ފެންނަ ގެރަލްޓް އޮފް ރިވިއާ ގެ ރޯލުން ހެންރީ ކެވިލް ފެންނައިރު، ޔެނެފާ ގެ ރޯލަށް އަންޔާ ޗަލޯޓްރާ އަދި ސިރީގެ ރޯލަށް ފްރެޔާ އެލަން އެނބުރި އައިސްފައިވެ އެވެ. އޭގެ އިތުރުން، ޑެންޑިލަޔަން ގެ ރޯލުން ޖޭކޮބް ބޭޓީ ވެސް އެނބުރި އައިސްފައިވެ އެވެ.
ޓްވިޓާގައި ވިޗާގެ ފަސްޓްލުކް ޕޯސްޓަ ރިލީޒްކުރުމާ އެކު ފޭނުންގެ ހިތާމަވެރި ޝަކުވާތަކުން މުޅި ޓްވިޓާ ފުރާލި އެވެ. އެއީ ވިޗާގެ މެއިން ކެރެކްޓާގެ ރޯލުން ހެންރީ ފެންނާނެ މިއީ ފަހު ސީޒަނަށް ވުމުންނެވެ.
އެއްބަޔަކު ގަބޫލުކުރާ ގޮތުން މި ސީޒަން ވާނީ ވިޗާގެ އެންމެ ފަހު ރީތި ސިޒަނަށް ކަމަށް ބުނާއިރު، އަނެއް ބަޔަކު ބުނަނީ އެ މީހުން މި ސީޒަން ބަލަނީ ވެސް ހެންރީ ކެވިލްއަށްޓަކައި ކަމަށެވެ.
މީގެ ކުރިން ހެންރީ ވަނީ އިންސްޓަގްރާމުގައި މި ސީޒަން އަކީ އޭނާ ގެރެލްޓް ރޯލުން ފެންނާނެ އެންމެ ފަހު ސީޒަން ކަން އިއުލާނުކޮށްފަ އެވެ. އަދި އެ ޕޯސްޓުގައި "ވިޗާ" ގެ ސްޓައިލަށް އޭނާ ވަނީ އެ ރޯލު އެކްޓަރު ލިއަމްސް ހެމްސްވޯތާ ހަވާލުކޮށްފަ އެވެ.
އެ ޕޯސްޓަށް ފަހު ލިއަމް ބުނީ ވިޗާގެ ފޭނެއްގެ ހައިސިއްޔަތުން ގެރަލްޓު ރޯލު ކުޅެން ލިބުމުން ހުރީ ވަރަށް އުފަލުން ކަމަށެވެ.
"ހެންރީ ކެވިލް ގެރަލްޓު ގެ ރޯލު ވަރަށް ފުރިހަމައަށް ވަނީ ކުޅެދީފައި. ވައިޓް ވޮލްފުގެ ކަނޑި އުފުއްލާލަން އަހަންނަށް ހަވާލުކުރުމަކީ ލިބޭ ބޮޑު ޝަރަފެއް." ލިއަމް ބުންޏެވެ.
ލިއަމް ބުނީ އޭނާ އަކީ ވަރަށް ދުވަސްވީ ހެންރީގެ ފޭނެއް ކަމަށާއި ގެރަލްޓުގެ ކެރެކްޓާ ކުޅެފައިވާ ގޮތުން އޭނާ ވަރަށް އިންސްޕަޔާ ވާ ކަމަށެވެ.
"ދަ ވިޗާ" ގެ ސީޒަން 3 ރިލީޒްކުރަން ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި ޖޫންގެ މަހުގެ ފަހުކޮޅު ރިލީޒްކުރާއިރު ފަހު ބައި ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.