24 ޖެނުއަރީ 2017 - 10:49

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މާޗު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް މާލޭގައި ކުޅެން ޖެހިއްޖެ އެވެ.
އިއްޔެ އަބޫ ދާބީގައި ކުރިޔަށްދިޔަ ގުރުނެގުމުގައި ރާއްޖެ ލައްވާލީ ފަލަސްތީނުގެ އިތުރުން އޮމާނާއި ބޫޓާނާ އެކު ގްރޫޕް ޑީ އަށެވެ. ކޮންމެ ގްރޫޕަކުން ވެސް 2019 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށެވެ.
ރާއްޖެ އާއި ފަލަސްތީން ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައި މާލޭގައި ބައްދަލުކޮށްފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަލަސްތީނާ ރާއްޖެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވީ އެވެ. އޭގެ ކުރިން 2012 ވަނަ އަހަރު ނޭޕާލުގައި އޮތް ޗެލެންޖް ކަޕުން ރާއްޖެ ވަނީ ފަލަސްތީން އަތުން 2-0 އިން ބަލިވެފަ އެވެ.
ރާއްޖެ ވާދަކުރަން ޖެހޭ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަކޮށް ފެންނަނީ އޮމާނެވެ. ރާއްޖެ އާއި އޮމާން އެންމެ ފަހުން ބައްދަލުކުރީ 2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ ފަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން އޮމާން މޮޅުވީ 3-0 އިންނެވެ.
މެޗުތައް ރޭވިފައިވާ ގޮތަށް ބަލާއިރު ރާއްޖެ ކުޅެން ޖެހޭ ފަހު ތިން މެޗުގެ ތެރެއިން ދެ މެޗު އޮންނާނީ އަމިއްލަ ދަނޑުގަ އެވެ. މިއީ ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނިގެން މުބާރާތަށް ކޮލިފައިވާން ރާއްޖެ އަށް އޮތް ބޮޑު އެޑްވާންޓޭޖެކެވެ.
ދިވެހިރާއްޖެ - ފަލަސްތީން (28 މާޗް 2017 މާލެ)
ބޫޓާން - ދިވެހިރާއްޖެ (13 ޖޫން 2017 ތިމްޕޫ)
އޮމާން - ދިވެހިރާއްޖެ (5 ސެޕްޓެމްބަރު 2017، މަސްކަޓް)
ދިވެހިރާއްޖެ - އޮމާން (10 އޮކްޓޫބަރު 2017، މާލެ)
ފަލަސްތީން - ދިވެހިރާއްޖެ (14 ނޮވެމްބަރު 2017، އަލް-ރާމް)
ދިވެހިރާއްޖެ - ބޫޓާން (27 މާޗް 2018، މާލެ)