ލޯނު އުސޫލުން ކުޅޭ ފޯވާޑެއް ރެއާލް ކޮޅަށް ހަތަރު ގޯލު ޖަހައިފި
ލޯނު އުސޫލުން ކުޅޭ ފޯވާޑެއް ރެއާލް ކޮޅަށް ހަތަރު ގޯލު ޖަހައިފި

ގިރޯނާ (އޭޕްރީލް 26) - ސްޕެނިޝް ލީގުގެ ގިރޯނާ އަށް ލޯނު އުސޫލުން މި ސީޒަންގައި ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޓަޓީ ކަސްޓެޔާނޯސް ހަތަރު ގޯލު ޖަހައި 4-2 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

ލޯނު އުސޫލުން ކުޅޭ ފޯވާޑެއް ރެއާލް ކޮޅަށް ހަތަރު ގޯލު ޖަހައިފި
ލޯނު އުސޫލުން ކުޅޭ ފޯވާޑެއް ރެއާލް ކޮޅަށް ހަތަރު ގޯލު ޖަހައިފި

މިއީ 1947 ވަނަ އަހަރަށް ފަހު ސްޕެނިޝް ލީގު މެޗެއްގައި އެއް ކުޅުންތެރިއަކު ރެއާލް މެޑްރިޑް ކޮޅަށް ހަތަރު ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އަދި ހުރިހާ މުބާރާތަކަށް ބަލާއިރު އެންމެ ފަހުން ރެއާލް ކޮޅަށް އެއް މެޗެއްގައި ހަތަރު ގޯލު ޖެހީ، 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި އޭރު ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ރޮބާޓް ލެވަންޑޯސްކީ އެވެ.

އަމިއްލަ ދަނޑުގައި ރޭ ގިރޯނާ އިން ލީޑު ނެގީ މެޗުގެ 12 ވަނަ މިނިޓުގައި ކަސްޓެޔާނޯސް ޖަހައިދިން ގޯލުންނެވެ. އަދި ކަސްޓެޔާނޯސް ވަނީ 24 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ރެއާލް ހާސް ކޮށްލައިފަ އެވެ. ނަމަވެސް 34 ވަނަ މިނިޓުގައި ވިނީޝީއަސް ޖޫނިއާ ވަނީ ގޯލެއް ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަ ކޮށްދީފަ އެވެ.

ކަސްޓެޔާނޯސް ވަނީ ދެވަނަ ހާފު ފެށިތާ 34 ސިކުންތު ތެރޭ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އަދި ހަތަރުވަނަ ގޯލު ޖެހީ 62 ވަނަ މިނިޓުގަ އެވެ. ރެއާލްގެ ދެވަނަ ގޯލު 85 ވަނަ މިނިޓުގައި ޖެހީ ލޫކަސް ވަސްގޭޒް އެވެ.

ގިރޯނާގެ އޯނާޝިޕްގެ ބޮޑޫ ހިއްސާއެއް އޮންނަނީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބް މެންޗެސްޓާ ސިޓީގެ ވެރިން ކަމަށްވާ ސިޓީ ފުޓްބޯލް ގުރޫޕްގެ އަތުގަ އެވެ. ކަސްޓެޔާނޯސް އަކީ ސިޓީ ފުޓްބޯލް ގުރޫޕުން އެމެރިކާގައި ހިންގާ ނިއުޔޯކް ސިޓީ ފުޓްބޯލް ކްލަބުގެ ކުޅުންތެރިއެކެވެ.

މި މެޗުގައި ރެއާލުން ކުޅުނީ އަނިޔާގެ ސަބަބުން ގޯލްކީޕަރު ތިބައު ކޯޓުއާ އާއި ކެޕްޓަން ކަރީމް ބެންޒެމާ ނުލައެވެ. ރެއާލްގެ ގޯލު ބެލެހެއްޓީ އެޓީމުގެ ރިޒާވް ކީޕަރު، ޔޫކްރޭންގެ އަންޑްރީ ލުނިން އެވެ.

މެޗުން ބަލިވުމުން ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ މިހާރު އޮތް 11 ޕޮއިންޓްގެ ލީޑު އިތުރަށް ފުޅާ ކުރަން ފުރުސަތު ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ ރެއާލާ ދެ ޕޮއިންޓް ގާތަށް ޖެހިލަން ފުރުސަތު ލިބިފަ އެވެ.

ރެއާލަށް ވަނީ 31 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 30 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ 30 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

ބާސެލޯނާ މިރޭ ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ނުކުންނައިރު އެތުލެޓިކޯ އަމިއްލަ ދަނޑުގައި ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.